މުޅި ރާއްޖޭގެ މޫސުން ކުރިއަށް އޮތް 24 ގަޑިއިރު ގޯސްވާނެ ކަމަށް މޫސުމާ ބެހޭ ގައުމީ އިދާރާއިން ބުނެފި އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ ހުކުރު ދުވަހުގެ ހެނދުނު 10:00ން ހޮނިހިރު ދުވަހުގެ ހެނދުނު 10:00ށް މޫސުން ގޯސްވާނެ ކަމަށާއި، ހުކުރު ދުވަހުގެ މެންދުރުކުރި އެކިހިސާބަށް ވިއްސާރަކުރާނެ ކަމަށެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ގުގުރުން އެކަށީގެންވާ ކަމަށާއި، މެންދުރުފަހުން ބައެއް ރަށްތަކަށް ކެރީގެ އަސަރު ފޯރާނެ ކަމަށެވެ. 

ހުޅަނގުދެކުނާއި ހުޅަނގުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށާއި، ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލު ބާރުމިނަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް އެ އިދާރާއިން ބުނެ އެވެ. 

މޫސުމާބެހޭ ގައުމީ އިދާރާއިން ބުނީ، ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަ ވާނެ ކަމަށާއި، ރާޅު އުސްމިނުގައި 3 ނުވަތަ 6 ފޫޓު ހުންނާނެ ކަމަށެވެ. 

ރާއްޖޭގެ އަށް މިހާރު ކުރަމުންދަނީ ހުޅަނގު މޫސުމުގެ ވިއްސާރައަށްވާއިރު، މޫސުމަށް ޚާއްސަ ސަމާލު ކަމެއް ދިނުމަށް މޫސުމާބެހޭ ގައުމީ އިދާރާއިން އެދިފައިވެ އެވެ. އަދި ޚާއްސަކޮށް ކަނޑުދަތުރުކުރާ މީހުން ޚާއްސަ ސަމާލުކަމެއް ދިނުމަށް އިލްތިމާސްކޮށްފައިވެ އެވެ.