ސިވިލް ކޯޓުގެ ގާޒީ އަބްދުﷲ އިހުސާންއާ ގުޅޭ ގޮތުން ތަހުގީގުކުރަމުން އަންނަ މައްސަލައަކާ ގުޅިގެން އޭނާ ސަސްޕެންޑުކޮށްފި އެވެ.
ޖުޑީޝަލް ސަރވިސް ކޮމިޝަން (ޖޭއެސްސީ) އިން ބުދަ ދުވަހު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިހުސާންއާ ގުޅޭ ގޮތުން ތަހުޤީޤު ކުރަމުންދާ މައްސަލައާ ގުޅިގެން މައްސަލައިގެ ބާވަތަށާއި މިހާތަނަށް ލިބިފައިވާ މައުލޫމާތަށް ބަލައި، ވަކިގޮތެއް ކަނޑައަޅަންދެން ވަގުތީ ގޮތުން އޭނާ ސަސްޕެންޑު ކުރީ ކަމަށެވެ.
ޖޭއެސްސީން ބުނެފައިވަނީ، 19 އޮގަސްޓް 2026ން ފެށިގެން 60 ދުވަހަށް އޭނާ މަގާމުގެ މަސައްކަތުން ދުރުކޮށްފައިވާ ކަމަށެވެ.
އަދި އޭނާ ސަސްޕެންޑު ކުރަން ނިންމާފައި ވަނީ 19 އޮގަސްޓު 2026 ވަނަ ދުވަހު ބޭއްވި ކޮމިޝަންގެ ނަންބަރު 2026/026 ވަނަ ޖަލްސާގައި ކަމަށް ބަޔާނުގައިވެ އެވެ.
އިހުސާން ސަސްޕެންޑު ކޮށްފައިވަނީ އާއްމު އުސޫލުތަކުގެ ބޭރުން، ދަންވަރު ގަޑީގައި އަމުރެއް ނެރުނު މައްސަލަ ޖޭއެސްސީއަށް ހުށަހަޅާފައިވާ ދަނޑިވަޅެއްގައި އެވެ. އެގޮތުން އެ އަމުރު ނެރިފައިވަނީ ލެގޫން ސްޕޯޓްސް ކްލަބާއި ދެކޮޅަށެވެ. މިކަމާ ގުޅިގެން ލެގޫން ސްޕޯޓްސް ކްލަބްއިން ވަނީ އެ އަމުރަކީ އެއްވެސް ފަރާތެއްގެ ކިބައިން އެއްވެސް މައުލޫމާތެއް ހޯދުމެއް ނެތި ނެރެފައިވާ އަމުރެއް ކަމަށް ބުނެ ނުރުހުން ފާޅުކޮށް ޖޭއެސްސީއަށް ސިޓީއެއް ފޮނުވާފައި އެވެ.