މި ސަރުކާރަށް މާލޭގެ މަގެއް ހެދިގެން އެކަން އިޝްތިހާރު ކުރުމަށްޓަކައި ވަރުވަރުން ޓިކްޓޮކްތައް ހަދާފައިވާ ކަމަށާއި އެ ޓިކްޓޮކް ތަރިންނަށް، ރަށްރަށުގެ ތަރައްގީ އަށް ނުކުރާވަރުގެ ޚަރަދު މި ސަރުކާރުން ކުރަމުންދާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކަނޑިތީމު ދާއިރާގެ މެންބަރު އަމީން ފައިސަލް ވިދާޅުވެއްޖެ އެވެ. 

ހޯމަ ދުވަހުގެ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ސަރުކާރުގެ ފަރާތުން، މަތިވެރި ދާއިރާގެ މެންބަރު ހަސަން ޒަރީރު ހުށަހަޅުއްވާފައިވާ، އާމްދަނީން ޓެކްސް ނެގުމުގެ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް ވަނީ ބަހުސްކޮށްފަ އެވެ. އެ ބިލަށް ބަހުސް ކުރައްވަމުން މެންބަރު ވިދާޅުވީ މި ސަރުކާރަށް 250 މިލިއަންގެ ބަދަލުގައި 2500 މިލިއަން ރުފިޔާ ލިބުނަސް، ދާއިރާތަކުގައި އުޅޭ ރައްޔިތުންނަށް މިއަދާ ހަމައަށް އައި އިރު ކުރަނީ ކޮން މަންފާއެއް ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ދާއިރާގައި ފަސް ރަށް އޮންނަ އިރު، ގެދޮރު އަޅާ ނިމި، ކަރަންޓު ނުލިބިގެން، ފެން ނުލިބިގެން ގެއަށް ނުވަދެވިފައި ތިބި ޒުވާނުން މިއަދު ކަންބޮޑުވުން ފާޅުކޮށް، މެންބަރަށް މެސެޖުން އެކަން ހައްލު ކޮށްދިނުމަށް އެދިފައިވާ ކަން ވެސް އަމީން ފާހަގަކުރެއްވި އެވެ.  އެ ފަރާތްތަކުން ފެނަކައާ ކަމާ ގުޅުންހުރި މިނިސްޓްރީއާ، މިނިސްޓަރާ ވެސް ސުވާލު ކޮށްގެން އެދެވޭ ޖަވާބެއް ނުލިބޭކަން މެންބަރު ފާހަގަ ކުރެއްވި އެވެ. 

އަމީން ވިދާޅުވީ މިއަދު އެމީހުންނަށް ކަރަންޓެއް ނުލިބޭ ކަމަށާއި ފެނާއި ނަރުދަމާ ވެސް ނެތް ކަމަށެވެ.

1.6 ބިލިއަން ރުފިޔާ، ދުވަހަކު ނުލިބޭ ވަރަށް މި ސަރުކާރަށް އާމްދަނީ ލިބިއްޖެ. ރައްޔިތަކަށް ވީ އެއްވެސް މަންފާއެއް ނެތް. މިއީ ދިވެހީންގެ ރާއްޖެ. ދިވެހީންގެ ރާއްޖެ މިއީ. ދިވެހީންނަށް ހުޅުވިފަ އޮންނަނީ، ދިވެހީންނަށް ހުރިހާ ކަމެއް އޮންނަނީ، ރާއްޖެތެރޭގެ ހުރިހާ ރަށްރަށަށް ކަމެއް އޮންނަނީ. މާލޭގައި މަގެއް ހުޅުވީމަ ޓިކްޓޮކް ހަދައި، ޓިކްޓޮކް ސްޓާރުންނަށް އަޅުގަނޑުމެންގެ ދާއިރާގެ ތަރައްގީއަށް ނުކުރާހާ ޚަރަދު މި ސަރުކާރުން ކޮށްފި. އެކަން ނުކުރާށެކޭ އެއް ނޫން. އެކަން ކޮށްގެން ކަންބޮޑުވަނީ އެއް ވެސް ނޫން. މި ކުރާއިރުގައި އެ ރަށްރަށުގައި ހުރި ކުދިކުދި ކަންކަން ވެސް ކޮށްލަ ދޭށޭ
އަމީން ފައިސަލް

މިއަދު ރައްޔިތުން އުޅެނީ ފެނާއި ނަރުދަމާއާއި ކަރަންޓު ނުލިބިގެން ކަމަށާއި މިއީ ޖޯކެއް ކަމަށް މެންބަރު ވިދާޅުވި އެވެ. ވަރުވަރުން އޭޓީއެމްތައް ބެހެއްޓި ނަމަވެސް އޭޓީއެމް އިން ނަގާނެ ފައިސާ އެއް ނެތް ކަމަށާއި ފައިސާ ދެއްކިނަމަވެސް، ފެނާއި ކަރަންޓާ ލިބޭނެ ގޮތެއް ނެތް ކަމަށް މެންބަރު ވިދާޅުވި އެވެ. 

ނޫމަރާގަ ކަރަންޓު ބޭނުންވާ 10 ގެއަށް ކަރަންޓު ގުޅާލަ ދެވޭނެ ވަރު ކޮށްލަ ދޭށޭ. ކަނޑިތީމުގަ ފެނާއި ނަރުދަމާ ނުލިބިފައި ތިބި ގޭގެއަށް އެވަރު ކޮށްލަދޭށޭ. ތިން އަހަރު ވަނީ އޭ. ބިލެއްފަހީގައި ކަރަންޓު ނުލިބިފަ ހުރި ގޭގެއަށް އެކަން ކޮށްލަދޭށޭ. ތިން އަހަރު ވަނީ އޭ. ކަނޑިތީމުން އެ ދަނީ ދުވާލަކު 5 ފޫޓު ގިރަމުން. ލޭންޑިންގ ކްރާފްޓް ކައިރިކުރަން ބެޑް ހަދާފައި، އެކްސްކެވޭޓަރު އެ ބޭލީ ރަށުން
އަމީން ފައިސަލް

އަމީން ވިދާޅުވީ ކަންކަން ކުރުމުގަ ވެސް އޮންނަން ޖެހޭނެ ހަމައަކާއި އުސޫލެއްވާ ކަމަށެވެ. އެހެން ނަމަވެސް މި ސަރުކާރަކީ އެއިން އެއްވަސް ކަމަކަށް ބެލުމެއް ނެތި ކަންކަން ކުރަމުންދާ ސަރުކާރެއް ކަމަށެވެ. 

މެންބަރު ޒަރީރު ހުށަހެޅުއްވި ބިލުގައި ވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގައި ބޭރުގެ ކޮންޓްރެކްޓަރުންނަށް ދޭ ފައިސާއިން ނަގާ ވިތުހޯލްޑިންގ ޓެކްސް 10 އިންސައްތަ އަށް އިތުރު ކުރުމަށެވެ. މި ބިލު ހުށަހެޅުމުގެ ބޭނުމެއް ކަމަށް ބުނެފައި ވަނީ ރާއްޖޭގައި ހިންގާ ކޮންސްޓްރަކްޝަން މަޝްރޫއުތަކުގެ ކޮންޓްރެކްޓުތަކަށް ވާދަކުރުމުގައި ދިވެހި ވިޔަފާރިތަކާއި ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންނާ ދެމެދު ހަމަހަމަ އަދި ވާދަވެރި މާހައުލެއް ގާއިމުކުރުމެވެ.