ދިވެހިރާއްޖޭގައި
އިސްލާމްދީނުގެ އަސްލުތަކާ ހިލާފު އެއްވެސް ގާނޫނެއް ނުހެދޭނެކަން ކަށަވަރުކުރުމަށްޓަކައި،
ސަރުކާރުގެ ފަރާތުން ހާއްސަ ގާނޫނެއް ތައާރަފުކުރައްވާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިވަނީ އިއުލާނު ކުރައްވާފަ އެވެ.
އުތީމުގައި
ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު
ވިދާޅުވީ، ރާއްޖޭގައި އިސްލާމްދީނާ ޚިލާފު ޤާނޫނެއް ނުހެދޭނެކަމަށް
ޤާނޫނުއަސާސީގައި އޮތްނަމަވެސް، އެކަން ކަށަވަރުކުރެވޭނެ ހަރުދަނާ ނިޒާމެއް
ނެތްކަމަށެވެ. އެހެންވެ ދިވެހިރާއްޖޭގައި މާތްވެގެންވާ އިސްލާމްދީނާ ފުށުއަރާ،
ނުވަތަ އިސްލާމްދީނާ ޚިލާފު އެއްވެސް ޤާނޫނެއް އުފަން ނުކުރެވޭނެ ފަދަ، ހަރުދަނާ
ބަދަހި ނިޒާމެއް، އުސޫލީގޮތުންނާއި، ނިޒާމީގޮތުން ކަށަވަރުކުރަންޖެހޭކަމަށް ވިދާޅުވެ
ރައީސް މިވަނީ އެފަދަ ނިޒާމެއް ޤާއިމުކުރުމަށް ރައްޔިތުންގެ މަޖިލީހުގެ މި އަހަރުގެ
3 ވަނަ ދައުރަށް ހުށަހަޅުއްވާނެކަން އިއުލާނު ކުރައްވާފަ އެވެ.
އިސްލާމްދީނާ
ހިލާފަށް ގާނޫނު ނުހެދޭނެކަން ގާނޫނުއަސާސީގައި މިހާރުވެސް ބަޔާންކޮށްފައިވާކަން ރައީސް
އަމިއްލަފުޅަށް ގަބޫލުކުރައްވައެވެ. ނަމަވެސް އެމަނިކުފާނުގެ ދަލީލަކީ، ގާނޫނުއަސާސީގައިވާ
އެ ލާޒިމުކުރުން އަމަލީ ގޮތުން ކަށަވަރުކޮށްދޭނެ ވަރުގަދަ ނިޒާމެއް މިހާރު ގައުމުގައި
ނެތް ކަމެވެ.
އެހެންނަމަވެސް،
ގާނޫނުއަސާސީގައި މިކަން އޮތީ އޮޅުވާލެވޭ ވަރަށްވުރެ މާ ސާފުކޮށެވެ. ޤާނޫނުއަސާސީގެ
10 ވަނަ މާއްދާގައި ބުނެފައިވަނީ، "ދިވެހި ދައުލަތުގެ ދީނަކީ އިސްލާމްދީނެވެ.
އިސްލާމްދީނަކީ ދިވެހިރާއްޖޭގެ ގާނޫނުގެ މަސްދަރުތަކުގެ ތެރެއިން އެންމެ މުހިންމު މަސްދަރެވެ."
އަދި އެ މާއްދާގައި
ސީދާ އިބާރާތުން ބުނެފައިވަނީ: "އިސްލާމްދީނުގެ އަސްލަކާ ހިލާފު އެއްވެސް ގާނޫނެއް
ދިވެހިރާއްޖޭގައި ނުހެދޭނެއެވެ."
މިއީ ކޮންމެހެން
ދެވަނަ ދަރަޖައިގެ ގަވާއިދެއްގެ ތެރޭގައި ފޮރުވިފައި އޮތް އާދައިގެ މާއްދާއެއް ނޫނެވެ.
މިއީ ދައުލަތް ހިންގުމުގެ އެންމެ މަތީ ގާނޫނު ކަމަށްވާ ގާނޫނުއަސާސީގައި ކަނޑައެޅިގެން
ލިޔެވިފައިވާ އުސޫލެކެވެ.
ނުވިތާކަށް،
ގާނޫނުއަސާސީގައި އޮތް ރައްކާތެރިކަމަކީ ހަމައެކަނި 10 ވަނަ މާއްދާއެއް ނޫނެވެ.
