ލާމަރުކަޒީ ނިޒާމް މިހާރު މިވަނީ ރައްޔިތުންގެ ވޯޓް ހޯދައި އިންތިހާބުތައް
ކާމިޔާބު ކުރުމަށް ސަރުކާރުން ބޭނުންކުރާ އެއްޗަކަށް ވެފައިވާ ކަމަށް ލޯކަލް
ކައުންސިލް އެސޯސިއޭޝަންގެ މެންބަރު އައިމަން ރަޝީދު ވިދާޅުވެއްޖެ އެވެ.
ހޮނިހިރު ދުވަހު ރާއްޖެޓީވީގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން
އައިމަން ވިދާޅުވީ އެއްވެސް ސަރުކާރަކުން މައުނަވީ ގޮތެއްގައި ރައްޔިތުންނަށް
ލާމަރުކަޒީ ނިޒާމުގެ ބާރު ދިނުމަށް ބޭނުންނުވާ ކަމަށެވެ.
އެއީ ރާއްޖޭގެ ގުދުރަތީ ވަސީލަތްތައް ބޭނުންކޮށްގެން ސަރުކާރަށް ފައިސާ
ހޯދުމަށް އޮންނަ ފުރުސަތު ހަނިވެގެންދިޔުމުގެ ސަބަބުން ކަމަށް އައިމަން ވިދާޅުވި
އެވެ.
ލާމަރުކަޒީ އަކީ އަބަދުވެސް ތާއީދު ހޯދުމަށް، ރައްޔިތުންގެ ވޯޓު ހޯދުމަށް، އިންތިހާބުތައް ކާމިޔާބު ކުރުމަށް އެކި ސަރުކާރުތަކުން އެކި ގޮތްގޮތަށް ބޭނުންކުރާ އެއްޗަކަށް ވެފައި މިވަނީ. އެއްވެސް އިރެއްގަ އެއްވެސް ސަރުކާރަކުން މައުނަވީ ގޮތެއްގައި ރައްޔިތުންނަށް އެ ބާރު ދޭން ބޭނުމެއް ނުވޭ. އެބާރު ނުދޭން ބޭނުންވާ މައިގަނޑު ސަބަބަކީ އެ ރަށެއްގެ ނުވަތަ ސީޓީއެއްގަ މި އޮންނަ ވަސީލަތްތައް ރައްޔިތުންނަށް މައުނަވީ ގޮތެއްގައި ދީފި ކަމަށް ވާނަމަ އޭރެއްގެ އޮންނަ ސަރުކާރަކަށް ދިވެހިރާއްޖޭގެ ގުދުރަތީ މުއްސަދިކަމާއި ވަސީލަތްތައް ބޭނުންކޮށްގެން ފައިސާ ހޯދުމަށް އޮންނަ ފުރުސަތު ހަނިވެގެން ދާތީވެއައިމަން ރަޝީދު
އައިމަން ވިދާޅުވި ގޮތުގައި 2019 ވަނަ އަހަރު ގެނެވުނު އިސްލާހާ އެކު 2021
ވަނަ އަހަރު އިންތިޚާބު ވެފެއިވާ ކައުންސިލުތަކުން ރައްޔިތުންނާއެކު މަސައްކަތް
ކުރުމަށް މާލީބާރުވެރިކަމުގެ ހަނި ފުރުސަތެއް ލިބިގެންދިޔަ ކަމަށެވެ.
ނަމަވެސް ވޭތުވެދިޔަ ދިޔަ ދެ އަހަރު ތެރޭގައި ކުރިން ގެނެސްފައިވާ
އިސްލާހުތައް އަނބުރާ ގެންގޮސް، ރައްޔިތުން ސަރުކާރަށް ބަރޯސާވާ މިންވަރު
ކުރިޔަށްވުރެ ބޮޑަށް އިތުރުވެފައިވާކަން ފާހަގަކުރައްވައި އައިމަން ވިދާޅުވީ، ކައުންސިލްތަކުގެ
ބާރު ނިކަމެތިވާނަމަ، ރައްޔިތުންގެ ބާރު ދަށްވާނެ ކަމަށެވެ.
މީގެ އިތުރުން މުޖްތަމައުގައި ދިމާވާ މައްސަލައެއް ނުވަތަ މަޝްރޫއެއް
ހިންގުމަށްވެސް ރައްޔިތުންނާ އެންމެ ގާތުގައި އޮންނަ ސަރުކާރަކީ ލޯކަލް ކައުންސިލްތައް
ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ ލާމަރުކަޒީ ގާނޫނަށް ގެންނަ
ބަދަލުތަކާއެކު، ރާއްޖޭގެ ރައްޔިތުންނަށް އެމީހުންގެ އިގްތިސާދު ކުރިއެރުމަށް
އޮންނަ ފުރުސަތުތައް ވެސް ހަނިވަމުންދާ ކަމަށެވެ.