ދިވެހި ރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަނަށް 6000ށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ. 

މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ ވަޒީފާތަކުގައި ތިބި މީހުންނާއި، އެމީހުންގެ އާއިލާ މީހުން ލައްވާ މަޖުބޫރުން ދަނީ ސޮއި ހޯދަމުންނެވެ. އަދި މުވައްޒަފުން ލިބޭ އޮފީސް ވަޓްސްއަޕް ނުވަތަ ވައިބާ ގުރޫޕަށް ލިންކް ފޮނުވައި ސޮއި ކުރުމަށް ދަނީ އަންގަމުންނެވެ. މީގެ އިތުރުން ޕެޓިޝަނެއްގައި އޮންލައިންކޮށް ސޮއިކުރުމުން ޕޯޓަލުން ސޮއި ބަލައިގަތްކަން ފެންނަ ސްކްރީންޝޮޓް ވެސް ފޮނުވަން އަންގާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ. 

މި ޕެޓިޝަނަށް ގިނަ އަދަދެއްގެ ސޮއި ލިބެމުންދާއިރު، ބުދަ ދުވަހުގެ ހަވީރު 4:00އާ ހަމައަށް 6037 މީހުން ސޮއިކޮށްފައިވެ އެވެ. 

ސަރުކާރުން މި ޕެޓިޝަނަށް ސޮއި ހޯދަމުން މިދަނީ، އެ އިސްލާހު ބޭރުކުރަން ގޮވާލައި އާންމުންގެ ޖަމިއްޔާގެ ފައުންޑަރު މިދުއަމް ސައުދު ހުށަހެޅި ޕެޓިޝަނަށް 2،300އަށް ވުރެ ގިނަ ސޮއި ލިބުމާ ގުޅިގެންނެވެ. 

އީ-ޕެޓިޝަން ގަވާއިދު ބުނާ ގޮތުން މަދުވެގެން 2،100 ސޮއި ހަމަވާ ނަމަ، މަޖިލީހުން އެންމެ އިސްކަމެއް ދޭން ޖެހޭނީ އެ ޕެޓިޝަނަށެވެ. އަދި ޕެޓިޝަނުގައިވާ މައްސަލައަށް މަޖިލީހުގެ ތަޅުމުގައި ބަހުސް ވެސް ކުރަން ޖެހޭނެ ކަމަށް ގަވާއިދުގައި ބުނެފައިވެ އެވެ. 

ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ އުސޫލުން ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމަށް ތުޅާދޫ ދާއިރާ މެންބަރު އަބްދުލް ހައްނާން އަބޫބަކުރު ސްޕޮންސަރ ކުރައްވާ ހުށަަހަޅުއްވާފައިވާ އިސްލާހު މިހާރު އޮތްގޮތަށް ފާސްކޮށްދިނުމަށް ގޮވާލާ ޕެޓިޝަން ހުށަހަޅާފައި މިވަނީ އެއް މައްސަލައަކަށް ދެ ޕެޓިޝަން ހުށަނޭޅޭނެ ކަމަށް އެ ގަވާއިދުގައި އޮންނާތީ ސަރުކާރުގެ ޕެޓިޝަނަކަށް ފުރުސަތު ލިބޭ ގޮތަށް އަންގާރަ ދުވަހު މަޖިލީހުން ގަވާއިދު ވެސް ބަދަލު ކުރުމަށްފަހު އެވެ.