ރައްޔިތުންގެ
މަޖިލީހަށް ގާނޫނު ހެދުމުގެ ބާރުދޭ ގާނޫނުއަސާސީގެ 70 ވަނަ މާއްދާގައި ބުނެފައިވަނީ،
މަޖިލީހަށް ގާނޫނު ހެދޭނީ އިސްލާމްދީނުގެ އަސްލަކާ ހިލާފުނުވާ ގޮތަށް ކަމަށެވެ. އަދި
"އިސްލާމްދީނުގެ އަސްލަކާ ހިލާފުވާ އެއްވެސް ގާނޫނެއް ރައްޔިތުންގެ މަޖިލީހުން
ފާސްކޮށްގެން ނުވާނެ" ކަމަށް އެ މާއްދާގައި ސާފުކޮށް ބަޔާންކޮށްފައިވެ އެވެ.
ދައުލަތަކީ
އިސްލާމީ ދައުލަތެކެވެ. ދިވެހި ގާނޫނުތަކުގެ ބިންގަލަކީ އިސްލާމްދީނެވެ. އިސްލާމްދީނާ ހިލާފު
އެއްވެސް ގާނޫނެއް މަޖިލީހަށް ފާހެއް ނުކުރެވޭނެއެވެ. މަޖިލީހަށް ލިބިދީފައިވާ ގާނޫނު ހެދުމުގެ ބާރުވެސް
ގާނޫނުއަސާސީން އޮތީ މި ޝަރުތާއެކު ހަނިކޮށްފައެވެ.
ގާނޫނުއަސާސީގައި
މިކަންކަން އޮތް ގޮތް ވަރަށް ސާދާއެވެ. ނިޒާމުވެސް ބައްޓަންވެގެން އަންނަންޖެހޭނީ
ޤާނޫނުއަސާސީގެ ތަރަހައިގެ ތެރެއިންކަމަށްވާއިރު، ޤާނޫނުއަސާސީގައި ސާފުކޮށް އޮތް
ކަމެއްގައި ރައްޔިތުންނަށް އޮޅުވާލުމަށްޓަކައި ނިޒާމީ އުނިކަމެއް ޤައުމުގައި އޮތްކަން
ދެއްކުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟ ދީން އައްޑަނައަކަށް ހަދައިގެން ރައްޔިތުންގެ
ޖަޒުބާތާ ކުޅުމުގެ ބޭނުމަކީ ކޮބައިތޯއެވެ؟
ސަރުކާރުގެ
ކަންބޮޑުވުމަކީ، ގާނޫނުތައް ހަދާއިރު އެ ގާނޫނުތައް އިސްލާމީ އުސޫލުތަކާ ފުށުއަރާތޯ
ބަލާ މުއައްސަސާތަކުން އެކަން އެންމެ ރަނގަޅަށް ނުބެލުން ކަމަށްވާނަމަ، އެއީ އިޖުރާއީ
ނުވަތަ މުއައްސަސާތަކުގެ ހިންގުމާ ގުޅޭ މައްސަލައެކެވެ. ސަރުކާރުތަކުގެ
މައްސަލައެކެވެ.
އެހެންކަމަށްވާނަމަ،
މިހާރު އޮތް ނިޒާމު ފެއިލްވީ ކޮން ހިސާބަކުން ކަމާއި، އޮތީ ކޮން ހުސްކަމެއް ކަމާއި،
އަދި އަލަށް މި ގެންނަ ނިޒާމުން އެކަން ހައްލުވާނީ ކިހިނެއްކަން ސަރުކާރުން ސާފުކޮށްދޭން
ޖެހެ އެވެ. ގާނޫނުއަސާސީގެ 10 ވަނަ މާއްދާ ތަންފީޒުކުރުމުގައި
ހަގީގީ ބަލިކަށިކަމެއް އުޅޭނަމަ، އެކަން ދައްކަވައިދެއްވާށެވެ. އިޖުރާއީ ލޯވަޅެއް
އުޅޭނަމަ، އެކަން ސާފުކޮށްދެއްވާށެވެ. ވަކި މުއައްސަސާއެއް ފެއިލްވެފައިވާނަމަ، އެއީ ކޮން
މުއައްސަސާއެއްކަމާއި ފެއިލްވީ ކިހިނެއްކަން ރައްޔިތުންނަށް ވިދާޅުވެދެއްވާށެވެ.
