ޕެސިފިކް އޭޝިއާ ޓްރެވަލް އެސޯސިއޭޝަން (ޕާޓާ) އިން ދޭ "ޕާޓާ ފޭސް އޮފް ދަ ފިއުޗަރ 2026" އެވޯޑުގެ ގްރޭންޑް ވިނަރގެ ގޮތުގައި މައިސް ބޫޓާންގެ ސީއީއޯ ލިޒަމް ދޯޖީ ހޮވައިފި އެވެ.

މިކަން އިއުލާނު ކޮށްފައި ވަނީ ސަރަވަކްގައި ބޭއްވި "ޕާޓާ ޓްރެވަލް މާޓް 2026" ރަސްމީކޮށް ހުޅުވުމުގެ ކުރިން، އޮގަސްޓް މަހުގެ 17 ވަނަ ދުވަހު ބޭއްވި ޕާޓާގެ އެގްޒެކެޓިވް ބޯޑު އަދި ބޯޑު މެންބަރުންގެ ނެޓްވޯކިން ރިސެޕްޝަންގައި އެވެ.

މި އެވޯޑުގެ ގްރޭންޑް ވިނަރގެ އިތުރުން، ފަތުރުވެރިކަމުގެ ދާއިރާ އަށް ފާހަގަ ކޮށްލެވޭ ފަދަ ޚިދުމަތްތަކެއް ކޮށްދީފައިވާ އިތުރު ހަތަރު ޒުވާނެއްގެ އަގު ވެސް ޕާޓާ އިން ވަނީ ވަޒަންކޮށްފައި އެވެ.

އޭގެ ތެރޭގައި ދިވެހިރާއްޖޭގެ އަބްދުﷲ އިޔާން އަހްމަދު ހިމެނޭއިރު، އޭނާ އަށް ލިބިފައިވަނީ "ސްޕެޝަލް ރިކޮގްނިޝަން ފޯ ސްޓޫޑަންޓް އެކްސެލެންސް" އެވޯޑް އެވެ. މެލޭޝިޔާގެ ޓޭލާސް ޔުނިވާސިޓީގައި އިންޓަރނޭޝަނަލް ޓޫރިޒަމް މެނޭޖްމަންޓް ދާއިރާ އިން ފަހު އަހަރު ކިޔަވަމުންދާ އިޔާން އަކީ، ޕާޓާ މެލޭޝިޔާ ޓެއިލަރސް ސްޓޫޑަންޓް ޗެޕްޓަރުގެ ކުރީގެ ރައީސް އެވެ. އިޔާންގެ އަގު ވަޒަންކޮށްފައި ވަނީ ޒުވާނުންގެ ސިމްޕޯޒިއަމްތައް އިންތިޒާމު ކުރުމުގައި އޭނާ ދެއްކި ލީޑަރޝިޕާއި، ދެމެހެއްޓެނިވި ތަރައްޤީ އާއި ފަންނީ ކުރިއެރުމަށް އޭނާ ކުރަމުންދާ މަސައްކަތްތަކާ ގުޅިގެންނެވެ.

މި ރަސްމިއްޔާތުގައި ޚާއްސަ އެވޯޑުތައް ލިބުނު އެހެން ފަރާތްތަކުގެ ތެރޭގައި ސްޓްރެޓީޖިކް މެނޭޖްމަންޓްގެ ދާއިރާ އިން ތައިލެންޑުގެ އޮރަވަން ޑިންސޯ އާއި، ލީޑަރޝިޕްގެ ދާއިރާ އިން އަލެވްޓީނާ ބޮރޮޑުލީނާގެ އިތުރުން، ސަސްޓެއިނަބިލިޓީ އިނީޝިއޭޓިވްސްގެ ދާއިރާ އިން މޮންގޯލިއާގެ އުޔަންގާ ގަލްބަދްރަކް ހިމެނެ އެވެ.

މި އެވޯޑުތައް ހަވާލުކޮށްދެއްވީ ޕާޓާގެ އިސްވެރިންނެވެ. މިއީ އޭޝިއާ ޕެސިފިކް ސަރަހައްދުގައި ފަތުރުވެރިކަމުގެ ދާއިރާ އައު އުސްމިން ތަކަކަށް ގެންގޮސް، ޒިންމާދާރުކަމާ އެކު މި ސިނާއަތް ކުރިއެރުވުމަށް މަސައްކަތްކުރާ އައު ޖީލުގެ ފަންނުވެރިންގެ އަގު ވަޒަންކުރުމުގެ ގޮތުން ދެވުނު އެވޯޑު ތަކެކެވެ.

ޕާޓާގެ ސީއީއޯ ނޫރު އަހްމަދު ހާމިދު ވިދާޅުވީ، 2026 ވަނަ އަހަރުގެ "ޕާޓާ ފޭސް އޮފް ދަ ފިއުޗަރ" ގެ މަޤާމު ލިޒަމް ދޯޖީ ކާމިޔާބުކުރުމާ ގުޅިގެން އޭނާ އަށް އިޚުލާސްތެރިކަމާ އެކު މަރުހަބާ ވިދާޅުވާ ކަމަށެވެ. އަދި މި އެވޯޑަކީ ފަތުރުވެރިކަމުގެ ސިނާއަތުގައި އޭނާ ދައްކުވައިދިން ލީޑަރޝިޕާއި، ކޮށްފައިވާ މަސައްކަތްތަކުގެ ހެއްކެއް ކަމަށާއި، މިއީ މި ސިނާއަތަށް އީޖާދީ، ޒިންމާދާރު އަދި މާނަހުރި މުސްތަޤުބަލެއް ބިނާކުރުމަށް އައު ޖީލުގެ ފަންނުވެރިންގެ ކިބައިގައި ހުރި ޤާބިލުކަން ހާމަކޮށްދޭ ކަމެއް ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

2002 ވަނަ އަހަރުން ފެށިގެން ދެމުން އަންނަ "ޕާޓާ ފޭސް އޮފް ދަ ފިއުޗަރ" އެވޯޑަކީ، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަރަމުން އަންނަ ޒުވާން ލީޑަރުންނަށް އެ ޖަމިއްޔާ އިން ދޭ އެންމެ ޝަރަފުވެރި އެވޯޑެވެ. 2026 ވަނަ އަހަރުގެ އެވޯޑަށް މުޅި ސަރަހައްދުން ރެކޯޑު އަދަދަކަށް މީހުން ކުރިމަތިލާފައިވެ އެވެ.