ހ. ފަހިވައި 7 ވަނަ ފަންގިފިލާގައި ހިނގި އަލިފާނުގެ ހާދިސާއާ ގުޅިގެން 4 މީހަކަށް ވަގުތީ ބޯހިޔާވަހިކަން ފޯރުކޮށްދީފައިވާ މޯލްޑިވްސް ނޭޝެނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން ބުނެފި އެވެ. 

މި ހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ފަޔަރ އެންޑް ރެސްކިޔު ސަރވިސްއަށް މި ހާދިސާގެ މައުލޫމާތު ހުކުރު ދުވަހުގެ ރޭ 08:46 ލިބުމާ އެކު، މާލޭ ފަޔަރ ސްޓޭޝަނުގެ ފަޔަރފައިޓަރުން ވަނީ އެ ސަރަހައްދަށް ގޮސް އަލިފާން ނިއްވުމުގެ މަސައްކަތްކޮށްފައި ކަމަށެވެ.

އެމްއެންޑީއެފް އިން ބުނީ ފަޔަރ ފައިޓަރުން ކުރި މަސައްކަތުން އަލިފާންގަނޑު ނިއްވާލެވުނީ ހުކުރުދުވަހުގެ ރޭ 09:25 ހާއިރު ކަމަށެވެ. 

މި ހާދިސާގައި އެ އިމާރާތުގެ ޓެރަސްއަށް ވަންނަ ދޮރުގެ ބިއްލޫރިގަނޑެއް ތަޅާލަން އުޅުމުގެ ތެރޭގައި، ހާދިސާގައި ހަރަކާތްތެރިވި ފުލުހެއްގެ އަތް ކަނޑައިގެން ގޮސްފައިވީ ނަމަވެސް އިތުރު މީހަކަށް އަނިޔާއެއް ވިކަމުގެ ރިޕޯޓު ލިބިފައި ނުވާ ކަމަށް އެމްއެންޑީއެފް އިން ބުންޏެވެ. މި ހާދިސާގައި އެ ފަންގިފިލާއަށް ބޮޑެތި ގެއްލުންތަކެއް ލިބި އެތަނުގައި ހުރި ހިފާގެންގުޅޭ ސާމާނަށް އެކިވެރުގެ ގެއްލުންތައް ލިބިފައިވާ ކަމަށް ވެސް އެމްއެންޑީއެފް އިން ބުނެ އެވެ. 

އެކަމުގެ އަދާހަމަ މައުލޫމާތު ހިއްސާކޮށް އެންޑީއެމްއޭ އިން ބުނީ މި ހާދިސާ ހިނގި އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ހުރި، ތިން ކޮޓަރީގެ އެޕާޓްމަންޓުގައި ދިރިއުޅޭ 4 ދިވެހިންނަށް، އެއީ ތިން އަންހެނުންނާއި ފިރިހެނަކަށް ފަސް ދުވަހުގެ މުއްދަތަށް ބޭނުންވާ ވަގުތީ ބޯހިޔާވަހިކަމާއި ކެއިންބުއިމުގެ އިންތިޒާމު އެ އޮތޯރިޓީ އިން ހަމަޖައްސައިފައިވާ ކަމަށެވެ. 

މި ހާދިސާގެ ސަބަބުން އެ އިމާރާތުގެ ބައެއް ފަންގިފިލާތަކަށް ދުމުގެ އަސަރު ފޯރި ނަމަވެސް، މީހުން ދިރިނޫޅެވޭ ފަދަ ބޮޑު ގެއްލުމެއް ލިބިފައިނުވާ ކަމަށާއި އަދި މިހާރު އިމާރާތުގެ އެ ފަންގިފިލާތަކުގައި ދުމުގެ އެއްވެސް އަސަރެއް ނެތް ކަމަށް އެންޑީއެމްއޭ އިން ވަނީ ބުނެފަ އެވެ.