ކުޅިވަރުގެ ދާއިރާގައި ހިންގާ ނޭދެވޭ އަމަލުތަކާއި
ކޮރަޕްޝަން ހުއްޓުވުމަށްޓަކައި، އެންޓި-ކޮރަޕްޝަން ކޮމިޝަނާއި ކަމާބެހޭ ޤާނޫނީ
އިދާރާތަކާ ގުޅިގެން ޚާއްސަ މަސައްކަތްތަކެއް ކުރައްވަމުން ގެންދަވާކަމަށް ޒުވާނުން
ބާރުވެރި ކުރުވުމާއި، ކުޅިވަރާއި ހަށިހެޔޮކަމާ ބެހޭ ވުޒާރާގެ ވަޒީރު އަބްދުﷲ
ރާފިއު ވިދާޅުވެއްޖެ އެވެ.
މިނިސްޓަރު އެހެން ވިދާޅުވީ ކުޅިވަރު
އިންތިޒާމުކޮށް ބެލެހެއްޓުމުގެ ނިޒާމުގައި ކޮރަޕްޝަނަށް ހުރި ހިރާސް ދެނެގަތުމުގެ
ދިރާސާ ރިޕޯޓް އިފްތިތާހުކުރުމަށް
ޔޫތު ހަބުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވީ، ކުޅިވަރުގައި ހުރި
މައްސަލަތައް ހައްލުކުރުމަށް ސަރުކާރުން އިސްނަގައިގެން، ކަމާ ގުޅުންހުރި
އިދާރާތަކާ ގުޅިގެން ގިނަ މަސައްކަތްތަކެއް މިހާތަނަށް ކުރެވިފައިވާ ކަމަށެވެ.
މިގޮތުން ކުޅިވަރުގައި ނަޒާހަތްތެރިކަން
ކުރިއެރުވުމުގެ ގޮތުން އެންޓި -ކޮރަޕްޝަން ކޮމިޝަނާ ގުޅިގެން 2024ގައި
"ޕަޗަސް" ކެމްޕެއިން ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.
ކުޅިވަރު އެސޯސިއޭޝަންތަކާއި ކްލަބުތަކަށް
ދައުލަތުން ދޫކުރާ ފައިސާ ޚަރަދުކުރާ ގޮތް ވަރަށް ގާތުން ބަލައި، އޮޑިޓްކުރުމުގެ
ނިޒާމު މިހާރު އިތުރަށް ހަރުދަނާކޮށްފައިވާ ކަން މިނިސްޓަރު ފާހަގަކުރެއްވިއެވެ.
އަދި މާލީ މުއާމަލާތްތައް ދެފުށް ފެންނަ ގޮތަށް ބެހެއްޓުމަށްޓަކައި، ހަރުދަނާ މާލީ
އުސޫލުތަކަކާއި ގައިޑްލައިންތަކެއް ތައާރަފުކޮށް، އެކަންކަމަށް އަމަލުކުރަން
މިހާރު ލާޒިމުކޮށްފައިވާ ކަން ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، އެސޯސިއޭޝަންތަކުގެ
އިންތިހާބުތަކަށް ސަރުކާރުން ނުފޫޒު ފޯރުވުމުން މިވަނީ ނިމުމަކަށް ގެނެވިފައިވާ
ކަމަށާއި ކުޅިވަރު އެސޯސިއޭޝަންތަކާއި ކުޅުންތެރިންނާ ގުޅުންހުރި ކަންކަމަށް
ހާއްސަކުރެވިފައިވާ އުސޫލުތައް މިހާރު ހަރުދަނާ ކުރެވިފައިވާ ކަމަށެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ،
ބައިނަލްއަގްވާމީ އިދާރާތަކުގެ އުސޫލުތަކާއި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނާ
އެއްގޮތްވާ ގޮތަށް އެސޯސިއޭޝަންތަކުގެ އަސާސީ ގަވާއިދުތައް ބަދަލުކުރެވި
އިސްލާހުކުރެވިފައިވާ ކަމަށާއި ރާއްޖޭގެ ކުޅިވަރުގެ ޤާނޫނަށް މުހިންމު ގިނަ
ބަދަލުތަކެއް ވެސް ގެނެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ޤައުމީ ޓީމްތަކުގެ
އެތުލީޓުންނާއި އޮފިޝަލުންނަށް ހެލްތު އިންޝުއަރެންސް ހަމަޖައްސައިދެއްވާ،
ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ޤައުމީ އަދި ބައިނަލްއަޤްވާމީ މުބާރާތްތައް
ކުޅޭ ތަންތަނުގައި ހުރުން ލާޒިމް މިނިމަމް މެޑިކަލް ރިކުއާމެންޓްތަކަށް އަމަލު
ކުރަން ފަށާފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.
މިނިސްޓަރު ވިދާޅުވީ، ކުޅިވަރު އިދާރާތައް
ހިންގަން ތިބި ފަރާތްތަކާއި، ކޯޗުން އަދި އެތުލީޓުން ނަޒާހަތްތެރިކަމަށް
އަހުލުވެރިކުރުވުމަކީ ނުހަނު މުހިންމު ކަމެއް ކަމަށެވެ. އެހެންކަމުން، ގަވަރނަންސް
ރަނގަޅުކުރުމަށާއި، ފައިނޭންޝަލް މެނޭޖްމަންޓް ދަސްކޮށްދިނުމަށް ޚާއްސަ ތަމްރީނު
ޕްރޮގްރާމްތައް ސިލްސިލާކޮށް ހިންގަން މިހާރު ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރެއްވި އެވެ.