ދައުލަތުން މުސާރާއިގެ ގޮތުގައި މަހެއްގެ މައްޗަށް ހަރަދުވާ މިންވަރު އެއް ބިލިއަނުން 1.4 ބިލިއަނަށް އިތުރުވެފައިވާ ކަމަށް ފިނޭންސް މިނިސްޓަރު ހަސަން ޒަރީރު
ވިދާޅުވެއްޖެ އެވެ.

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން
މިނިސްޓަރު ވިދާޅުވީ ސަރުކާރުގެ ހަރަދުތަކުގެ ތަފާސް ހިސާބުތައް ކޮންމަ މަހަކު
އިއުލާން ކުރަމުންދާ ކަމަށާއި މިހާރު ދައުލަތުގެ މުސާރައިގެ ގޮތުގައި މަހެއްގެ
މައްޗަށް 1.4 ބިލިއަން ރުފިޔާ ހަރަދުވާ ކަމަށެވެ.

ސްޓެޓިސްޓިކްސް އަޅުގަނޑުމެން ކޮންމެ މަހަކު ޕަބްލިޝް ކުރަމުން އެބަ
ދަން. ދައުލަތުގެ ޑައިރެކްޓް މުސާރަ ބިލުގެ ގޮތުގައި މިހާރު އަޅުގަނޑުމެން
މަހެއްގެ މައްޗަށް 1.4 ބިލިއަން ރުފިޔާ ދައްކަން
ހަސަން ޒަރީރު

ކެންދޫ ދާއިރާގެ މެންބަރު މައުރޫފު ޒާކިރު ކުރެއްވި ސުވާލަށް ޖަވާބުދެއްވަމުން މިނިސްޓަރު ވިދާޅުވީ 2023 ވަނަ އަހަރު ދައުލަތުން މުސާރައިގެ ގޮތުގައި މަހަކު
ހަރަދުވެގެން ދިޔައީ އެއް ބިލިއަން ރުފިޔާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން އޯގަސްޓު މަހު ހާމަކޮށްފައިވާ ގޮތުގައި ދައުލަތަށް
އާމްދަނީ އަދި ހިލޭ އެހީގެ ގޮތުން މި އަހަރުގެ ޖުލައި މަހާއި ހަމައަށް 24.1
ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މި
މުއްދަތުގެ ތެރޭގައި ދައުލަތުގެ ރިކަރަންޓް އެކްސްޕްންޑިޗަރގެ ގޮތުގައި 22.3
ބިލިއަން ރުފިޔާ ވަނީ ހަރަދުކޮށްފަ އެވެ.

މިގޮތުން މުސާރައާއި އިނާޔަތްތަކުގެ ގޮތުގައި 8.5 ބިލިއަން ރުފިޔާ
ހަރަދުކޮށްފައިވާއިރު، އިދާރީ އަދި ހިންގުމުގެ ހަރަދުތަކަށް މި މުއްދަތުގައި ވަނީ
13.7 ބިލިއަން ރުފިޔާ ހަރަދުކޮށްފަ އެވެ.

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބު ކުރުމަށް ސަރުކާރުން އެތައް
ވަޒީފާތަކެއް ދީފައިވުމާ އެކު، ސަރުކާރުގެ ހަރަދު ބޮޑުވުމުގެ ސަބަބުން 13000
އަށްވުރެ ގިނަ މުވައްޒަފުން ކުންފުނިތަކުން ވަކި ކުރާނެކަމަށް ބެލެވެ އެވެ. ޒަރޫރީ
މުދަލުގެ އަގުތައް ވެސް އިންތިހާއަށް ބޮޑުވެފައިވާއިރު، ދައުލަތުން މިހާ ގިނަ
މުވައްޒުފުން ވަކިކުރުމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ.

ސަރުކާރުގެ ހަރަދުތައް ކުޑަކުރުމަށް ކަމަށް ބުނެ ވަޒީފާއިން މީހުން ވަކި
ކުރަމުންދާއިރު، ސަރުކާރުގެ ހަރަދުތައް ބޮޑުވުމަށް ދިމާވި މައިގަނޑު ސަބަބަކީ
ރައީސް މުއިއްޒު ވެރިކަމަށް ވަޑައިގެން ދައުލަތުގެ ފައިސާއިން ބޭކާރު ހަރަދުތަކެއް ކުރެއްވުން ކަމަށް އިދިކޮޅު ފަރާތްތަކުން ދަނީ ބުނަމުންނެވެ.