ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ރައްޔިތުންނަށް އެދޭ ހެވެއް ނެތް ކަމަށާއި، ރައްޔިތުން އިނދަޖައްސާލާފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

ބުރާސްފަތި ދުވަހުގެ ރޭ އެމްޑީޕީން ބޭއްވި ދަތިވެއްޖެ މުޒާހަރާގައި ވާހަކަ ދައްކަވަމުން، ޝާހިދު ވިދާޅުވީ ރާއްޖެ އޮބިނޯންނަ ހިސާބަށް ދަތިވެއްޖެ ކަމަށް ރައްޔިތުން ބުނަމުންދާ ކަމަށެވެ. އަދި ރައްޔިތުން އުންމީދު ކުރަމުން އައި ފެހި ސިގްނަލްތައް ރަތްވެ، ވެރިކަމަށް އައުމަށް އަދުގެ ސަރުކާރުން ދެއްކި ހުވަފެންތައް ބިލާހަކަށް ވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މީގެއިތުރުން، މިދިޔަ 13 އަހަރުގެ ތެރޭގައި އިންފްލޭޝަން އެންމެ މައްޗަށް ގޮސްފައިވަނީ 2025 ވަނަ އަހަރު ކަމަށާއި، ތަކެތީގެ އަގުތައް އިންތިހާއަށް އުފުލިފައިވާކަން ޝާހިދު ފާހަގަކުރެއްވި އެވެ.

މިދިޔަ ހަތަރު އަހަރަށް ބަލައިފީގައި 2025 ވަނަ އަހަރުން 2026 ވަނަ އަހަރުގެ މެއި މަހާ ދޭތެރޭގައި ހުރި އަގުތަކަށް ބަލައިފިނަމަ، 100 ރުފިޔާއަށް ލިބޭ އެއްޗެއް މިއަދު ލިބެނީ 122 ރުފިޔާއަށް
އަބްދުﷲ ޝާހިދު

މީގެ އިތުރުން ޝާހިދު ވިދާޅުވީ، މުސާރަތަކަށް ބަދަލެއް ނާންނައިރު އަދި އިތުރު އާމްދަނީއެއް ލިބޭނެ ގޮތެއް ނެތި ތަކެތީގެ އަގު މައްޗަށް ދިއުމުން ރައްޔިތުން ދަތިވެއްޖެ ކަމަށް ބުނަމުންދާ ކަމަށާއި، މި ސަރުކާރު ބޮޑުތަނުން ފެއިލްވެފައިވާ ކަމަށެވެ. 

ޚަރަދު ކުޑަ ކުރަން މަޖުބޫރުވުމުން ސަރުކާރުން އަމަލު ކުރަމުންދާ ގޮތަށް އިޝާރާތް ކުރައްވައި ޝާހިދު ވިދާޅުވީ، ސަރުކާރުން ކުންފުނިތަކުގައި އުޅޭ އާންމު މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށާއި، ރައްޔިތުންނަށް އަނިޔާވެރިވާ ކަމަށެވެ. އަދި މިދިޔަ ހަފްތާގައިވެސް ގިނަ  ބަޔަކު ވަޒީފާއިން ވަކިކުރިއިރު، ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން އަދި ސިޔާސީ އެކިއެކި މަގާމުތަކަށް އެތައް ސަތޭކަ މީހުންނަށް ވަޒީފާ ދީފައިވާ ކަމަށް ޝާހިދު ވިދާޅުވި އެވެ. 

ޝާހިދު ވިދާޅުވީ މި ސަރުކާރުގެ އިޚްލާސްތެރިކަމެއް ނެތް ކަމަށާއި، ރައްޔިތުން ނިކަމެތިކޮށް ބިކަކޮށްލާފައިވާ ކަމަށެވެ. އަދި ރައްޔިތުން މިހާރު ދަނީ ސަރުކާރަށް ބޮޑުތަނުން ނޫނެކޭ ބުނަމުން ކަމަށާއި، އެމްޑީޕީން މި ސަރުކާރު ބަދަލުކުރާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.