ޑޮލަރުގެ ކަޅު ބާޒާރުގެ އަގުތައް އާންމުކުރާ މީޑިއާތައް ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރުމަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހުތައް އަނބުރާ ގެންދަން ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ގޮވާލައްވައިފި އެވެ. 

ބުދަ ދުވަހު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ފައިސަލް ވިދާޅުވީ މުޖުތަމައުގައި ހިނގާ ބޮޑެތި ކުށްތަކާއި ދައުލަތުގެ ތެރޭގައި ހިންގާ ކޮރަޕްޝަނާއި ރިޝްވަތާއި ފަސާދައިގެ އަމަލުތައް އަދި ވެރިކަމުގެ އާރާއި ބާރުގެ ބޭނުންކޮށްގެން ހާސިލުކުރާ ނާޖާއިޒު ފައިދާގެ ވާހަކަތައް އެނގުމަކީ ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށެވެ. އަދި ސަރުކާރުގެ ނާޤާބިލުކަމުން ދައުލަތުގެ މާލީ ނިޒާމު ބޮއްސުންލައި، ބޭރު ފައިސާގެ އަގު އަތް ނުފޯރާ ފަށަށް އެރުމުން އެކަންކަން އެނގުމަކީ ވެސް ރައްޔިތުންނަށް ލިބިގެންވާ ހައްގެއް ކަމަށް ފައިސަލް ވިދާޅުވި އެވެ.  

ޚިޔާލު ފާޅުކުރުމުގެ މިނިވަންކަމާއި ނޫސްވެރިކަމުގެ މިނިވަންކަމާއި މައުލޫމާތު ހޯދައި ލިބިގަތުމަކީ ގާނޫނު އަސާސީގައި ކަނޑައެޅިގެން ލިބިގެންވަ ހައްގުތަކެއްކަން ފާހަގަކުރައްވާ ފައިސަލް ވިދާޅުވީ މިފަދަ ހައްގުތައް ނިގުޅައިގަތުމަކީ ގާނާނު އަސާސީގެ 16 ވަނަ މާއްދާއިން މަނާ ކޮށްފައިވާ ކަމެއް ކަމަށާއި، ސަރުކާރުގެ އަތުގައި ރައްޔިތުންގެ މަޖިލީހުގެ މެޖޯރިޓީ އޮތުމުން، މެޖޯރިޓީ އިން ފާސް ކުރާ ކޮންމެ ބިލެއް ގާނޫނަކަށް ވާއިރު، އެކަމުގެ ސަބަބުން ދެން ތިބޭ ރައްޔިތުންނަށް ކުރާނެ އަސަރާއި އެކަމުން ނުކުންނާނެ ނަތީޖާއާ މެދު ވެސް ވިސްނާލުމަކީ ކުރަން ޖެހޭ ކަމެއް ކަމަށެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނުފޫޒުގެ ދަށުގައި ބައި ތިއްބައިގެން، މިނިވަން ޑިމޮކްރެޓިކް މުޖްތަމައުތަކުގައި ނަގަހައްޓަމުން އަންނަ މިފަދަ އަސާސްތައް ނެތިކޮށްލުމަށް، ސަރުކާރުން އިންތިޒާމީ ގޮތެއްގައި ހިންގާ މިފަދަ އަމަލުތައް ހަރުކަށި އިބާރާތުން ކުށްވެރި ކުރާ ކަމަށް ވެސް ފައިސަލް ވިދާޅުވެފައިވެ އެވެ. 

މީގެއިތުރުން، މިފަދަ ކަންކަމުން މި ފެނިގެން ދަނީ ގައުމު އޭގެ ޒާތުގައި ނެތިގޮސް، ގައުމީވަންތަކަން ހަލާކުވެ ފުނޑުފުނޑުވަމުންދާ މަންޒަރު ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި މިކަމުން ވެސް އެނގެނީ ވެރިކަމުގެ ދަހިވެތި ކަމުގައި، ވެރިކަން ދިފާއު ކުރުމަށްޓަކައި، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކޮންމެ ފަދަ ކަމެއް ވެސް ކޮށްފާނެކަން ކަމަށް ވިދާޅުވި އެވެ.