އާމްދަނީން
ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ އިސްލާހުތަކަށް އަމަލުކުރަން
ފެށި ނަމަވެސް، އޭގެ ހަގީގީ ނަތީޖާ ދިވެހި ރައްޔިތުންނަށް ކުއްލިއަކަށް ފެނިގެން ނުދާނެ
ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިހަވަންދޫ ދާއިރާގެ މެންބަރު އަހްމަދު ނަސީރު ވިދާޅުވެއްޖެ
އެވެ.
މެންބަރު
މިހެން ވިދާޅުވީ އާމްދަނީން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލަށް މަޖިލީހުގައި
ކުރިއަށްދިޔަ ބަހުސްގައި ވާހަކަދައްކަވަމުންނެވެ.
މެންބަރު
ނަސީރު ވިދާޅުވީ، ޓޫރިޒަމް ދާއިރާއަށް ގެންނަ ބަދަލުތަކާއި، އާމްދަނީން ޓެކްސް ނެގުމުގެ
ޤާނޫނަށް މި ގެންނަ ބަދަލުތަކުގެ ހެޔޮ ނަތީޖާ ފެންނަން ފަށާނީ މީގެ ތިން އަހަރު ނުވަތަ
ހަތަރު އަހަރު ފަހުން ކަމަށެވެ.
މި ބިލު ފާސްކުރާ ހިސާބުން ރާއްޖޭގެ އާމްދަނީ އިންތިހާއަށް
ރަނގަޅުވެ، ގިނަ އަދަދެއްގެ ފައިސާ ނުވަތަ ޑޮލަރު ޤައުމަށް ލިބިގެންދާނެ ކަމަށް ރައްޔިތުން
ހީކޮށްފާނެ ކަމަށާއި ނަމަވެސް، ހަގީގަތަކީ އެއީ ނޫންކަން މެންބަރުގެ ވާހަކައިގައި
ފާހަގަކުރެއްވި އެވެ.
އަޅުގަނޑުމެން
މި ކުރާ މަސައްކަތުގެ މައިގަނޑު ރަނގަޅު ނަތިޖާ ކުއްލިއަކަށް ދިވެހި
ރައްޔިތުންނަށް ފެނިގެނެއް ނުދާނެ، ޓޫރިޒަމުން މި ގެންނަ ބަދަލުތަކާ އަދި އާމްދަނީން
ޓެކްސް ނެގުމުގެ ޤާނޫނަށް މި ގެންނަ ބަދަލުތަކާ، މި ހުރިހާ ބަދަލުތަކެއްގެ ރަނގަޅު
ނަތީޖާ ފެނިގެންދާނީ މީގެ ތިން އަހަރު ހަތަރު އަހަރު ފަހުން، ފަހަރެއްގާ ރައްޔިތުން
ހީކޮށްފާނެ އަޅުގަނޑުމެން މި ބިލު ފާސްކުރާ ތަނުން މި ޤައުމުގެ އާމްދަނީ
އިންތިހާއަށް ރަނގަޅުވެ، ގިނަ އަދަދެއްގެ ފައިސާ ނޫނީ ޑޮލަރު މި ޤައުމަށް ލިބިގެންދާނެކަމަށްއަހްމަދު ނަސީރު
މި ބަދަލުތައް
ގެންނަން ޖެހުނު ސަބަބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ނަސީރު ވިދާޅުވީ، މީގެ ކުރީގެ
ސަރުކާރުތަކުން ޤައުމާމެދު އިހުމާލުވެ، ޤައުމު ދަރުވާލާފައިވާ ކަމަށެވެ.
އެހެންކަމުން
މިހާރު ކުރަންޖެހިފައިވާ އެންމެ މުހިންމު މަސައްކަތަކީ ޤައުމުގެ ފޮރިން ރިޒާވް ރަނގަޅު
ކުރުން ކަމަށް އޭނާ ވިދާޅުވި އެވެ.
ސަރުކާރު
ހިންގާ ޕާޓީއަށް ނިސްބަތްވާ މެންބަރުގެ މި ވާހަކަތަކުން، ސަރުކާރުން މިހާރު ހުށަހަޅަމުންދާ
ބިލުތަކުގެ ސަބަބުން ގާތް މުސްތަޤުބަލެއްގައި ރައްޔިތުންނަށް ލިބޭނެ ސީދާ ފައިދާއެއް
ނެތްކަން ސަރުކާރުގެ މެންބަރުން ވެސް ޤަބޫލުކުރާކަން ހާމަވެގެންދެ އެވެ.
އާމްދަނީން
ޓެކްސް ނެގުމުގެ ޤާނޫނަށް ސަރުކާރުން އިސްލާހު ހުށަހަޅާފައިވަނީ ދައުލަތަށް ލިބޭ އާމްދަނީ
އިތުރުކުރުމުގެ ބޭނުމުގަ އެވެ. ނަމަވެސް މި ބަދަލުތަކުގެ ސަބަބުން އިޤްތިސާދީ ގޮތުން
ކުރާނެ އަސަރުތަކާ މެދު މަޖިލީހުގެ ތަޅުމުގައި މެންބަރުންގެ މެދުގައި ދަނީ ތަފާތު ޚިޔާލުތައް
ފާޅުކުރަމުންނެވެ. މެންބަރު ނަސީރުގެ ވާހަކައިގައި ބާރުއެޅުއްވީ މިހާރު ކުރަމުންދާ
މަސައްކަތްތަކަކީ ދުރު މުސްތަޤުބަލަކަށް އަމާޒުކޮށްގެން ކުރާ މަސައްކަތްތަކެއް ކަމަށެވެ.