ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ދިވެހު
ކޮންސްޓްރަކްޝަން ކުންފުނިތައް އޮތީ ފުނޑިފައި ކަމަށް ހުޅުމާލެ ދެކުނު ދާއިރާގެ
މެންބަރު ޑރ. އަހުމަދު ޝަމްހީދު ވިދާޅުވެއްޖެ އެވެ.
ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި، އާމްދަނީ އިން ޓެކްސް
ނެގުމުގެ ގާނޫނަށް ސަރުކާރުގެ ފަރާތުން މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު
ހުށަހަޅުއްވާފައިވާ އިސްލާހަށް ބަހުސް ކުރައްވަމުން މެންބަރު ޝަމްހީދު ވިދާޅުވީ، ކައުންސިލުތަކުން ހިންގަމުންދާ ހަތަރު މިލިއަން އަދި ފަސް މިލިއަން ރުފިޔާގެ ކުދި މަޝްރޫއުތައް ވެސް
ހިންގަމުންދަނީ ބޭރުގެ ކުންފުނިތަކުން ކަމަށެވެ.
ޝަމްހީދު ވިދާޅުވީ ރާއްޖޭގައި މިވަގުތު ބޭރުގެ ކޮންޓްރެކްޓަރުންގެ އަތުން
ނަގަމުންދާ ޓެކްސްގެ އަދަދު ފަސް އިންސައްތަ އިން ދިހަ އިންސައްތަ އަށް ބޮޑު
ކުރުމުން، ދިވެހި ކުންފުނިތަކަށް އިތުރު ފުރުސަތުތަކެއް ލިބިގެން ނުދާނެ ކަމަށެވެ.
އަދި މި ޓެކްސް 23 އިންސައްތަ އަށް އިތުރު ކުރުން ބުއްދިވެރި ކަމަށް
މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
ކޮންސްޓްރަކްޝަންއާ ގުޅޭ 2 ބިލިއަން ޑޮލަރަށް ވުރެ ގިނަ ފައިސާ ޚަރަދުވާ
މަޝްރޫއުތައް ރާއްޖޭގައި މި ވަގުތު ކުރިއަށްދާއިރު، ރާއްޖޭގެ ކުންފުނިތަކަށް
ލިބިފައިވަނީ ކިތައް މަޝްރޫއުކަމާ މެދު މެންބަރު ޝަމްހީދު ވަނީ ސުވާލު އުފައްދަވައިފަ އެވެ. އަދި މި
މަޝްރޫއުތަކުގެ ސަބް ކޮންޓްރެކްޓެއް ވެސް ދިވެހިންނަށް ލިބިގެން ނުދާކަމަށް
މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
ހަމައެއާއެކު ދިވެހި ކޮންޓްރެކްޓަރުންނަށް ކޯޓާ ނުލިބޭ ކަމުގެ ކަންބޮޑުވުން
ފާޅުކުރައްވާ ޝަމްހީދު ވިދާޅުވީ، ބޭރުގެ ކުންފުނިތަކަށް މަސައްކަތް ކުރުމަށް ބޭނުން
ވަރަކަށް ބިދޭސީން އެތެރެކޮށް ވިސާ ލިބޭ ކަމަށެވެ. އަދި ބޭރު ކުންފުންނިތަކުން
ގެންނަ އެކްސްކަވޭޓަރު އަދި އިތުރު މެޝިނަރީތަކުން ޑިއުޓީ ނުނަގާ ކަމަށާއި، ނަމަވެސް ރާއްޖެ އަށް ނިސްބަތްވާ ކުންފުނިތަކުގެ މެޝިނަރީތަކުން ޑިއުޓީ
ނަގަމުންދާ ކަމަށް މެންބަރު ޝަމްހީދު ވިދާޅުވި އެވެ.
މި ދިވެހިރާއްޖޭގައި މިވަގުތު އެބަ ހިނގާ ދެތިން ހަތަރު ބިލިއަން ޑޮލަރުގެ ކޮންސްޓްރަކްޝަން ރިލޭޓެޑް މަސައްކަތް. މީގެން ކޯއްޗެއްތޯއޭ ދިވެހި ކޮންޓްރެކްޓަރުންނަށް ލިބެނީ. ކިހިނެއްތޯއޭ ބޭރު ކޮންޓްރެކްޓަރުންނަށް ބޭނުން ވަރަކަށް ބޭރު މީހުން އެތެރެކޮށްގެން މަސައްކަތް ކުރަން ފުރުސަތު މި ލިބެނީ. ދިވެއްސަކަށް މިއުޅެނީ ކޯޓާ އެއް ނުލިބިގެންޑރ. އަހުމަދު ޝަމްހީދު
މެންބަރު ޝަމްހީދު ވިދާޅުވީ، ބޭރު ކުންފުނިތަކުން މަޝްރޫއުތައް ކުރިއަށްގެންދާއިރު ރާއްޖޭގެ ކުންފުނިތަކަށް އެންމެ މަދުވެގެން 30 އިންސައްތަ ނުވަތަ 50
އިންސައްތައިގެ ސަބް ކޮންޓްރެކްޓެއް ދޭން ޖެހޭ ކަމަށެވެ.
މެންބަރު ޝަމްހީދު ވިދާޅުވީ މި އިސްލާހުގެ ސަބަބުން ދިވެހި
ކޮންޓްރެކްޓަރުންނަށް ފުރުސަތު އިތުރުވެގެން ނުދާނެ ކަމަށެވެ. އަދި ބަދަލުތައް
ގެންނަން ބޭނުން ނަމަ، މިއަށްވުރެ ބޮޑު އިސްލާހުތަކެއް ގެންނަން ޖެހޭ ކަމަށް މެންބަރު
ޝަމްހީދު ވިދާޅުވި އެވެ.