ރާއްޖޭގެ އިގްތިސާދަށް ދިމާވެފައިވާ ދަތިތަކާ ގުޅިގެން ހަރަދު ކުޑަކުރުމުގެ ފިޔަވަޅުތައް އަޅަމުންދާ ކަމަށް ސަރުކާރުން ބުނަމުންދިޔަ ނަމަވެސް، މިއަހަރުގެ ގައުމީ ދުވަސް ކުލަގަދަކޮށް ފާހަގަކުރުމަށްޓަކައި ދައުލަތުގެ ބަޖެޓުން ބޮޑު ހޭދައެއް ކޮށްފި އެވެ.
މިއަހަރުގެ ގައުމީ ދުވަހުގެ ރަސްމީ ޖަލްސާ ހޮނިހިރު ދުވަހު ހއ. އުތީމުގައި ބޭއްވިއިރު، މި ރަސްމިއްޔާތަށް ސަރުކާރުގެ ވަޒީރުންނާއި އެކި ލެވެލްތަކުގެ އިސްވެރިން ވަޑައިގެންނެވި އެވެ. މީގެއިތުރުން ގިނަ އަދަދެއްގެ ސަރުކާރުގެ މުވައްޒަފުންނާއި، ސަރުކާރު ޕްރޮމޯޓްކުރާ މީޑިއާތައް ވެސް އުތީމަށް ގެންގޮސްފައިވަނީ ސަރުކާރުގެ ހަރަދުގަ އެވެ. މި ދަތުރުގައި ބައިވެރިވި ހުރިހާ އެންމެންގެ ދަތުރުފަތުރާއި ކެއިންބުއިމުގެ އެންމެހައި ހަރަދުތައް ވެސް ހަމަޖައްސާފައިވަނީ ސަރުކާރުންނެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ސަރުކާރުގެ އިސްވެރިން ހިމެނޭ ގޮތަށް ހުރިހާ ފަރާތްތަކުން ދަތުރުކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ހަނިމާދޫ އެއާޕޯޓަށް ދަތުރުކުރުމަށްފަހު، ހަނިމާދޫއިން އުތީމަށް އެއާޓެކްސީގަ އެވެ. ހަނިމާދޫއިން އުތީމަށް ލޯންޗުގައި ފަސޭހަކަމާއެކު ދަތުރުކުރެވެން އޮއްވައި އެއާޓެކްސީ ބޭނުންކުރުމަކީ ހަރަދު ކުޑަކުރުމަށް ސަރުކާރުން އިސްކަން ނުދޭކަން ދައްކުވައިދޭ ކަމެއް ކަމަށް ބުނެ ގިނަ ބަޔަކު ދަނީ ފާޑުކިޔަމުންނެވެ.
މީގެއިތުރުން، އުތީމުގައި ގައުމީ ދުވަސް ފާހަގަކުރުމަށް މިނިސްޓްރީ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖުން ހަ ލައްކައަށް ވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް އިތުބާރުހުރި ފަރާތަކުން މައުލޫމާތު ދީފައިވެ އެވެ. ނަމަވެސް، މިކަމާ ގުޅިގެން މިނިސްޓަރު ހީނާއާ ސުވާލު ދެންނެވުމުން، އެއްވެސް ޖަވާބެއް ދެއްވާފައެއް ނުވެ އެވެ.
ގައުމީ ދުވަހުގެ ހަރަކާތްތަކަށް ބޮޑު ހޭދައެއް ކޮށްފައިވާއިރު، ހަރަދު ކުޑަކުރުމުގެ ސިޔާސަތުގެ ދަށުން ކަމަށް ބުނެ މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ބައްދަލުކުރެއްވުން ހިމެނޭހެން ބައެއް މުހިންމު ހަރަކާތްތައް ވަނީ ކެންސަލް ކޮށްފަ އެވެ.