ކަޅު ބާޒާރުގައި ޑޮލަރެއްގެ އަގު 22.85 ރުފިޔާއަށް ވުރެ މައްޗަށް އުފުލިއްޖެ އެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދިން ވިޔަފާރިވެރިން ބުނީ ޑޮލަރުގެ އަގު އުފުލެމުންދާ ކަމަށާއި، ބުދަ ދުވަހުގެ ހެނދުނު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ހުރީ 22.50 ގައި ކަމަށެވެ. ނަމަވެސް ބުދަ ދުވަހުގެ ހަވީރު 22.85 އަށް އަރާފައިވާ ކަމަށާއި އަދި މިހާރު ޑޮލަރު ލިބުމުގައި ދަތިތައް ދިމާވަމުންދާ ކަމަށް ވެސް ބުންޏެވެ.

މަރުކަޒީ ބޭންކު، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ޑޮލަރު ވިއްކުމަށް ކަނޑައަޅާފައިވާ ރަސްމީ ރޭޓަކީ 15.42 ރުފިޔާ އެވެ. ކަޅު ބާޒާރުގެ މިހާރުގެ އަގަށް ބަލާއިރު، މިއީ ރަސްމީ ރޭޓަށްވުރެ 7.43 ރުފިޔާގެ ބޮޑު އަދަދެކެވެ.

ޑޮލަރުގެ ރޭޓް ހިފެހެއްޓުމެއްނެތި މައްޗަށްދާއިރު، މިއަހަރުގެ ޑިސެންބަރު މަހުގެ ތެރޭގައި ޑޮލަރުގެ ރޭޓް 25 ރުފިޔާއަށް އަރާނެ ކަމަށް މާލީ ދާއިރާގައި ހަރަކާތްތެރިވާ ތަޖުރިބާކާރުން ލަފާކުރެ އެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި ޑޮލަރުގެ އަގު ހިފެހެއްޓުމެއްނެތި މައްޗަށް ދަނީ ރިސޯޓުތަކުން ޑޮލަރު މާރު ކުރުމުގެ ސިޔާސަތަށް ސަރުކާރުން ގެނެސްފައިވާ އުސޫލާ ގުޅިގެން ކަމަށް އިގްތިސާދީ މާހިރުން ބުނެ އެވެ.

އެކަމުގެ ކަންބޮޑުވުން އިންތިހާއަށް އުފެދިފައިވާ މިދަނޑިވަޅުގައި އެމްއެމްއޭ އިން ކަނޑައަޅާފައިވާ ރޭޓުގެ ބޭރުން ކުރާ ވިޔަފާރިއާ ގުޅޭ ރޭޓެއް ނުވަތަ އަގެއްގައި ބޭރު ފައިސާ ގަނެ ވިއްކުން އިސްތިހާރުކޮށް ނުވަތަ އެކަމަށް ހިތްވަރު ދީ، ފެތުރުމަށް ޑިޖިޓަލް ވަސީލަތްތައް ނުވަތަ އެ ނޫން ވެސް އެހެން ގޮތަކުން އާންމުކޮށް އެނގޭނެ ގޮތަކަށް އެފަދަ މައުލޫމާތު ހާމަކުރުމަކީ ކުށެއް ކަމަށް ކަނޑައަޅައި، އެފަދަ އަމަލުތައް ހިންގާ ފަރާތްތައް ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރެވޭ ގޮތަށް ބޭރު ފައިސާއާ ބެހޭ ބިލަށް ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީ އިން ބުދަ ދުވަހު ވަނީ އިސްލާހެއް ގެނެސްފަ އެވެ.