މިހާރުގެ ސަރުކާރަށް ޓެކްސްގެ ވާހަކަ ހަގީގަތުގައި
ދެއްކޭކަށް ވެސް ނެތް ކަމަށާއި، މިއަދު ފެންނަނީ ޓެކްސް ނިޒާމު ލާދީނީކަމަށް ބުނި
މީހުން އިތުރު ޓެކްސް ނަގަން މަސައްކަތްކުރާ މަންޒަރުކަމަށް ކެންދޫ ދާއިރާގެ މެންބަރު
މައުރޫފް ޒާކިރު ވިދާޅުވެއްޖެ އެވެ.

އާމްދަނީން ޓެކްސް ނެގުމުގެ ބިލަށް ހުށަހަޅާފައިވާ
އިސްލާހަށް ބަހުސް ކުރައްވަމުން މައުރޫފް ފާހަގަކުރެއްވި ގޮތުގައި އެމްޑީޕީގެ ވެރިކަމުގައި
ޓެކްސް ނިޒާމު ގެނައުމުން އެއީ ލާދީނީ ކަމެއްކަމަށް ބުނެ ވާހަކަ ދެއްކި މީހުން މިއަދު
ވެރިކަމުގައި ތިބެ މި ފެންނަނީ އިތުރު ޓެކްސް ނެގުމަށް މަސައްކަތް ކުރާތަނެވެ.

މައުރޫފް ވިދާޅުވީ، އިތުރު އެއްވެސް ޓެކްސެއް ނުނަގާނެކަމަށާއި
އޭގެ ބަދަލުގައި ހަމައެކަނި ޓެކްސް ބޭސް ފުޅާކުރާނެކަމަށް ސަރުކާރު ވެރިކަމަށް އައިއިރު
ބުނަމުންދިޔަ ކަމަށެވެ. ނަމަވެސް މި ކުރެވެނީ އެކަންތޯ ސުވާލު އުފައްދަވައި މައުރޫފް
ވިދާޅުވީ، ހަގީގަތުގައި ޓެކްސް ބޭސް ފުޅާކުރާކަށް ވެސް މި ސަރުކާރަކަށް ނޭނގޭނެކަމަށެވެ.

ސަރުކާރު ވެރިކަމަށް
އައިއިރު ބުނަމުންދިޔައީ އިތުރު އެއްވެސް ޓެކުހެއް ނުނަގާނަމޭ، އޭގެ ބަދަލުގައި
ހަމައެކަނި ޓެކްސް ބޭސް ފުޅާކުރާނީއޭ، ނަމަވެސް އެކަންތޯ މި ކުރެވެނީ؟ ހަގީގަތުގައި
ޓެކްސް ބޭސް ފުޅާކުރާކަށްވެސް މި ސަރުކާރަކަށް ނޭނގޭނެ
މައުރޫފް ޒާކިރު

މި ސަރުކާރުން ކުރި ބައެއް ކަންކަން ފާހަގަކުރައްވަމުން
މައުރޫފް ވިދާޅުވީ، މި ސަރުކާރަކީ ޓައުންޝިޕްގެ ގޮތުގައި ރާއްޖޭގެ އެސްއީޒެޑުގެ ދަށުން
ބޮޑު ސަރަހައްދެއް ވިއްކާލައި އެންމެ އިންސައްތައެއްގެ ޓެކްސް ދައްކައިގެން ބޭރު މީހުންނަށް
ތިބެވޭގޮތަށް ފަހިކޮށްދިން ސަރުކާރެއް ކަމަށެވެ. އެހެންވީމާ ސަރުކާރުން އޮޅުވާލަން
މަސައްކަތް ކުރުމުގެ ބޭނުމެއް ނެތްކަމަށް މައުރޫފް ވިދާޅުވި އެވެ.

މައުރޫފް ވިދާޅުވީ، މިއަދު ފެންނަމުންދަނީ ޤައުމެއް
އިޤްތިސާދީ ގޮތުން މާލީ ގޮތުން ދަތިވެގެން ދިޔައީމާ ދެން ކަންކަން ކުރަން އުޅޭ މަންޒަރުކަމަށެވެ.
އަދި ވިދާޅުވީ، ދިވެހި ކޮންޓްރެކްޓަރުން މިއަދު ތިބީ ހާލުގައި ޖެހިފައި ކަމަށެވެ.
އެގޮތުން މިލިއަނަކަށްވުރެ ގިނަ ރުފިޔާ ދޭންޖެހިފައި ތިބި ދިވެހި ކޮންޓްރެކްޓަރުން
އެބަތިބިކަމަށާއި، އެމީހުން ސަރުކާރު ފަހާ ދުވާ މަންޒަރު މިއަދު ފެންނަމުންދާކަމަށް
އޭނާ ވިދާޅުވި އެވެ.

ކޮންޓްރެކްޓަރުންނަށް ފައިސާ ދެވޭނެ މިންވަރު ވެސް
މި ސަރުކާރުގައި ނެތްކަމަށް މައުރޫފް ފާހަގަކުރެއްވި އެވެ. މި ސަރުކާރުން ކުރަމުންދާ
މާލީ ސިޔާސަތުތަކާ ގުޅިގެން ވަރަށް ބޮޑެތި ސުވާލުތައް އުފެދިފައިވާއިރު، ޤައުމުގެ އިޤްތިސާދީ
ހާލަތު ދަށަށް ދާތީ މިހާރު ފެންނަމުންދަނީ އިތުރު ޓެކްސްތައް ނަގަން އުޅޭތަނެވެ.