ޑްރޯނެއްގެ އެހީގައި މާފުށީ ޖަލަށް މަސްތުވާތަކެތި
އެތެރެކުރަން މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރެވޭ މީހާ ބަންދުން ދޫކޮށްލުމުން
އެ މައްސަލަ ދައުލަތުން ހައިކޯޓުގައި އިސްތިއުނާފުކޮށް، މައްސަލައިގެ
އަޑުއެހުންތައް ފަށައިފި އެވެ.

މިތަކެތި އަތުލައިގަނެފައިވަނީ މެއި 24 ވަނަ
ދުވަހުގެ ރޭ 12:45 އެހައިކަންހާއިރު ހިންގި އޮޕަރޭޝަންގަ އެވެ. މި އޮޕަރޭޝަން
ހިންގާފައިވަނީ މާފުށީ ޕްރިޒަން އާއި މާފުށީ ޕޮލިސް ސްޓޭޝަން އަދި ކައުންޓަރ
ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެންނެވެ.

މި އޮޕަރޭޝަންގައި، މަސްތުވާތަކެތި ކަމަށް ބެލެވޭ
އެއްޗެއްހުރި ފަސް ރަބަރު ޕެކެޓު ހޯދައި ފުލުހުންގެ ބެލުމުގެދަށަށް ގެނެސްފައިވާއިރު،
މި ތަކެތީގެ ވަގުތީ ބަރުދަނަކީ 395.92 ގުރާމެވެ.

މި މައްސަލައިގައި އޭރު ފުލުހުން ވަނީ މުހައްމަދު ޚާބިލް
ޚާލިދު ނަމަކަށް ކިޔާ މީހަކު ހައްޔަރުކޮށްފަ އެވެ.

މި މައްސަލައިގައި ދައުލަތުން އިސްތިއުނާފު
ކޮށްފައިވާ ކޯޓު އަމުރަކީ 3 ވަނަ ފަހަރަށް އޭނާ ބަންދުކޮށްދިނުމަށް އެދި އިތުރު ހެއްކާއެކު
ފުލުހުން މާފުށީގެ ކޯޓަށް ހުށަހެޅުމުން އެ ކޯޓުން ނެރުނު އަމުރެވެ. އެގޮތުން
މާފުށީ ކޯޓުންވަނީ ޝަރުތުތަކަކާއެކު އޭނާ ބަންދުން ދޫކޮށްލާފަ އެވެ.

އެހެންވެ އެ ނިންމުން ދައުލަތުން ހައިކޯޓުގައި އިސްތިއުނާފު
ކޮށްފައިވާއިރު، މި މައްސަލައިގައި އިތުރު ފަރާތެއްގެ މައްޗަށްވެސް ތުހުމަތު
ކުރެވޭކަން ދައުލަތުން ވަނީ ފާހަގަކޮށްފަ އެވެ. އެއީ މ މުލަކު މީހެކެވެ.

އެމީހުން ގުޅިގެން މަސްތުވާތަކެތީގެ ވިޔަފާރި
ކުރުމުގައި އުޅެފައިވާކަމަށް ދައުލަތުން ތުހުމަތު ކުރެ އެވެ.

ދައުލަތުން މި މައްސަލައިގައި މައިގަނޑު ދެ އިސްތިއުނާފީ
ނުކުތާއެއް ހައިކޯޓަށް ހުށަހެޅި އެވެ. އޭގެ ތެރެއިން އެއް ނުކުތާއަކީ މިއީ ފަނޑިޔާރުގެ
ނިންމުމަށް ވާސިލުވި ސަބަބު ބަޔާންކުރުމުގެ އުސޫލާ ޚިލާފަށް ނިންމި
ނިންމުމެއްކަމަށް ބުނެ ހުށަހެޅި ނުކުތާއެކެވެ.

ހައިކޯޓުގައި މި މައްސަލަ ބައްލަވަނީ ފަނޑިޔާރު
ފާތިމަތު ފަރުހީޒާ، ފަނޑިޔާރު ހުސެއިން މަޒީދު އަދި ފަނޑިޔާރު މުހައްމަދު ޝަނީޒް
އަބްދުﷲ އެވެ.