ރައީސް ޑރ. މުހައްމަދު މުއިއްޒު މޭޔަރު ކަމުގައި ހުންނެވިއިރު 2023 ވަނަ އަހަރުގައި ބޭއްވި ރައްޔިތުންގެ ބައްދަލުވުންތަކަށް ދެ މިލިއަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރައްވާފައިވާ
ކަމަށް މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މޭޔަރު އާޒިމް ވިދާޅުވީ ރައީސް މުއިއްޒުގެ މޭޔަރުކަމުގައި 2023 ވަނަ އަހަރުގައި ބޭއްވި ރައްޔިތުންގެ
ބައްދަލުވުމަށް 2،050،520 (ދެ މިލިއަން ފަންސާސް ހާސް ފަސް ސަތޭކަ ވިހި) ރުފިޔާ ހަރަދުކުރައްވާފައިވާ
ކަމަށެވެ.

ނަމަވެސް ހަރަދު ކުޑަކުރުމަށް އެޅި ހަރުދަނާ ފިޔަވަޅުތަކާ އެކު 2026 ވަނަ އަހަރުގެ ފެބްރުއަރީ
މަހުގައި ބޭއްވި ބައްދަލުވުމަށް ހަރަދުވެފައިވަނީ 567،839 (ފަސް ލައްކަ
ފަސްދޮޅަސް ހަތްހާސް އަށް ސަތޭކަ ތިރީސް ނުވަ) ރުފިޔާ ކަމަށެވެ. ހަމައެއާއެކު 2026 ވަނަ އަހަރުގެ ޖުލައި މަހު ބޭއްވިގެން ދިޔަ ބައްދަލުވުމަށް ހަރަދު ވެފައިވަނީ 585،137 (ފަސް
ލައްކަ އަށްޑިހަ ފަސްހާސް އެއް ސަތޭކަ ތިރީސް ހަތް) ރުފިޔާ ކަމަށެވެ.

މޭޔަރު އާޒިމް ވިދާޅުވީ މާލެ ސިޓީ ކައުންސިލުގެ ބައްދަލުވުންތަކުގެ ހަރަދާ ގުޅޭގޮތުން
ނޫސްތަކުގައި އަދި ސޯޝަލް މީޑިއާގައި ފަތުރަނީ ހަގީގަތާ ހިލާފު ވާހަކަތަކެއް
ކަމަށެވެ. އެގޮތުން ބައެއް ނޫސްތަކުގައި  އަދަދު އޮޅުވާލައި ބައްދަލުވުންތަކުގެ ޖުމްލަ
ހަރަދު، އެއް ބައްދަލުވުމަކަށް ހަރަދުކޮށްފައިވާ ކަމަށް ބުނެ ލިޔެފައިވާ ކަމަށެވެ.

މޭޔަރު އާޒިމް ވަނީ މިފަދަ ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށާއި،
މައުލޫމާތުގެ ސައްހަކަން ޔަގީންކުރުމަށް ހުރިހާ ފަރާތްތަކަށް އިލްތިމާސްކުރައްވާފަ އެވެ.

ގާނޫނުގައި
އޮންނަ ގޮތުން ރައްޔިތުންގެ ހިޔާލު ހޯދުމަށް އަހަރަކު ދެ ފަހަރު ރައްޔިތުންނާ އެކު ސިޓީ ކައުންސިލުން ބައްދަލުވުން ބާއްވަންޖެހެ އެވެ.