ދިވެހިރާއްޖޭގެ އިގްތިސާދީ ހާލަތާއި، މަނިޓަރީ ސިޔާސަތުގެ ދަށުން މޯލްޑިވްސް
މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަޅާފައިވާ ފިޔަވަޅުތަކާ ގުޅޭގޮތުން
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް މައުލޫމާތު ހިއްސާކުރުމަށް ބޭއްވި
ކޮމިޓީ ބައްދަލުވުން ސިއްރުކޮށްފި އެވެ.

އާދިއްތަ ދުވަހު ބޭއްވި މި ބައްދަލުވުން ސިއްރުކޮށްފައިވާ ސަބަބެއް
މިހާތަނަށް އެނގިފައެއް ނުވެ އެވެ.

ރާއްޖޭގެ ބޭރު ފައިސާގެ އެކްސްޗޭންޖް ރޭޓްގެ ހާލަތު ގޯސްވުމުގެ ސަބަބުން
އެމްއެމްއޭގެ ގަވަރުނަރު އަހުމަދު މުނައްވަރު މަޖިލީހަށް ހާޒިރުކުރުމަށް
ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީގެ ކިބައިން އެމްޑީޕީއިން ވަނީ 2026
އޯގަސްޓް 11 ގައި އެދިފަ އެވެ.

މިގޮތުން ދިރިއުޅުމުގެ ހަރަދު އިތުރުވަމުންދާ މައްސަލަ އާއި ރާއްޖޭގަ ފޮރިން
އެކްސްޗޭންޖް މާކެޓެއް ހާމަކަން ބޮޑު ގޮތެއްގައި އޮޕަރޭޓް ކުރަމުންދާ ކަމުގެ
ކަންބޮޑުވުން އެމްޑީޕީއިން ވަނީ ފާޅުކޮށްފަ އެވެ. އަދި އެމްއެމްއޭއިން
އެކަށީގެންވާ ފިޔަވަޅު އަޅަމުންދާނަމަ ޑޮލަރުގެ މާކެޓް ރޭޓް އުފުލެމުން ދަނީ
ކީއްވެ ކަމާމެދު އެމްޑީޕީއިން ވަނީ ސުވާލު އުފައްދާފަ އެވެ.

ހަމައެއާއެކު ބޭރު ފައިސާގެ ބާޒާރަށް އަންނަ ބަދަލުތަކާއި ބޭރު ފައިސާގެ ކަޅު
ބާޒާރެއް އުފެދިފައިވާތީ އެކަމާ ގުޅޭ ގޮތުން އެމްއެމްއޭގެ ގަވަރުނަރާއި އެމްޑީޕީގެ
ޕާލިމެންޓްރީ ގްރޫޕް އާއި ބައްދަލު ކުރުމަށް މަޖިލީހުގެ ގަލޮޅު އުތުރު ދާއިރާގެ
މެންބަރު މުހައްމަދު އިބްރާހީމް (ކުޑޫ) ވަނީ ހުށަހަޅުއްވާފަ އެވެ.

ކުޑޫ ވިދާޅުވި ގޮތުގައި ބޭރު ފައިސާއާ ބެހޭ ގާނޫނެއް 2025 ޖެނުއަރީ 1 އިން
ފެށިގެން އަމަލުކުރަން ފަށައިފައިވީ ނަމަވެސް އެ ގާނޫނު ތަންފީޒުކުރުމުގައި
ދިމާވެފައިވާ ނިޒާމީ މައްސަލަތަކުގެ ސަބަބުން ކަޅު ބާޒާރެއް އުފެދިފައިވާ
ކަމަށެވެ.

ބޭރު ފައިސާގެ މައްސަލައާއި ޑޮލަރުގެ އަގު އިންތިހާއަށް ބޮޑުވެ، ތަކެތީގެ އަގުތައް ވެސް ބޮޑުވުމުގެ އިތުރުން، ވިޔަފާރިތަކަށް ވެސް ގެއްލުން ލިބެމުންދާތީ އެކަމުގެ ކަންބޮޑުވުން އެތައް ބަޔަކު ދަނީ ފާޅުކުރަމުންނެވެ. ޚާއްސަކޮށް، ސަރުކާރުން އިގްތިސާދާ ގުޅޭ ކަންކަމުގައި ދެފުށްފެންނަ ސިޔާސަތުތަކެއް ނުގެންގުޅޭ ކަމަށް ބުނެ ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކުރަމުންދާއިރު، މިދަފަ ކަންކަމުގައި ވެސް ރައްޔިތުންނަށް ކޮންމެހެން އެނގެން ޖެހޭ ކަންކަން ސަރުކާރުން ގަސްތުގައި ފޮރުވަމުން ދާތީ ގިނަ ބަޔަކު ދަނީ އެކަމުގެ ކަންބޮޑުވުން ފާޅު ކޮށް، ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔަމުންނެވެ.