ބޭރު ފައިސާއާ ބެހޭ ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ފަރާތްތަކާ މެދު ފިޔަވަޅު އަޅައި، އެ ފަރާތްތަކުގެ މައުލޫމާތު ހާމަކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) އެދިވަޑައިގެންފި އެވެ. 

މޯލްޑިވްްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ)ގެ ގަވަރުނަރު އަހުމަދު މުނައްވަރު އަށް އެޑްރެސް ކުރައްވާ ފޮނުއްވި ސިޓީއެއްގައި މެންބަރު ވިދާޅުވީ އެމްއެމްއޭ އިން ދާދިފަހުން މީޑިއާތަކަށް ދީފައިވާ މައުލޫމާތުތަކަށް ބަލާއިރު ރާއްޖޭގައި ހިންގާ ގިނަ އަދަދެއްގެ ގެސްޓް ހައުސްތަކުން ގާނޫނާ އެއްގޮތަށް ޑޮލަރު މާރުކުރުމުން ނުދާކަން ފާހަގަ ކޮށްފައިވާ ކަމަށެވެ. އަދި ތިން ރިސޯޓަކުން އެއްވެސް ވަރަކަށް ބޭންކުތަކަށް ޑޮލަރު މާރުކުރަމުން ނުދާ ކަމަށާއި އެ ތިން ރިސޯޓު ޖޫރިމަނާ ކޮށްފައިވާ ކަމަށް ވެސް އެމްއެމްއޭ އިން ހާމަކޮށްފައިވާ ކަމަށެވެ. 

އެހެންކަމުން އެކަމާ ގުޅިގެން މެންބަރުގެ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ވަނީ އެދިވަޑައިގެންފަ އެވެ. އެ ސިޓީގައި މެންބަރު ވަނީ 4 ސުވާލެއް، ގަވަރުނަރާ ކުރައްވާފަ އެވެ. 

އެގޮތުން ގަވާއިދާ އެއްގޮތަށް ޑޮލަރު މާރުނުކުރާ ގެސްޓް ހައުސްތަކާ އަދި ޚާއްސަކޮށް އެއްވެސް ވަރަކަށް ޑޮލަރު މާރުނުކުރާ ކަމަށް ފާހަގަ ކުރެވުނު ރިސޯޓުތަކަކީ ކޮބައިތޯ އެއްސެވުމާއެކު  އެ ފަރާތްތަކުގެ ނަންތައް މިހާތަނަށް ހާމަނުކޮށް އޮތީ ކޮން ސަބަބަކާ ހުރެ ތޯ މެންބަރު ސުވާލު ކުރެއްވި އެވެ. 

އޭގެ އިތުރުން އެ ފައިސާ އެ ފަރާތްތަކުން ހޯދުމަށް މިހާތަނަށް ކުރެވިފައިވާ މަސައްކަތްތަކަކީ ކޮބައިތޯ އާއި ރައްޔިތުންގެ މަސްލަހަތު ހިމެނޭ މިފަދަ ކަންކަމުގައި އިހުމާލުވާ ފަރާތްތައް ހާމަކުރުމަކީ ގަވާއިދު ތަންފީޒު ކުރުމަށް ލިބޭ ބާރަކަށް ނުވާނެތޯ މެންބަރު ސުވާލު އުފައްދަވާފައިވެ އެވެ. 

މެންބަރު ވިދާޅުވީ ޑޮލަރު މާރުނުކުރާ ފަރާތްތަކާމެދު މިހާރު ކުރަމުންދާ ޖޫރިމަނާގެ އިތުރުން އެ ފަރާތްތައް ގާނޫނީ އިމުގެ ތެރެއަށް ވެއްދުމަށްޓަކައި އެމްއެމްއޭ އިން އެޅުމަށް ގަސްތުކުރާ އިތުރު ފިޔަވަޅުތަކަކީ ކޮބައި ހޯދުމަށް ވެސް އެދިވަޑައިގަންނަވާ ކަމަށެވެ. 

ދިވެހިރާއްޖޭގެ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ކުރެވޭ މަސައްކަތްތައް ދެފުށް ފެންނަ އަދި ޖަވާބުދާރީވަނިވި އުސޫލެއްގެ މަތިން ކުރިއަށް ގެންދިޔުމަކީ އެމްއެމްއޭ އަށް އޮތް އާންމު ރައްޔިތުންގެ އިތުބާރު އިތުުރުވެ، ހަރުދަނާވެގެން ދާނެ ކަމެއް ކަމުގައި ދެކޭ ކަމަށް ވެސް މެންބަރު ވިދާޅުވި އެވެ.