ރާއްޖޭގައި ބޭނުންކުރާ ޕާސްޕޯޓް ބުކްލެޓްތަކުގެ ސްޓޮކް ހުސްވަމުންދާތީ، ޕާސްޕޯޓުގެ މުއްދަތު އިތުރު ކުރުމަށް މެނުއަލް އެކްސްޓެންޝަން ޖެހުމުގެ މަސައްކަތް ފެށުމަށް ތައްޔާރުވަމުންދާ ކަމުގެ މައުލޫމާތު ލިބިއްޖެ އެވެ.

ރާއްޖެއެމްވީއަށް އިތުބާރު ހުރި މަސްދަރަކުން ވިދާޅުވީ، ޕާސްޕޯޓުގެ އައު ސްޓޮކެއް ލިބޭނެ ކަމަށް ބެލެވެނީ އަންނަ އަހަރު ކަމަށެވެ. އަދި މި ވަގުތު 48 ސަފްހާގެ އިލެކްޓްރޯނިކް ޕާސްޕޯޓު ހެއްދެނީ ކޮންޓްރޯލަރ ޖެނެރަލް (ސީޖީ) ފާސްކުރާ މީހުންނަށް އެކަނި ކަމަށް އޭނާ ވިދާޅުވި އެވެ. މީގެއިތުރުން ނޮން-އިލެކްޓްރޯނިކް ޕާސްޕޯޓް ސްޓޮކް ވެސް މިހާރު ހުރީ ހުސްވާން ވަރަށް ކައިރިވެފައި ކަމަށް ވިދާޅުވި އެވެ. 

މީގެއިތުރުން ޕާސްޕޯޓް ޑިވިޝަންގެ މުވައްޒަފަކު ކަށަވަރުކޮށްދީފައިވާ ގޮތުގައި، މިހާރު ހުރި ޕާސްޕޯޓުތަކުގެ އޮބްޒަވޭޝަން ޕޭޖަށް މެނުއަލްކޮށް މުއްދަތު އިތުރުކުރުމަށް ވަނީ ނިންމާފަ އެވެ. އަދި އޭނާ ބުނީ ކުރިއަށް އޮތް ތަނުގައި އައު ޕާސްޕޯޓު ހެއްދޭނީ ހަމައެކަނި ސީޖީގެ އެޕްރޫވަލް ލިބޭ ފަރާތްތަކަށް އެކަނި ކަމަށް ހަމަޖެއްސުމަށް ވެސް މަޝްވަރާކުރަމުންދާ ކަމަށެވެ. 

އެ މުވައްޒަފު މައުލޫމާތު ދިން ގޮތުގައި، މިގޮތަށް އޮބްޒަވޭޝަން ޕޭޖުގައި މެނުއަލްކޮށް މުއްދަތު އިތުރުކޮށްގެން ދަތުރުކުރުމުގައި ރާއްޖެއިން ބޭރުން އެކި ކަހަލަ ދަތިތަކާއި އުނދަގޫތައް ދަތުރުވެރިންނަށް ކުރިމަތިވާނެ އެވެ.

މި މައްސަލައާ ގުޅިގެން އިމިގްރޭޝަން މީޑިއާ އޮފިޝަލަށް ގުޅުމުން ވިދާޅުވީ، މިފަދަ ނިންމުމެއް ނިންމާފައިނުވާ ކަމަށާއި، އައު ސްޓޮކް މިމަހުގެ ނިޔަލަށް ލިބޭނެ ކަމަށް މައުލޫމާތު ލިބޭ ކަމަށެވެ. އަދި ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާ ގުޅޭގޮތުން މަޝްވަރާ ބައްދަލުވުންތައް ކުރިއަށް ދިޔަތޯ ސުވާލު ކުރި ނަމަވެސް އެ ސުވާލަށް ސީދާ ޖަވާބެއް ދެއްވާފައިނުވެ އެވެ.