ސަރުކާރުން ދެއްވާ ޝަރަފުވެރިކަމުގެ ޤައުމީ އިނާމު 3 ބޭފުޅަކަށާއި ޖަމުއިއްޔާއަކަށް އަދި ހިތްވަރު ދިނުމުގެ ޤައުމީ އިނާމު 7 ބޭފުޅަކަށާއި ކުންފުންޏަކަށް ދެއްވައިފި އެވެ.
ގައުމީ އިނާމުތައް ދެއްވީ، ހޮނިހިރު ދުވަހު ހއ. އުތީމުގައި ބޭއްވި ގައުމީ ދުވަހުގެ ރަސްމީ ޖަލްސާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު އެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމު ތިން ބޭފުޅަންނާއި ޖަމިއްޔާއަކަށް ދެއްވާފައިވެ އެވެ.
އެގޮތުން، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުހައްމަދު އާމިރު އަހްމަދު، އިމާރާތް ކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން އިބްރާހީމް ރަޝީދު، ސިއްހީ ދާއިރާއިން ސޮސައިޓީ ފޮރ ހެލްތު އެޑިޔުކޭޝަން (ޝީ) އަދި ޚަބަރާއި މައުލޫމާތު ފެތުރުމުގެ ދާއިރާއިން ނަޖުމާ ހުސައިންނަށް ދެއްވާފައިވެ އެވެ.
މީގެއިތުރުން، ހިތްވަރު ދިނުމުގެ ޤައުމީ އިނާމު އެރުވި 7 ބޭފުޅުންނާއި ކުންފުންޏަކީ އިސްލާމްދީނަށް ހޭލުންތެރިކަން އިތުރުކުރުވުމާއި ދީނަށް ޚިދުމަތްކުރުމާއި ދީނީ އިލްމު އުނގަންނައިދިނުމުގެ ދާއިރާއިން އަލްއުސްތާޛާ ހައްވާ ލަތީފް، ދިވެހިބަހާއި އަދަބިއްޔާތުގެ ދާއިރާއިން މުހައްމަދު ނަސީރު، ދިވެހި ތާރީޚުގެ ދާއިރާއިން ކޮމާންޑް ސާރޖަންޓް މޭޖަރ އަބްދުﷲ ސައީދު، ސިއްހީ ދާއިރާއިން މުހައްމަދު އަހުމަދު، އިމާރާތްކުރުމާއި އިމާރާތް ފަރުމާކުރުމުގެ ދާއިރާއިން ބައިސަން މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް، މުއާސަލާތާއި އިންފޮމޭޝަން ޓެކްނޮލޮޖީގެ ދާއިރާއިން އަރުޝަދު އަހްމަދު، ކުޅިވަރުގެ ދާއިރާއިން އާއިޝަތު ނައުރާ އަދި ވިޜުއަލް އާޓްސްގެ ދާއިރާއިން އިސްމާއީލް އަބްދުލްޣަފޫރެވެ.
ޤައުމީ އިނާމަށް ބޭފުޅުން ހޮއްވާފައިވަނީ، ރައީސް އުފައްދަވާފައިވާ ޤައުމީ އިނާމާބެހޭ ކޮމިޓީންނެވެ. ޝަރަފުވެރިކަމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ، ޝަރަފުގެ އައްޑަނައަކާއި ޝަރަފުގެ ބެޖާއި ހަނދާނީ ލިޔުމެކެވެ. ހިތްވަރު ދިނުމުގެ ޤައުމީ އިނާމުގެ ގޮތުގައި ރައީސް ދެއްވީ ހަނދާނީ ފިލައަކާއި ހަނދާނީ ލިޔުމެކެވެ.