އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށް ނިންމާފައިވާ ކަމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަލަސުބްރަމާނިއަން ވިދާޅުވި ވާހަކަ ދިވެހި ސަރުކާރުން ދޮގުކޮށްފި އެވެ. 

ބުދަ ދުވަހު ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް އަދި ރާއްޖޭގެ އައްޑޫ ސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ޤާއިމުކުރުމަށް ދެ ޤައުމުގެ ލީޑަރުން އެއްބަސްވެފައިވާކަމަށް ސަފީރު ވިދާޅުވެފައިވުމާ ގުޅޭގޮތުން ބައެއް ނޫސްތަކުގައާއި މީސްމީޑިއާގައި ޝާއިއުކޮށްފައިވާ ޚަބަރުތަކަކީ ސައްހަނޫން ޚަބަރުތަކެއް ކަމަށެވެ. 

މިކަމަކީ ކަމާބެހޭ ހުރިހާ ފަރާތްތަކެއް ހިމެނިގެން ފުޅާދާއިރާއެއްގައި މަޝްވަރާކޮށްގެން ނިންމޭނެ ނިންމުމެއްކަމަށް ސަރުކާރުން ދެކޭ ކަމަށާއި، މާލެ ސިޓީ ނޫން އެހެން ރަށެއްގައި ބޭރު ގައުމުއެއްގެ ކޮންސިއުލޭޓެއް ގާއިމުކުރުމާ މެދު ދިވެހި ސަރުކާރުން ވަކި ގޮތެއް މިހާތަނަކަށް ނިންމާފައެއް ނުވާނެ ކަމަށް ބަޔާނުގައި ބުނެފައިވެ އެވެ. 

ނަމަވެސް އިންޑިއާއިން ރާއްޖެ ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ބަލަސުބްރަމާނިއަން މިފަދައިން ވިދާޅުވެފައި ވަނީ ރާއްޖޭގެ އޮންލައިން ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި އެވެ. އެގޮތުން އިންޑިއާގެ ބެންގަލޫރުގައި ރާއްޖޭގެ ކޮންސިއުލޭޓެއް ގާއިމުކުރުމަށާއި އައްޑޫސިޓީގައި އިންޑިއާގެ ކޮންސިއުލޭޓެއް ގާއިމުކުރަން ދެ ގައުމުގެ އެންމެ އިސްވެރިންގެ މަޝްވަރާތަކުގައި ނިންމާފައިވާ ކަމަށް އޭނާ ވަނީ ވިދާޅުވި އެވެ. 

އަދި 2024 ވަނަ އަހަރު ރައީސް މުއިއްޒު އިންޑިއާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ދެ ޤައުމުގެ ދެމެދުގައި ސޮއިކުރެވުނު 'ވިޜަން ޑޮކިއުމަންޓް' ގެ ދަށުން ވެވިފައިވާ އެންމެހައި އެއްބަސްވުންތައް ތަންފީޒުކުރުމަށް އިންޑިއާ އިން ވަރަށް ގަދައަޅައި މަސައްކަތްކުރާނެ ކަމަށް ވެސް އިންޑިއާ ސަފީރު ވިދާޅުވެފައިވެ އެވެ.