ތިލަމާލެ
ބުރިޖު މަޝްރޫއުގެ އަމަލީ މަސައްކަތް ފެށީ ގާތްގަނޑަކަށް ސުމަކުންކަމަށް ރައީސުލްޖުމްހޫރިއްޔާ
ޑޮކްޓަރ މުޙައްމަދު މުއިއްޒު ވިދާޅުވެފައިވާއިރު، އެއީ ހަމައެކަނި ރައީސް ޑރ
މުޙައްމަދު މުއިއްޒު ކުރެއްވި މަސައްކަތެއްކަމަށް ދެއްކެވުމަށް މަސައްކަތް
ކުރުމަކީ ރަނގަޅު ގޮތެއް ނޫންކަމަށް އެމްޑީޕީ ސަރުކާރުގެ ހައުސިންގ މިނިސްޓަރު މުޙައްމަދު
އަސްލަމް ވިދާޅުވެއްޖެ އެވެ.

ދަ ޕަލްސް
ޕޮޑްކާސްޓުގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވިދާޅުވީ، ކުރީގެ ރައީސް އިބްރާހީމް
މުޙައްމަދު ޞާލިޙްގެ ސަރުކާރުގައި އިންޑިއާގެ އެފްކޮންސްއާ ހަވާލުކޮށްގެން ފެށި ތިލަމާލެ
ބުރިޖުގެ މަސައްކަތް މި ސަރުކާރުން ހަވާލުވީއިރު، މާލެއާއި ވިލިމާލެއާ ދޭތެރޭ އެކަނި
ވެސް އެއްވެސް މަސައްކަތެއް ކޮށްފައި ނެތް ކަމަށާއި، އެއީ ގާތްގަނޑަކަށް މި
ސަރުކާރުން ސުމަކުން ފެށި މަޝްރޫއެއް ކަމަށެވެ.

މިކަމާ ގުޅޭގޮތުން
ރާއްޖެއެމްވީއާ ވާހަކަދައްކަވަމުން ކުރީގެ ހައުސިންގ މިނިސްޓަރ މުޙައްމަދު އަސްލަމް
ވިދާޅުވީ، އެއީ މި ސަރުކާރުން ސުމަކުން ފެށި މަޝްރޫއެއްކަމަށް ނުދެންނެވޭނެ ކަމަށެވެ.
އަސްލަމް ވިދާޅުވީ، ތަނބުތައް ޖެހުމަށްޓަކައި ޖަހަންޖެހޭ ދަގަނޑު ކޭސިންގ ތައްވެސް
ބައެއް ހިސާބުތަކުގައި  ޖަހާފައި ހުންނާނެ ކަމަށެވެ.

އަސްލަމް
ވިދާޅުވީ، މި ބުރިޖަކީ ޕްރިކާސްޓްކޮށް، ބައިތައް ހަދައިގެން ގެނެސް ގުޅުވަންޖެހޭ އެއްޗަކަށްވާއިރު،
އެތަކެތި ކާސްޓުކުރުމަށް ސެޓަޕް ހަދައި ބޮޑުބައި ނިންމާފައި އޭރު ގުޅީފަޅުގައިވެސް
ހުންނާނެ ކަމަށެވެ. އެ ބައިތައް އިންސްޓޯލްކުރީ މި ސަރުކާރުން ކަމަށް އަސްލަމް ވިދާޅުވި
އެވެ.

އަސްލަމް
ވިދާޅުވީ، މިއީ ދައުލަތެއް ކަމަށާއި، އެއް ސަރުކާރަކުން ނިމުނިއިރު ހުރި ކަންކަން ދެން
އަންނަ ސަރުކާރަކުން ނިންމައިދިނުމަކީ އެކަން އޮންނަ ގޮތް ކަމަށެވެ. ވީއިރު، ރައްޔިތުންނަށް
ހަގީގަތް އޮޅޭގޮތަށް މިއީ ހަމައެކަނި ރައީސް ޑޮކްޓަރ މުޙައްމަދު މުއިއްޒު ކޮށްދިން
ކަމެއްކަމަށް ދެއްކުމަށް މަސައްކަތް ކުރުން އެއީ ރަނގަޅު ގޮތެއް ނޫން ކަމަށް އަސްލަމް
ވިދާޅުވި އެވެ.

