އެމެރިކާއިން ކަނޑައަޅާފައިވާ ވިޔަފާރީގެ ޓެރިފް ނުވަތަ ޑިއުޓީއަށް މަކަރު ހެދުމަށްޓަކައި ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ އެމެރިކާ އިން ހިމަނައިފި އެވެ.

ޗައިނާގެ މުދާ އެމެރިކާއަށް މަކަރު ހަދައިގެން އެތެރެކުރާ މަގުތަކެއްގެ ގޮތުގައި ބޭނުންކުރާ ކަމަށް ބެލެވޭ 40 އަށްވުރެ ގިނަ ގައުމުގެ ލިސްޓުގައި މި ސަރަހައްދުން އިންޑިއާ ވެސް ވަނީ ހިމަނައިފަ އެވެ.

ވައިޓް ހައުސްގެ އޮފީސް އޮފް ޓްރޭޑް އެންޑް މެނުފެކްޗަރިންގ ޕޮލިސީން ނެރުނު އައު ރިޕޯޓެއްގައި ތުހުމަތުކޮށްފައިވާ ގޮތުގައި، އެކި ގައުމުތަކުގެ އެކްސްޕޯޓަރުން ދަނީ ތިންވަނަ ގައުމެއް މެދުވެރިކޮށް ޗައިނާގެ މުދާ އެމެރިކާގެ ބާޒާރަށް ވައްދަމުންނެވެ. މިގޮތުން މުދާ ފޮނުވާ މަގު ބަދަލުކުރުމާއި، އުފެއްދުންތަކުގެ ލޭބަލް ބަދަލުކުރުމާއި، ނުވަތަ މުދާ އުފެއްދި ގައުމަކީ ޗައިނާ ނޫން ކަމަށް ބުނެ ދޮގު މައުލޫމާތު ހުށަހަޅާކަން އެ ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. މިކަމުގެ ސަބަބުން ވޮޝިންގޓަނާއި އެ ލިސްޓުގައި ހިމެނޭ ގައުމުތަކާ ދެމެދު އޮންނަ ގުޅުންތަކަށް އިތުރު ގޮންޖެހުންތަކެއް ކުރިމަތިވުމުގެ ފުރުސަތު އެބައޮތެވެ.

މި އަމަލަކީ "ބޮޑު ޓްރާންޝިޕްމަންޓް އޮޅުވާލުން" (ގްރޭޓް ޓްރާންޝިޕްމަންޓް ސްކޭމް) އެއްގެ ގޮތުގައި އެ ރިޕޯޓުގައި ސިފަކޮށްފައިވާއިރު، މިފަދަ ކަންކަން ދެނެގަނެ އަދަބު ދިނުމަށް ކުރާ މަސައްކަތްތައް ވޮޝިންގޓަނުން އިތުރަށް ވަރުގަދަ ކުރާނެ ކަމުގެ އިންޒާރު ވަނީ ދީފަ އެވެ. ޗައިނާގެ މުދާ އެމެރިކާއަށް ފޮނުވުމަށް ބޭނުންކުރާ މަގުތަކެއްގެ ގޮތުގައި ފާހަގަކޮށްފައިވާ ގައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ ވެސް ވަނީ ހިމަނާފައެވެ. ރާއްޖޭގެ އިތުރުން މި ލިސްޓުގައި މޯލްޓާ، މޮރިޝަސް، މެކްސިކޯ، މޮރޮކޯ އަދި މިޔަންމާ ފަދަ ސަރަހައްދީ އަދި ބައިނަލްއަގުވާމީ ވިޔަފާރީގެ ބައިވެރިން ހިމެނެ އެވެ. އެމެރިކާގެ ރިޕޯޓުގައި މި 40 ގައުމު ތިން ގިންތިއަކަށް ބަހާލާފައިވަނީ، އެ ގައުމުތަކުން ޗައިނާއާއެކު ބާއްވާ އިގްތިސާދީ ގުޅުމަށާއި، އެމެރިކާގެ ޓެރިފް ގަވާއިދުތައް ތަންފީޒުކުރުމަށް އެ ގައުމުތަކުން ހުރި ނުރައްކަލުގެ މިންވަރަށް ބަލާފަ އެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި، މި "ސިއްރު ޓްރާންޝިޕްމަންޓް ނެޓްވޯކް" މެދުވެރިކޮށް ޗައިނާގެ އުފެއްދުންތެރިންނަށް އެމެރިކާ ސަރުކާރުން އެ މުދަލަށް ކަނޑައަޅާފައިވާ ބޮޑެތި ޓެރިފްތަކުން ރެކުމުގެ ފުރުސަތު ލިބެ އެވެ. ދިވެހިރާއްޖެއާއި އިންޑިއާ ފަދަ މެދުވެރި ގައުމުތަކެއްގެ ތެރެއިން މުދާ ފޮނުވުމުން، އެ މުދަލަކީ އަސްލު ކޮން ގައުމެއްގައި އުފެއްދި އެއްޗެއްކަން އޮޅުވާލުމުގެ ފުރުސަތު ކުންފުނިތަކަށް ލިބިގެންދެ އެވެ. މިގޮތަށް ގައުމުތަކާއި ކުންފުނިތަކުން ޓެރިފަށް މަކަރު ހެދުމުގެ ސަބަބުން، އަހަރަކު އެތައް ބިލިއަން ޑޮލަރެއްގެ އާމްދަނީ އެމެރިކާއަށް ގެއްލޭ ކަމަށް އެ ރިޕޯޓުގައި އަންދާޒާކޮށްފައިވެ އެވެ.

މި ލިސްޓުގައި ދިވެހިރާއްޖެ ހިމެނުމުން ދޭހަވަނީ، ރާއްޖޭގެ ވިޔަފާރީގެ އުސޫލުތަކާއި ސަރަހައްދީ ލޮޖިސްޓިކްސްގައި ރާއްޖޭގެ ދައުރާމެދު ބައިނަލްއަގުވާމީ ފެންވަރުގައި އޮތް ފާރަވެރިކަން އިތުރުވަމުންދާ ކަމެވެ. މިކަން މިގޮތަށް ދިމާވެފައި މިވަނީ، ރާއްޖޭގެ އިގްތިސާދީ ގުޅުންތައް ފުޅާކޮށް، ބޭރުގެ އިންވެސްޓްމަންޓްތައް އިތުރަށް ހޯދުމަށް ރާއްޖެއިން މަސައްކަތް ކުރަމުންދާ ދަނޑިވަޅެއްގަ އެވެ. އެމެރިކާ ސަރުކާރުން ވަނީ މިފަދަ ޓްރާންޝިޕްމަންޓް އޮޅުވާލުންތަކަށް މަގުފަހިކޮށްދޭ ގައުމުތައް ދެނެގަތުމަށް ޒަމާނީ ވަސީލަތްތައް ބޭނުންކޮށް، އެ ގައުމުތަކަށް ހަރުކަށި އަދަބު ދޭނެ ކަމުގެ އިންޒާރު ދީފަ އެވެ. މީގެ ސަބަބުން އެމެރިކާއާއި މި ލިސްޓުގައި ހިމެނޭ ގައުމުތަކާ ދެމެދު އޮންނަ ހާރިޖީ އަދި ވިޔަފާރީގެ ގުޅުންތަކަށް ނޭދެވޭ އަސަރުތަކެއް ކުރުމުގެ ބިރު އެބައޮތެވެ.