މިހާރުގެ
ސަރުކާރުން ލާމަރުކަޒީ ނިޒާމަށް ބާރުތައް ދޫކޮށްލުމަށް ބިރުން އުޅޭކަމަށާއި، ކައުންސިލުތަކަށް
އާމްދަނީ ލިބުން ހުއްޓުވުމަކީ ސަރުކާރުގެ ބޭނުމަކަށް ވެފައިވާކަމަށް ހުޅުމާލޭ ދެކުނު
ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.

އަންގާރަ
ދުވަހު ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ޑރ. ޝަމްހީދު
ވިދާޅުވީ، މިއަދު ފެންނަމުންދަނީ ބާރުތައް ދޫކޮށްލަން ނުވަތަ ލާމަރުކަޒުކޮށް ޤައުމު
ހިންގަން ސަރުކާރު ބިރުން އުޅޭ މަންޒަރުކަމަށެވެ.

ކައުންސިލަށް
އާމްދަނީއެއް ނުވަތަ މަންފާއެއް ލިބިގެން އެ ރަށެއްގައި ކައުންސިލުން އިޖުތިމާއީ މަސައްކަތެއް
ކޮށްފާނެތީ މިއަދު ސަރުކާރުން ބިރުން އުޅޭތަން ފެންނަމުންދާކަމަށް އޭނާ ވިދާޅުވި އެވެ.
އެގޮތުން ކައުންސިލުތަކަށް އާމްދަނީ ލިބުން ހުއްޓުވުމަކީ މި ސަރުކާރުގެ ބޭނުމަކަށް
ވެފައިވާކަމަށް ޑރ. ޝަމްހީދުގެ ވާހަކައިގައި ފާހަގަ ކުރެއްވި އެވެ.

މިއަދު
ފެންނަމުންދަނީ ބާރުތައް ދޫކޮށްލަން، ނުވަތަ ލާމަރުކަޒުކޮށް ޤައުމު ހިންގަން
ސަރުކާރު ބިރުން އުޅޭ މަންޒަރު، ކައުންސިލަށް އާމްދަނީއެއް ނުވަތަ މަންފާއެއް
ލިބިގެން އެ ރަށެއްގައި ކައުންސިލުން އިޖުތިމާއީ މަސައްކަތެއް ކޮށްފާނެތީ މިއަދު
ސަރުކާރުން ބިރުން އުޅޭތަން ފެނޭ، ކައުންސިލުތަކަށް އާމްދަނީ ލިބުން ހުއްޓުވުން މި
ސަރުކާރުގެ ބޭނުމަކީ
ޑރ. އަހުމަދު ޝަމްހީދު

ވޭވަށަށް
މިސާލު ދައްކަވަމުން ޑރ. ޝަމްހީދު ވިދާޅުވީ، އެ ކުޑަ ރަށަށްވެސް އެތައް މިލިއަނަކުން
އާމްދަނީ ލިބޭނެ ފަދަ ޓޫރިޒަމްގެ ޕްރޮޑަކްޓުތައް އެރަށުން ހުރީ ހޯދާފައިކަމަށެވެ. ނަމަވެސް
މި ސަރުކާރު އައިސް އެކަންކަން ހުއްޓުވާލީކަމަށް އޭނާ ވިދާޅުވި އެވެ.

އެހެންކަމުން
ސަރުކާރުގެ ބޭނުމަކީ ހުރިހާ ބާރެއް ހިފަހައްޓައި ކައުންސިލުތަކަށް ލިބެން އޮތް އާމްދަނީ
ހުއްޓުވުންކަމަށް ޑރ. ޝަމްހީދު ވިދާޅުވި އެވެ.

ފަޅުރަށްރަށާއި
ފަޅުތައް އެކި ބޭނުންތަކަށް ކުއްޔަށް ދިނުމާއި ވަރުވާއަށް ލިޔެދިނުމުގެ އުސޫލުތައް
ބަޔާންކުރާ ބިލަކީވެސް ކައުންސިލުތަކަށް ލިބިދޭ ބާރުތައް މައި ސަރުކާރަށް ނެގުމަށް
ހުށަހެޅި ބިލެއްކަމަށް އޭނާ ވިދާޅުވި އެވެ.

ޑރ. ޝަމްހީދުގެ
ވާހަކައިގައި ފާހަގަ ކުރެއްވީ މިހާރުގެ ސަރުކާރުން ލާމަރުކަޒީ ނިޒާމު ބާރުވެރިކުރުމުގެ
ބަދަލުގައި އެ ނިޒާމު ބަލިކަށިކުރުމަށް މަސައްކަތްކުރަމުންދާކަމެވެ. ކައުންސިލުތަކަށް
މާލީ ހަރުދަނާކަން ލިބިގެންދާނެ ފަދަ ފުރުސަތުތައް ސަރުކާރުން ހުއްޓުވަމުންދާކަން އޭނާ
ތަކުރާރު ކުރެއްވި އެވެ.