ޑޮލަރު ޝޯޓޭޖް އައިސްގެން އުޅެނީ ދައުލަތުން ބޭކާރު ހަރަދު ކުރާތީ ކަމަށާއި، މިއަދު 76 ބިލިއަން ރުފިޔާއާ ހަމައަށް ރާއްޖޭގައި ފައިސާ އެނބުރޭ ކަމަށް ހުޅުމާލޭ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ. 

އަންގާރަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ޝަމްހީދު ވިދާޅުވީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން ހާމަކުރި ތަފާސްހިސާބުތަކުން ދައްކާ ގޮތުން، މެއި 2024 ގައި ސަރކިއުލޭޝަން ހުރީ 59 ބިލިއަން ރުފިޔާ ކަމަށާއި މިހާރު އެ އަދަދު 76 ބިލިއަން ރުފިޔާއާ ހަމައަށް އިތުރުވެފައިވާ ކަމަށެވެ. އަދި މި މުއްދަތުގެ ތެރޭގައި ފައިސާ އިތުރުވިއިރު، ޑޮލަރު އިތުރު ނުވާ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

މެއި 2024 ވަނަ އަހަރު އެއް ބިލިއަން ޑޮލަރު ދުވީ 59 ބިލިއަން ރުފިޔާ ފަހަތުން ކަމަށާއި، މިއަދު 600 މިލިއަން ޑޮލަރު ދުވަނީ 76 ބިލިއަން ރުފިޔާ ފަހަތުން ކަން ފާހަގަކުރައްވައި، ޝަމްހީދު ވަނީ މިކަމުން ވެސް ޑޮލަރު ޝޯޓޭޖް އައިސްގެން މިއުޅެނީ ދައުލަތުން ބެކާރު ހަރަދު ކުރާތީ ކަން އެނގޭ ކަމަށް ވިދާޅުވެފައި އެވެ. 

ފައިސާ ޗާޕް ކުރުމަކީ މިއަދު ވަރަށް ޓެކްނިކަލް ވޯޑްއެއް، މިއަދު ފިނޭންސް މިނިސްޓަރަށް ފަހަރެއްގައި އެނގިވަޑައިނުގަންފާނެ، އެކަމަކު އަޅުގަނޑަށް ހީވަނީ އަޅުގަނޑުމެން އެންމެންނަށް ވުރެ މޮޅެތި އޭއައި މޮޑެލް އެބަހުރި، އޭއައި މޮޑެލްއަށް މިއަދު އަޅުގަނޑު ކުޑަކޮށް މި ސުވާލު އަހާލީމަ މި ބުނަނީ އެމްޑީޕީ ސަރުކާރުން ކުރީ ފާޅުގައި އެނގިގެންނޭ، މިސަރުކާރުުން ފައިސާ ޗާޕު ކުރަނީ ވަލު ދޮރާށިން ވަގަށްށޭ، އެއީ ވަލު ދޮރާށިން ވަގަށްށޭ މިކުރަނީ، އެހެންވީމަ އެގޮތް ކުރުން މާ ގޯހޭ  
ޑރ. އަހުމަދު ޝަމްހީދު

ޝަމްހީދު ވިދާޅުވީ ޑޮލަރު މައްސަލަ ހައްލުކުރުމަށް ކިތަންމެ ގާނޫނެއް ހެދި ނަމަވެސް ސަރުކާރުން ޑިސިޕްލިން ނުވާނަމަ ޑޮލަރު މައްސަލަ ހައްލު ނުވާނެ ކަމަށެވެ. އަދި ކޮންމެ ދުވަހަކު ދިވެހި ފައިސާގެ އަގު ވެއްޓެމުން ދާއިރު، ކަމާ ބެހޭ މިނިސްޓަރުން ކޮންމެ ދުވަހަކު ރައްޔިތުންނަށް ވާނުވާ ކިޔައިދޭން ޖެހޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ. 

ދައުލަތުން ބޭކާރު މިގަޑިއަށް ބޭނުން ނުވާ ހަރަދު ކުރާތީ، ފުށިދިއްގަރު ހިއްކާތީ މައްސަލަ އަކީ، ޑޮރޯން ގަތީމައި މައްސަލައަކީ އިއްޒަތްތެރި ރައީސް، މިގަޑިއަށް މި ދައުލަތަށް ބޭނުންވާ ކަންކަން، ބޭސް ގެންނަން ވީ ކިތަންމެ ބައިވަރެއް ވެސް ޑޮލަރު ދީފައި، އެކަމަކު ބޭސް ނުގެނެސް އަޅުގަނޑުމެން ޑްރޯން ގެންނަންޏާ، އެ މައްސަލަ މި ދިމާވެގެން މި އުޅެނީ، މިކަމަށް ފިނޭންސް މިނިސްޓަރަށް ޑިނައި ނުކުރެވޭނެ، އެބޭފުޅުން އަޅުގަނޑުމެންނާ ބަހުސް ކުރަން އަންނަން ވީ 
ޑރ. އަހުމަދު ޝަމްހީދު

މީގެއިތުރުން މިކަމުގައި ސަރުކާރުގެ އެއްވެސް ސީރިއަސް ކަމެއް ނެތް ކަމަށް ވިދާޅުވެ ޝަމްހީދު ވަނީ އިކްނޮމިކް މިނިސްޓަރު މުހައްމަދު ސައީދުއަށް ފާޑުވިދާޅުވެފައި އެވެ. އެގޮތުން މި ހާލަތުގައި ވެސް މިނިސްޓަރު ސައީދު ޓިކްޓޮކް ކުޅުއްވަން އުޅުމުން މިކަމުގެ ސީރިއަސްކަން ހުރި މިންވަރު އެނގޭ ކަމަށް ޝަމްހީދު ވިދާޅުވި އެވެ.