ހިޔުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) ގެ މެންބަރުކަމަށް އައްޔަން ކުރެއްވުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ދެ ބޭފުޅެއްގެ ނަން މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ރައީސް މުއިއްޒު ފޮނުއްވި މައްސަލަ އާދިއްތަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި އަމީންއާމް ވަނީ އިއްވާފަ އެވެ. އެގޮތުން ރައީސް ހުށަހަޅުއްވާފައި ވަނީ ޝަމްއޫން ހަމީދު (ހ. މީނާޒު) އަދި އަލްއުސްތާޛާ ސަމާއު އަހުމަދު ނަޖީބު (ގދ. ތިނަދޫ، އަސޭގެ) ގެ ނަމެވެ. 

މި މައްސަލަ ދިރާސާ ކުރުމަށް ޖެންޑަރ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީއަށް ވަނީ ފޮނުވާފައި އެވެ.

އެޗްއާރްސީއެމްގައި މިހާރު ތިއްބެވި މެންބަރުންގެ ތެރެއިން މެންބަރެއްގެ މަޤާމުގެ މުއްދަތު އަންނަ އޮކްޓޯބަރު މަހަށް ހަމަވާތީ އެ މަގާމަށް ކުރިމަތިލެއްވުމަށް ޖުލައި މަހު ވަނީ ހުޅުވާލާފަ އެވެ. 

ރައީސް ފޮނުއްވެވި ބޭފުޅުންގެ ތެރެއިން ސަމާއުއަކީ މިހާރުވެސް އެޗްއާރުސީއެމްގެ މެންބަރެކެވެ. އަދި ޝަމްއޫން ހަމީދު ވަނީ މީގެ ކުރިން އެޗްއާރުސީއެމްގައި އިސް މަޤާމުތަކެއް ފުރުއްވާފައެވެ. އެގޮތުން އެކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމު ވެސް އޭނާ އަދާކުރެއްވި އެވެ.

އެ މަޤާމަށް ބޭފުޅަކު އައްޔަން ކުރެވޭނީ ޖެންޑަރ އެންޑް ހިޔުމަން ރައިޓްސް ކޮމިޓީން ދިރާސާކޮށް މަޖިލީހުގެ ތަޅުމުގައި ނަގާ ވޯޓަކުންނެވެ.