ދިވެހިރާއްޖޭގައި ވަޒަންވެރިވެފައި ނުވާ ކޮންޓްރެކްޓަރުންގެ އަތުން ނަގާ ވިތްހޯލްޑިން ޓެކްސް އިތުރުކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްކޮށްފި އެވެ. 

އަންގާރަ ދުވަހުގައި ބޭއްވި މުޅި މަޖިލީހުގެ ކޮމިޓީ ބައްދަލުވުމުގައި އެ ބިލު ފާސްކޮށްފައި ވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 64 މެންބަރުންގެ އަޣުލަބިއްޔަތުންނެވެ. 

އާމްދަނީ އިން ޓެކްސް ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ އިސްލާހުގައި ބުނީ މި އިސްލާހަކީ މިހާރު ނަގަމުންދާ ޓެކްސް 5 އިންސައްތަ އިން 10 އިންސައްތަ އަށް އިތުރުކުރުމަށް ހުށަހަޅާފައިވާ އިސްލާހެއް ކަމަށެވެ.

މި ބިލު ސަރުކާރުން ހުށަޅާފައިވާ އިތުރު މަގްސަދުތަކުގެ ތެރޭގައި ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނާއި ދިވެހި ކޮންޓްރެކްޓަރުންނާ ދެމެދު ވާދަވެރި މާހައުލެއް ގާއިމު ކުރުން ހިމެނެ އެވެ. އަދި މި އިސްލާހުގެ ސަބަބުން ރާއްޖޭގެ ވިޔަފާރިވެރިންނަށް މަސައްކަތްތައް ލިބުމުގެ ފުރުސަތު އިތުރުވެގެން ދާނެކަމަށް ވަނީ ބުނެފަ އެވެ.

ނަމަވެސް، ވިތްހޯލްޑިން ޓެކްސް ހަމައެކަނި 5 އިންސައްތަ އިން 10 އިންސައްތަ އަށް މަތިކުރުމުން ރާއްޖޭގެ ވިޔަފާރިތަކަށް މަޝްރޫއުތައް ކުރިޔަށް ގެންދިއުމުގެ އިތުރު ފުރުސަތެއް ލިބިގެން ނުދާނެކަމަށް އިދިކޮޅު އެމްޑީޕީގެ މެންބަރުން ވިދާޅުވެ އެވެ.