ދ. ކުޑަހުވަދޫގައި އަލަށް އާބާދުވާ ސަރަހައްދުގައި
އަސާސީ ޚިދުމަތްތައް ފުރިހަމަނުވެ ގިނަ ދުވަސްވަމުންދާތީ އެ ސަރަހައްދުގައި ގެދޮރު
ހަދައިގެން ބަދަލުވުމަށް ތައްޔާރުވެފައިވާ ރައްޔިތުންނާއި އެރަށު ކައުންސިލުން ކަންބޮޑުވުން
ފާޅުކޮށްފިއެވެ.
އެ ދާއިރާގެ ޕީއެންސީ މެންބަރު ކެމްޕޭނުގައި ވިދާޅުވި
ވައުދުތައް ފުއްދިފައި ނުވާކަން ފާހަގަކުރައްވައި ކައުންސިލުން ވަނީ އެކަމުގެ
ކަންބޮޑުވުން ރާއްޖެޓީވީއާ ހިއްސާކޮށްފަ އެވެ. އެގޮތުން މެންބަރުކަމަށް ހޮވޭތާ ކުޑަ
ދުވަސްކޮޅެއްގެ ތެރޭގައި އެ ސަރަހައްދަށް ފެނާއި ނަރުދަމާ އަދި ކަރަންޓުގެ ޚިދުމަތް
ލިބޭނެ ކަމަށް މެންބަރު ހުސައިން ހަމީދު މަޖިލިސް އިންތިޚާބުގެ ކެމްޕޭނުގައި ވިދާޅުވެފައިވާ
ކަމަށް ކައުންސިލުން މައުލޫމާތުދެ އެވެ.
ނަމަވެސް މިހާރު އޭގެ ފަހުންވެސް ދެއަހަރުވާން ދާއިރު،
މިހާތަނަށް އެކަންކަން މި ސަރަހައްދުގައި ޤާއިމުކޮށްދެވިފައި ނުވާކަން ކައުންސިލުން
ފާހަގަކުރި އެވެ.
އެތަނުގައި ގިނަ މީހުން ބޭންކުން ލޯނު ނަގައިގެން ގެ
ހެދުމުގެ މަސައްކަތްކޮށް ނިންމައި، ބައެއް މީހުން މިހާރު ތިބީ ގެތަކަށް ބަދަލުވާން ވެސް
ތައްޔާރުވެފަ އެވެ. ނަމަވެސް އަސާސީ ޚިދުމަތްތައް ފުރިހަމަނުވާތީ އެކަން ކުރެވޭނެ ގޮތެއް
ނެތްކަން ކައުންސިލުން ފާހަގަކުރި އެވެ.
މީގެ އިތުރުން، ކައުންސިލު އިންތިޚާބާ ދިމާކޮށް މި މަސައްކަތް
ކުރާކަން ދައްކުވައިދިނުމަށް މަސައްކަތް ކުރިކަމަށާއި، ނަމަވެސް ހަގީގަތުގައި އެއްވެސް
ކަމެއް ކުރިއަކަށް ނުދާކަން ކައުންސިލުން ފާހަގަކުރެލި އެވެ. ނަމަވެސް ދާއިރާގެ މެންބަރު
އަދިވެސް ވިދާޅުވަމުން ގެންދަވަނީ މި މަސައްކަތަށް ބޭނުންވާ ތަކެތި ގެނައުމުގެ މަގުމަތީގައި
މިހާރު ހުރިކަމަށެވެ.
މިކަމުގެ އަދާހަމަ ހޯދުމަށް މިނިސްޓްރީއާ އެޕޮއިންޓްމަންޓަކަށް
އެދިގެން މިހާތަނަށް އެ ފުރުސަތު ވެސް ނުލިބޭކަން ކައުންސިލުން ފާހަގަކުރި އެވެ.
ކައުންސިލުން މައުލޫމާތު ދޭ ގޮތުގައި ޔޫއާރްއޭގެ ފަރާތުން
ނުރަސްމީކޮށް މައުލޫމާތު ލިބިފައިވަނީ މިއަހަރުގެ ތެރޭގައި މި މަސައްކަތް ކުރުމަށް
ބަޖެޓު ކަނޑައެޅިފައި ވެސް ނުވާ ކަމަށެވެ. ވީމާ ދާއިރާގެ މެންބަރު ވިދާޅުވާ އެއްޗަކާ
ސަރުކާރުގެ ބަހާ ވެސް ދިމާނުވާކަން ފެނިގެންދާކަމުގެ ކަންބޮޑުވުން ކައުންސިލުން ހިއްސާކުރި އެވެ.
އެންމެ ފަހުން ގޯތި ދޫކުރިއިރު މި ސަރަހައްދުން 350
ގޯތި ވަނީ ދޫކޮށްފަ އެވެ.