ދ. ކުޑަހުވަދޫގައި ހޮސްޕިޓަލެއް އެޅުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވައުދުވެވަޑައިގެން ބިންގާ އެޅުއްވި ތަނުގައި އެއްވެސް
އަމަލީ މަސައްކަތެއް ކުރިއަށްނުދާތީ އެ ރަށު ކައުންސިލުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.
ކުޑަހުވަދޫ ކައުންސިލުން ރާއްޖެޓީވީއާ ހިއްސާކުރި މައުލޫމާތުގައިވާގޮތުން
މިއީ މިދިޔަ އަހަރުގެ ފެބްރުއަރީ މަހު ރައީސް މުއިއްޒު ކުޑަހުވަދޫއަށް ވަޑައިގެން ބިންގާ
އެޅުއްވާ ފެއްޓެވި މަޝްރޫއެކެވެ. އެ ދުވަހު ރައީސް މުއިއްޒު ވިދާޅުވީ 18
މަސް ދުވަހުގެ ތެރޭގައި ހޮސްޕިޓަލުގެ މަސައްކަތް ނިންމަވާނެ ކަމަށެވެ.
ނަމަވެސް ރައީސް ވިދާޅުވި އެ މުއްދަތު މިހާރު ނިމުމަކާ
ގާތްވެފައިވާއިރު، އެ ބިމުގައި ފެންނަން އޮތީ ހަމައެކަނި ހުސް ބިމެކެވެ. މި ވޭތުވެދިޔަ
އެއް އަހަރާއި ހަ މަސް ދުވަހުގެ ތެރޭގައި އެތަނުގައި ވަށައިގެން ޖަހާފައި ހުރި ފެންސު
ދެ ފަހަރެއްގެ މަތިން ވެއްޓި އަލުން ޖަހާފައިވާ ކަމަށް ކުޑަހުވަދޫ ކައުންސިލުން ބުނެ އެވެ.
މި މަޝްރޫއަކީ އާރްޑީސީއާ ހަވާލުކޮށްގެން ކުރިއަށް ގެންދަން
ނިންމި މަޝްރޫއެކެވެ. މިއީ ފަންސާސް އެނދުގެ ހޮސްޕިޓަލެއް ކަމަށް އޭރު ބުނެފައިވާއިރު،
އަދި އެއްވެސް އަމަލީ މަސައްކަތެއް ނުހިނގާ މަޝްރޫއު ހުއްޓިފައި އޮތުމަކީ ރައްޔިތުން ކަންބޮޑުވާ
ކަމެއްކަން ކައުންސިލުން ފާހަގަ ކުރެ އެވެ.
މި މަޝްރޫއު ކުރިއަށް ނުގެންދެވުމުން ރައްޔިތުންގެ ކަންބޮޑުވުން
އިތުރުވަމުން އަންނަ ކަމަށް ކައުންސިލުން ބުނެ އެވެ. ރައީސް މުއިއްޒު ވައުދުވެވަޑައިގެންނެވި
މުއްދަތު ފާއިތުވުމާ ގާތްވެފައިވާއިރު، މި މަޝްރޫއު ކުރިއަށް ގެންދިއުމަށް ސަރުކާރުން ކޮންމެވެސް
އަވަސް ފިޔަވަޅުތަކެއް އެޅުމަށް ކައުންސިލުން އެދެ އެވެ.