ރައްޔިތުން ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ދަތިވެފައިވާއިރު، މި ސަރުކާރުން އަދިވެސް މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ.

ފައިސަލް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ އިދިކޮޅު އެމްޑީޕީން ބޭއްވި "ދަތިވެއްޖެ" މުޒާހަރާގައި ވާހަކަ ދައްކަވަމުންނެވެ.

ފައިސަލް ވިދާޅުވީ ރާއްޖޭގެ ކޮންމެ ގެއަކުން ވެސް މިއަދު ދައްކަނީ އިންތިހާއަށް ދަތިވެގެން އުޅޭ ވާހަކަ ކަމަށެވެ.

އެގޮތުން ބޭސްކޮޅާއި ބޭނުންވާ ޒަރޫރީ ތަކެތި ހޯދުމަށް ބޮޑެތި ދަތިތަކާ ކުރިމަތިލާންޖެހިފައިވާ ކަމަށާއި، ރައްޔިތުން ދަތި އުނދަގުލުން ހޯދި އެތައް ހައްގުތަކެއް މިއަދު ގެއްލިގެން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

މީގެއިތުރުން ޑޮލަރު ހޯދުމަށް އިންތިހާއަށް ދަތިވެ، ޑޮލަރުގެ އަގު ދުވަހެއް ދުވަހަކަށް މައްޗަށް ދިއުމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ކަންތައްތައް ނުކުރެވި އާދޭސްކުރާ ހިސާބަށް ކަންކަން ގޮސްފައިވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ސަރުކާރުން ނުކުރަންޖެހޭ އެތައް ކަމެއް ކޮށް، ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަން މަސައްކަތް ކުރަނީ ވަކި ބޭނުމެއްގައި ކަމަށް ވެސް ފައިސަލް ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް އިސްލާހުތަކާއި މި ހައްގުތައް ހޯދުމަށްޓަކައި އަޅުގަނޑުމެން މި ކުރާ މަސައްކަތްތަކެއް ހުއްޓާއެއް ނުލާނަން. މިއަދު މި ތަނުންވެސް އަޅުގަނޑުމެންނަށް މި ފެންނަނީ މި ގޮތަށް ވާރޭގައި ވެސް، އަވީގައި ވެސް، ގަދަހޫނުގައި ވެސް އެމްޑީޕީން ރާއްޖޭގެ އިސްލާހަށް ލޯބިކުރާ ހައްގުތަކަށް ލޯބިކުރާ މީހުން ނުކުންނާނެ
ފައިސަލް ނަސީމް

މީގެއިތުރުން ފައިސަލް ވިދާޅުވީ، ރައްޔިތުންނަށް ދަތިވާ ކަންކަން ހައްލު ކުރުމަށް ސަރުކާރުން މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. ނަމަވެސް ސަރުކާރުން މަސައްކަތް ކުރަމުންދަނީ ރައްޔިތުންގެ ހައްގުތައް ނިގުޅައިގަތުމަށް ކަމަށާއި، އެގޮތަށް އަމަލު ކޮށްގެން ގައުމުގެ ހާލަތު ރަނގަޅު ނުވާނެ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

އަދި އެމްޑީޕީން ރައްޔިތުންގެ ގެއްލިފައިވާ ހައްގުތަކާއި ހެޔޮވެރިކަން ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލައި ކުރިއަށްގެންދާނެ ކަމުގެ ޔަގީންކަން ވެސް ފައިސަލް ދެއްވި އެވެ.