އެއީ
މި ސަރުކާރުން ސުމަކުން ފެށި މަޝްރޫއެކޭ ނުދެންނެވޭނެ، ތަނބުތައް ޖެހުމަށްޓަކައި
ޖަހަންޖެހޭ ދަގަނޑު ކޭސިންގ ތައްވެސް ޖަހާފައި ހުންނާނެ ބައެއް ހިސާބުތަކުގައި، މި
ބްރިޖަކީ ޕްރިކާސްޓްކޮށް، ބައިތައް ހަދައިގެން ގެނެސް ގުޅުވަންޖެހޭ
އެއްޗަކަށްވާއިރު، އެތަކެތި ކާސްޓުކުރުމަށް ސެޓަޕް ހަދައި ބޮޑުބައި ނިންމާފައި އޭރު
ގުޅީފަޅުގައިވެސް ހުންނާނެ. އެ ބައިތައް އިންސްޓޯލްކުރީ މި ސަރުކާރުން. މިއީ ދައުލަތެއް،
ދައުލަތަކުން ކުރަންޖެހޭ ކަމެއް އެއީ އެއް ސަރުކާރަކުން ނިމުނިއިރު ހުރި ކަންކަން
ނިންމައިދިނުން، ނަމަވެސް މިއީ ހަމައެކަނި ރައީސް ޑރ މުޙައްމަދު މުއިއްޒު ކޮށްދިން
ކަމެއްކަމަށް ދެއްކުން އެއީ ރަނގަޅު ގޮތެއް ނޫން ކަންނޭނގެ، ރައްޔިތުންގެ ޚާދިމުންގެ
ގޮތުގައި އައިސް ތިބޭ ބައެއް ވެރިންނަކީ،
މުޙައްމަދު އަސްލަމް

ތިލަމާލެ
ބުރިޖަކީ ރާއްޖޭގެ ތާރީޚުގައި ހިންގާ އެންމެ ބޮޑު އެއް އިންފްރާސްޓްރަކްޗަރ މަޝްރޫއުގެ
ތެރޭގައި ހިމެނޭ މަޝްރޫއެކެވެ. މި މަޝްރޫއުގެ ދަށުން މާލެ، ވިލިމާލެ، ގުޅީފަޅު އަދި
ތިލަފުށި ގުޅުވައިދޭ ބުރިޖެއް އަޅަމުންދާއިރު، މިހާރު މަސައްކަތް ކުރިއަށްދަނީ ފުރިހަމަ
ބާރަކާއެކުގައެވެ.

އިންޑިއާގެ
އެފްކޮންސް ކުންފުންޏާ ހަވާލުކޮށްގެން، އެ ގައުމުގެ ލޯނު އަދި ހިލޭ އެހީގެ ދަށުން
ކުރިއަށް ދާ މި މަޝްރޫއުގެ ސްޕީޑާމެދު ހިތްހަމަޖެހިވަޑައިނުގަންނަވާ
ކަމަށް ރައީސް މުއިއްޒު ވެސް ވަނީ މި ފަހުން ވިދާޅުވެފަ އެވެ. ރައީސް ވިދާޅުވެފައި
ވަނީ އެކަމާ ގުޅިގެން ސަރުކާރަށް ކުރެވޭނެ ކަމެއް ނެތް ކަމަށެވެ. 

އެހެންނަމަވެސް މިފަހަރުގެ
ޕޮޑްކާސްޓުގައި ރައީސް ވިދާޅުވީ، މިހާރު މަޝްރޫއު އެ ދަނީ ވަރަށް ބާރަށް ކަމަށާއި،ބުރިޖުގެ
މަސައްކަތް މިހާރު ކުރިއަށްދާ ސްޕީޑުގައި ގެންދެވިއްޖެ ނަމަ، މާ ލަސްތަކެއް ނުވެ
ނިމޭނެ ކަމަށެވެ.