އެހެން ނޫންނަމަ،
މި އިއުލާނުގެ ސަބަބުން އާންމު ރައްޔިތުންނަށް މުޅިން ނުބައި ތަސައްވަރެއް ލިބުމުގެ
ބިރު އެބައޮތެވެ. އެއީ، ޑރ މުޙައްމަދު މުއިއްޒު ވެރިކަމުގައި ނެތްނަމަ، އިސްލާމްދީނާ
ހިލާފު ގާނޫނުތައް ރާއްޖޭގެ ގާނޫނީ ނިޒާމުގެ ތެރެއަށް ވަދެދާނެ ފަދަ ގާނޫނީ ހުސްކަމެއް
މިހާރު އޮތް ކަމަށް ރައްޔިތުންނަށް ހީވުމެވެ.
ދިވެހި މުޖުތަމައުގައާއި
ގާނޫނުއަސާސީގައި އިސްލާމްދީނަށް ދެވިފައިވަނީ ވަރަށް މަތިވެރި، ހާއްސަ މަގާމެކެވެ.
އެހާ މުހިންމު ކަމަކަށްވާތީ، ދީނާ ގުޅޭގޮތުން ވާހަކަދެއްކުމުގައި ސިޔާސީ ވެރިން މިއަށްވުރެ
ބޮޑަށް ފަރުވާތެރިވާން ޖެހެ އެވެ. ގައުމުގެ އެންމެ މަތީ ގާނޫނުން ކަނޑައެޅިގެން ރައްކާތެރިކަން
ދީފައިވާ ކަމެއްގައި، ނެތް ބިރުވެރިކަމެއް އުފެއްދުމަށް ދީން ބޭނުންކޮށްގެން ނުވާނެއެވެ.
ދިވެހި ގާނޫނުގެ
ދަށުން އިސްލާމްދީނަށް ރައްކާތެރިކަން ލިބުނީ މި ސަރުކާރު އައި ފަހަކުން ނޫނެވެ. ގާނޫނުއަސާސީގެ
10 ވަނަ މާއްދާ އުފެދުނީ ރައީސް މުއިއްޒު ވެރިކަމާ ހަވާލުވެވަޑައިގަތް ފަހަކުން ނޫނެވެ. މި އުސޫލަކީ ވަކި
ރައީސެއްގެ މިލްކެއް ނޫނެވެ. އަދި މިއީ އާ ސިޔާސީ ސިފައެއް ޖައްސައިގެން ނެރެންޖެހޭ
ކަމެއްވެސް ނޫނެވެ.
ގާނޫނުއަސާސީން
މިހާރުވެސް ކަށަވަރުކޮށްދީފައިވާ ކަމެއް، ރައީސަކު ސަލާމަތްކޮށްދޭން ޖެހޭ ކަމެއްގެ
ގޮތުގައި ދެއްކުމަކީ ދީން ހިމާޔަތްކުރުމަށްވުރެ ބޮޑަށް، ދީން ސިޔާސީ މުދަލަކަށް ހަދައި،
ގާނޫނުއަސާސީން ލިބިދޭ ރައްކާތެރިކަމާ މެދު ރައްޔިތުން އޮޅުވާލުން ފަދަ ކަމެކެވެ.
އެކަން ނުކުރައްވާށެވެ.
ވީމާ، ގައުމުގެ
ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ ކުރިމައްޗަށް ނުކުމެވަޑައިގެން، އިސްލާމްދީނާ ހިލާފު
ގާނޫނު ނުހެދޭނެ ގޮތް ހެދުމަށް ގާނޫނެއް ގެންނަވާނެ ކަމަށް ވައުދުވެވަޑައިގަންނަވާއިރު،
އުފެދޭ ސުވާލަކީ އަލަށް މި ހުށަހަޅަނީ ގާނޫނީ ގޮތުން އިތުރު ކޮން ރައްކާތެރިކަމެއް
ހެއްޔެވެ؟ މަރުގެ ޙުކުމް ތަންފީޒު ކުރައްވަން ފައްޓަވަން ކެރިވަޑައިގަންނަވާތޯއެވެ؟
ރަލާއި އޫރުމަސް ވިއްކައިގެން އާމްދަނީ ހޯދަން ހުރި ދޮރުތައް ބަންދުކޮށްލަން
ކެރިވަޑައިގަންނަވާތޯއެވެ؟ ރިބާއަށް މަގުފަހިވާ އެކިއެކި މާލީ ނިޒާމުތައް
ހުއްޓުވާލަން ކެރިވަޑައިގަންނަވާތޯއެވެ؟ ނޫންކަމުގައިވާނަމަ، އެއްޗެއް ވިދާޅުނުވެ
މަޑުން ހުންނެވުންވެސް މާ ބުއްދިވެރިވާނެ އެވެ.