ކައުންސިލްތަކުގެ ބިންތައް ސަރުކާރަށް ނެގޭ ގޮތަށް،
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ހިންގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލު ފާސް
ކޮށްދީފި ނަމަ ޕީއެންސީ މެންބަރުންނަށް ފަޅެއް ނުވަތަ ރަށެއް ސަރުކާރުން ދޭނެ
ކަމަށާއި މިހާރު ވެސް ބައެއް ބިންތައް ދީފައިވާ ކަމަށް ގާނޫނީ ވަކީލު މުސްތަފާ
ހަމީދު ވިދާޅުވެއްޖެ އެވެ.
ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމުގައި ވާހަކަ
ދައްކަވަމުން މުސްތަފާ ވިދާޅުވީ، ރާއްޖޭގައި މިހާރު ބިމެއް ނުވަތަ ފަޅެއް
ވިއްކާލަނީ އިއުލާނު ކޮށްގެން ކަމަށާއި ގިނަ ބައެއްގެ މެދުގައި ބިޑްކޮށްގެން
ކަމަށެވެ. ނަމަވެސް މަޖިލީހުން ކައުންސިލުތަކުގެ ބިންތައް އަތުލުމަށް
ހުށައަޅާފައިވާ އިސްލާހުގެ ސަބަބުން ރަށްތަކާއި ފަޅުތައް ދިނުމުގައި ދައުލަތުން
އެއްވެސް އިއުލާނެއް ކުރަން ނުޖެހޭ ކަމަށް މުސްތަފާ ވިދާޅުވި އެވެ.
ރައްޔިތުންގެ މަޖިލީހުގައި ސަރުކާރަށް
ތާއީދުކުރާ ކޮންމެ މެންބަރަކަށް ބިމެއް ނުވަތަ ފަޅެއް ދޭނެ. އަދި މި ފަޅުތަކާއި
ރަށްތައް ދިނުމުގައި މިއީ އިއުލާނުކުރާ އެއްޗެއް ނޫން. ފަޅު ނަގައިފިކަންވެސް
ނޭނގޭ. ކުރީގަ ނަމަ އިއުލާނު ކޮށްގެން ބިޑަށް ލައިގެން ބިޑު މޮޅުވާ މިހާވެސް
އެނގޭނުންތޯ. މިހާރު އެއެއްވެސް ނޭނގޭމުސްތަފާ ހަމީދު
މުސްތަފާ ވިދާޅުވީ މި އިސްލާހުގެ ސަބަބުން
ދައުލަތުން ރައްޔިތުންގެ ބިންތައް ވިއްކަމުންދާނެ އަގެއް އެ ރަށު ކައުންސިލަކަށް
އަދި ވަޒަންވެރިވެ ދިރިއުޅެމުންދާ ރައްޔިތުންނަށް އެނގޭނެ އެއްވެސް ގޮތެއް
ނޯންނާނެ ކަމަށެވެ.
ހަމައެއާއެކު މި އިސްލާހުގެ ސަބަބުން ފަޅުރަށެއް
ހަމައެކަނި 2000 ޑޮލަރަށް ދޭނެކަމަށް ލަފާކޮށް މުސްތަފާ ވިދާޅުވީ މިހާރުވެސް
ރައްޔިތުންގެ މަޖިލީހުގަ ބައެއް މެންބަރުންނަށް ހުޅުމާލެއިން 60 އިންސައްތައިގެ
ޑިސްކައުންޓެއްގައި ބިންތައް ދީފައިވާ ކަމަށެވެ.
އަޅުގަނޑުމެން އަޑު އެހިން ރައްޔިތުންގެ
މަޖިލީހުގެ ބައެއް މެންބަރުންނަށް ހުޅުމާލެއިން 60 ޕަސެންޓުގެ ޑިސްކައުންޓުގައި
ބިންވެސް ދީފަ ހުރި ވާހަކަ. އެހެންވެ ފަޅުރަށެށް ވެސް އަޅުގަނޑަށް ހީވަނީ 2000
ޑޮލަރަށްވެސް ދީފާނެހެންމުސްތަފާ ހަމީދު
ރައްޔިތުންގެ މަޖިލީހުން މިހާރު މިގެންނަމުންދާ
އިސްލާހުތަކަކީ ރާއްޖޭގެ އިގްތިސާދަށް ދެމުންދާ ވަރަށް ބޮޑު ހަމަލާއެއްކަމަށާއި،
ރައްޔިތުން މިކަމާ ދެކޮޅައް ނުނިކުންނަ ނަމަ މި ސަރުކާރު ނިމުމަށްފަހު ރާއްޖޭގައި
ދިރިއުޅޭ ރައްޔިތުންނަކީ އެކި ދަތިތަކާ ކުރިމަތިލާންޖެހޭނެ ބައެއް ކަމަށް މުސްތަފާ
ވިދާޅުވި އެވެ.
ދިވެހިރާއްޖޭގެ އިދާރީ ދާއިރާތައް ލާމަރުކަޒީ
އުސޫލުން ހިންގުމުގެ ގާނޫނަށް ތުޅާދޫ ދާއިރާގެ މެންބަރު ހުށަހަޅުއްވާފައިވާ ބިލަށް
ރަށްރަށުގެ ކައުންސިލުތައް ހިމަނޭހެން އެތައް ބައެއްގެ ފާޑުކިއުންތައް ސަރުކާރަށް
ވަނީ އަމާޒުވެފަ އެވެ.
މިގޮތުން މި ބިލު އަނބުރާ ގެންދިއުމަށް ގޮވާލައި 2300
އަށް ވުރެ ގިނަ މީހުންގެ ސޮއިއާއެކު
މަޖިލީހަށް ވަނީ އީ-ޕެޓިޝަނެއް ވެސް ހުށައަޅާފަ އެވެ. އަދި ބައެއް
ކައުންސިލްތަކުން ވެސް ވަނީ ބިލު ބޭރު ކޮށްލުމަށް ގޮވާލާ ގަރާރުތަކާއި ބަޔާންތައް
ވެސް ނެރެފަ އެވެ. އޭގެ ތެރޭގައި ޕީއެންސީގެ މެޖޯރިޓީ އޮތް ކައުންސިލްތައް ވެސް ހިމެނެ
އެވެ.