ދިވެހިރާއްޖޭގެ ހަކަތައިގެ ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި، "އެނާޖީ ސެކިއުރިޓީ އިމަޖެންސީ އެސިސްޓެންސް ޕްރޮޖެކްޓް" ގެ ދަށުން 50 މިލިއަން އެމެރިކާ ޑޮލަރުގެ އެހީ ފޯރުކޮށްދިނުމުގެ ގާނޫނީ އެއްބަސްވުންތަކުގައި ދިވެހި ސަރުކާރާއި އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭޑީބީ) އިން އާދިއްތަ ދުވަހު ސޮއިކޮށްފި އެވެ.

މި މަޝްރޫއުގެ ލޯނު އެއްބަސްވުމުގައި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ ހަސަން ޒަރީރު އެވެ. އޭޑީބީގެ ފަރާތުން ސޮއިކުރެއްވީ އެ ބޭންކުގެ ސައުތު އޭޝިއާ ޑިޕާޓްމަންޓްގެ ރީޖަނަލް ކޯޕަރޭޝަން އެންޑް އިންޓަގްރޭޝަން ޔުނިޓްގެ ރީޖަނަލް ހެޑް ޑރ. ތިއަމް ހީ އެންގް އެވެ. މީގެ އިތުރުން، މި މަޝްރޫއުގެ "ޕްރޮޖެކްޓް އެގްރީމަންޓް" ގައި އޭޑީބީ އާ އެކު ސޮއިކުރެއްވީ އެސްޓީއޯގެ މެނޭޖިންގ ޑިރެކްޓަރު އަދި ސީއީއޯ ޝިމާދު އިބްރާހީމް އެވެ.

މިއީ މެދުއިރުމަތީގައި ހިނގަމުންދާ ހަނގުރާމަ އާ ގުޅިގެން ދުނިޔޭގެ ބާޒާރުގައި ހަކަތައިގެ އަގުތައް އުފުލެމުންދާތީ، އެކަމުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް އޭޑީބީން ދިން ލޯނެކެވެ.

އޭޑީބީގެ މި ލޯނު އެހީ ލިބިފައިވަނީ ރާއްޖޭގެ މެކްރޯ އިކޮނޮމިކް ހާލަތު ގޮންޖެހުންތަކެއްގެ ތެރޭގައި އޮތް ދަނޑިވަޅެއްގަ އެވެ.