މިއަދާ ހަމައަށް ސަރުކާރުގެ ދަރަނި 160 ބިލިއަން ރުފިޔާއަށްވުރެ
އިތުރުވެފައިވާ ކަމަށް މާލީ ދާއިރާގެ ތަޖުރިބާކާރެއް ކަމަށްވާ އިސްމާއީލް ޒަރިޔަންދު ވިދާޅުވެއްޖެ އެވެ.

ރާއްޖެޓީވީގެ 'ޓީވީ ޓޯކް' ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަރިޔަންދު
ވިދާޅުވީ ސަރުކާރު ފެށިގެން އައި އިރު ދަރަނީގެ ގޮތުގައި ހުރީ 124 ބިލިއަން ރުފިޔާ
ކަމަށެވެ. ނަމަވެސް 2023 ނޮވެންބަރު 17 އިން މި އަހަރު ޖޫން މަހާ ހަމައަށް މި
ދަރަންޏަށް 37 ބިލިއަން ރުފިޔާ މި ސަރުކާރުން އިތުރުކޮށްފައިވާ ކަމަށް ޒަރިޔަންދު
ވިދާޅުވި އެވެ.

ހަމައެއާއެކު މި އަހަރު ނިމުމުގެ ކުރިން ދައުލަތުގެ ދަރަނި 167 ބިލިއަން
ނުވަތަ 170 ބިލިއަން ރުފިޔާއަށް އެރުން ގާތްކަމަށް ލަފާކުރައްވާ އޭނާ ވިދާޅުވީ، ދިވެހިރާއްޖޭގެ ދަރަނި 140 އިންސައްތަ އަށް އަދި ރާއްޖޭގެ ޑެފެސިޓް 13 އިންސައްތަ އަށް އިތުރުވުން ގާތްކަމަށް ވޯލްޑް ބޭންކް އަދި
އިންޓަނޭޝަނަލް މޮނިޓަރީ ފަންޑް (އައިއެމްއެފް) އިން ވެސް ބުނެފައިވާ ކަމަށެވެ. 

ގާތްގަޑަކަށް 124 ބިލިއަން ރުފިޔާގެ ދަރަންޏަކާ ހަވާލުވީ، މިހާރު
މިއަދާ ހަމައަށް 160 ބިލިއަންއަށް ދަރަނި ބޮޑުވެގެން ހިނގައްޖެ. 17 ނޮވެންބަރު
2023 އިން ފެށިގެން މި އަހަރުގެ ޖޫން މަހާއި ހަމައަށް ސެކިއުރިޓީޒްއާ އެހެނިހެން
ދަރަނީގެ ގޮތުގައި މިހާރު 37 ބިލިއަން އިތުރުކޮށްފައިވޭ. މި އަހަރު ނިމޭއިރު 167
އަށް ނުވަތަ 170 އަށް އެރުން ގާތް. އަޅުގަނޑު ދައްކާ ވާހަކަ އެކަންޏެއްނޫން ވޯލްޑް
ބޭންކުން ވެސް ވަނީ ބުނެފައި އައިއެމްއެފް އިން ވެސް އެއޮތީ ބުނެފައި 140 ޕަސެންޓައް
ދަރަނި އިތުރުވުން ގާތޭ 13 ޕަސެންޓައް ޑެފެސިޓް އިތުރުވުން ވެސް ގާތޭ
އިސްމާއީލް ޒަރިޔަންދު

ޒަރިޔަންދު ވިދާޅުވި ގޮތުގައި މި އަހަރުގެ ޖޫން މަހާއި ހަމައަށް
ސަރުކާރަށް 1.3 ބިލިއަން ޑޮލަރު އަހަރަކަށް ލިބިގެންދާނެ އެވެ. މިއީ ވޭތުވެ ދިޔަ
ސަރުކާރުތަކާ އަޅާކިޔާއިރު ދެ ގުނަ އިތުރުވުމެކެވެ. އަދި ސަރުކާރަށް މިހާރު ޑޮލަރުގެ ދަތިތަކާ
ކުރިމަތިލާން ޖެހިފައިވަނީ މި ޑޮލަރު ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

ޒަރިޔަންދު ވިދާޅުވީ ނިމިދިޔަ ސަރުކާރުތަކުން ނުދައްކާ ހުރީ ކިހާ
މިންވަރެއްގެ ދަރަނިތަކެއްކަން ސަރުކާރާ ހަވާލުވެ ވަޑައިގެންނެވިއިރު ރައީސް ޑރ.
މުހައްމަދު މުއިއްޒު އަށް އެނގިވަޑައިގަންނަވަން ޖެހޭނެ ކަމަށެވެ. ނަމަވެސް މި ސަރުކާރުގައި މި ދަރަނިތައް މެނޭޖްކުރާނެ ޕްލޭނެއް ނެތް ކަން މިއަދު ހާމަވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. 

އޭނާ ހާމަކޮށްފައިވާ ގޮތުގައި މި ހިނގަމުންދާ 2026 ވަނަ އަހަރު
ފުރަތަމަ ހަ މަސް ދުވަސް ތެރޭގައި ދައުލަތައް 22 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ނަމަވެސް މިފައިސާގެ ތެރެއިން ދަރަނި ދެއްކުމަށް ސަރުކާރުން 11
ބިލިއަން ރުފިޔާ ހަރަދުކޮށްފައިވާ ކަމަށް ޒަރިޔަންދު ވަނީ ވިދާޅުވެފަ އެވެ.

ހަމައެއާއެކު މަޝްރޫއުތައް ފުރަތަމަ ހަ މަސް ދުވަހު ހިނގަންޖެހޭ 30
އިންސައްތައާ ގާތައް ވެސް ކުރިޔަށް ނުދާކަމަށާއި މި މަޝްރޫއުތަކަށް އެއްވެސް
ތައްޔާރީއެއް ސަރުކާރުން ނުވާކަމަށް ވެސް ޒަރިޔަންދު ވަނީ ވިދާޅުވެފަ އެވެ.

މިހެންކަމުން މި އަހަރުގެ އޮކްޓޯބަރު މަހާ ހަމައަށް ޑޮލަރުގެ އަގު 25
ރުފިޔާއަށް އަރާނެކަމަށް ޒަރިޔަންދު ވަނީ ލަފާކުރައްވާފަ އެވެ. އަދި ކުރިޔަށް އޮތް
ތަނުގައި ޑޮލަރުގެ އަގު ތިރި ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.