ގައުމީ ދުވަހުގައި ހއ. އުތީމުގައި ބޭއްވި ބޮޑުތަކުރުފާނު ދޮރާށި ހުޅުވައިދެއްވުމުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް އަމާޒުވެއްޖެ އެވެ. 

އެގޮތުން މި ރަސްމިއްޔާތުގައި ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނާޒް ގުރްއާން ކިޔަވަން ހުރި ކުއްޖަކު ސިއްސުވާލާ ވީޑިއޯއެއް ސޯޝަލް މީޑީއާގައި ވަނީ ދައުރުވެފައި އެވެ.

އެ ވީޑިއޯއިން ފެނިގެން ދަނީ ރައީސް ޑރ. މުހައްމަދު މުއިއްޒު އާއި އަނބިކަނބަލުން ސާޖިދާ މުހައްމަދު އަދި ސަރުކާރުގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވި މި ރަސްމިއްޔާތުގައި ގުރްއާން ކިޔަވަން ހުރި ކުއްޖާ ކައިރިއަށް ހެރިޓޭޖް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަހުމަދު މުނާޒް ގޮސް ކިޔެވުން ކުރުކޮށްލަން ބުނާ މަންޒަރެވެ.  

މިކަން ދިފާއުކޮށް ސަރުކާރުގެ އިސް ފަރާތްތަކުން ބުނެފައިވަނީ ގުރުއާން ކިޔެވުން ކުރުކުރަން ބުނީ ރައީސް މުއިއްޒު އަދި ސަރުކާރުގެ އިސް ބޭފުޅުން އަވީގައި ކޯޓު ލައިގެން ހުންނެވުމުގެ ސަބަބުން ހޫނު ގަދަވާތީ ކަމަށެވެ. ގުރުއާން ކިޔެވުން ކުރުކުރަން ބުނި ނަމަވެސް މި ރަސްމިއްޔާތުގައި އުތީމު ސްކޫލް ދަރިވަރުންގެ ސަގާފީ ނެށުމުގެ ހުށަހެޅުން ކުރިއަށްދިޔައީ ވެސް ރައީސް މުއިއްޒުގެ ދެކަނބަލުންނާއި ސަރުކާރުގެ އިސް ބޭފުޅުން އަވީގައި ހުންނަވައިގެންނެވެ. 

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް މުއިއްޒަށް އަންނަނީ އާންމުންގެ ފާޑުކިޔުން ކުރިމަތި ވަމުންނެވެ. އެގޮތުން ގުރްއާން ކިޔަވައި ނިމެންދެން ރައީސް މުއިއްޒަށް ކެތްތެރިވެވަޑައިނުގެންނެވޭތޯ އާންމުންގެ ގިނަ ބަޔަކު ދަނީ ސުވާލު ކުރަމުންނެވެ. އަދި މިއީ ހިތާމަވެރި އަދި އެހާމެ ދެރަކަމެއް ކަމަށް ބުނެ އާންމުން ކަންބޮޑުވުން ފާޅުކޮށްފައިވެ އެވެ.  

އެގޮތުން ގުރުއާން ކިޔެވުން ކުރުކުރަން ބުނުމަކީ މައްސަލައެއް ނޫން ނަމަވެސް މި އަމަލުން ގުރުއާނަށް އިސްކަންދޭ މިންވަރު ރައްޔިތުންނަށް ވަޒަން ކުރެވިގެންގޮސްފައިވާ ކަމަށް ގިނަ ބަޔަކު ދެކެ އެވެ.