ޕޯސްޓް މެދުވެރިކޮށް ރާއްޖެއަށް އެތެރެކުރަން އުޅުނު 3.2 ކިލޯއަށް ވުުރެ ގިނަ މަސްތުވާތަކެތި އަތުލައިގަނެފައިވާ ކަމަށް މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ބުނެފި އެވެ. 

އަންގާރަ ދުވަހުގެ ރޭ އެކްސްގައި ކުރި ޕޯސްޓެއްގައި ކަސްޓަމްސްއިން ބުނެފައިވަނީ މިތަކެތި އަތުލައި ގަތީ ރާއްޖެއަށް ޕޯސްޓު މެދުވެރިކޮށް އެތެރެކުރަން އުޅުނު ޕެކޭޖެއް ބަލައިފާސްކުރަމުން ދަނިކޮށް އޭގެ ތެރޭގައި މަސްތުވާތަކެތި ހުރި ކަމަށް ޝައްކު ކުރެވިގެން އިތުރަށް ބެލިބެލުމުން ކަމަށެވެ.

ކަސްޓަމްސްއިން ބުނީ ރާއްޖެ އެތެރަން އުޅެނިކޮށް އަތުލައި ގަނެފައިވަނީ 3252 ގުރާމް ކެނަބިސް ކަމަށެވެ. އަދި މިތަކެތި އަތުލައިގަނެފައިވަނީ 15 އޮގަސްޓްގައި ކަމަށް ވެސް ބުނެފައިވެ އެވެ. ނަމަވެސް މި މައްސަލައިގެ އިތުރު ތަފްސީލެއް ކަސްޓަމްސްއިން ހާމަކޮށްފައިނުވެ އެވެ.

ޕޯސްޓް މެދުވެރިކޮށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެކުރުމުގެ މައްސަލަތަކެއް މީގެ ކުރިން ވެސް ފެންމަތިވެފައިވެ އެވެ. އެފަދަ މައްސަލަތަކުގައި، ޕެކޭޖާ ހަވާލުވާން ދާން މީހުން ހައްޔަރުކޮށް، މީގެ ކުރިން ޖަލު ހުކުމް ވެސް ކޮށްފައިވެ އެވެ.