ސިޔާސީ މަންފާއެއް ހާސިލު ކުރުމަށްޓަކައި ށ. ކަނޑިތީމުގައި ފެށި ބަނދަރުގެ މަޝްރޫއުގައި އެ ރަށު ފަރު ހުރަސްކޮށް ދިގު ވެލިގަނޑެއް އެޅުމުގެ ސަބަބުން، ކަނޑުގެ އޮއިވަރަށާއި ރަށުގެ ފަސްގަނޑު ގުދުރަތީ ގޮތުން ދައުރުވާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސް، ރަށްގިރުމުގެ މައްސަލަ އިންތިހާއަށް ބޮޑުވެފައިވާ ކަމަށް ކަނޑިތީމު ކައުންސިލްގެ ނައިބު ރައީސް ހަސަން ޝަހީމް ވިދާޅުވެއްޖެ އެވެ.  

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު
ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު

މިކަމާ ކަންބޮޑުވުން ފާޅުކުރައްވާ ޝަހީމް ނެރުއްވާފައިވާ ބަޔާނެއް ވިދާޅުވީ، ލޯކަލް ކައުންސިލް އިންތިޚާބާ ދިމާކޮށް ސިޔާސީ މަންފާއެއް ހާސިލު ކުރުމަށްޓަކައި އެ ރަށުގައި ފެށި ބަނދަރުގެ މަޝްރޫއުގެ ނަމުގައި ކުރިއަށް ގެންދިޔަ އަމަލުތަކުގެ ހިތި ނަތީޖާ މިހާރު ފެންނަމުންދާ ކަމަށެވެ. އެގޮތުން އެ ރަށުގެ ފަރު ހުރަސްކޮށް ގާތްގަނޑަކަށް 180 މީޓަރުގެ ދިގު ވެލިގަނޑެއް އެޅުމުގެ ސަބަބުން ކަނޑުގެ އޮއިވަރަށާއި ރަށުގެ ފަސްގަނޑު ގުދުރަތީ ގޮތުން ދައުރުވާ ނިޒާމަށް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ކަމަށެވެ. އަދި މި ބަދަލުތަކުގެ ސަބަބުން ކަނޑިތީމުގެ އުތުރުފަރާތު 152 މީޓަރުގެ ދިގު ސަރަހައްދަކުން 15 މީޓަރުގެ ބިން ގިރައިގެން ގޮސްފައިވާ ކަމަށެވެ. އަދި މިހާރު ރަށް ގިރަމުންދާ ސަރަހައްދާއި މީހުން ދިރިއުޅޭ ގެތަކުގެ ދުރުމިނުގައި ހުރީ 20 މީޓަރު ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ. 

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު

އިންތިހާބާ ދިމާކޮށް ފެށި ބަނދަރު ހެދުމުގެ އެއްވެސް މަސައްކަތެއް މިހާރު ކުރިއަށް ނުދާކަން ފާހަގަކުރައްވާ، ޝަހީމް ވިދާޅުވީ އެންމެ ބޮޑު ކަންބޮޑުވުމަކީ ރަށް ގިރަން ފެށުމާ އެކު، ބަނދަރު ހެދުމަށް ގެނައި އެކްސްކަވޭޓަރު ވެސް އެ ރަށުން ގެންދިޔުން ކަމަށެވެ. އަދި ގިރާފައިވާ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ލޮނުގެ އަސަރުކުރަމުންދާ ކަމަށާއި ރަށުގެ ގުދުރަތީ ވެށްޓަށް އިއާދަނުކުރެވޭ ފަދަ ބޮޑު ގެއްލުމަކާއި ކުރިމަތިލާން ޖެހިދާނެ ކަމުގެ ބިރު އޮތް ކަމަށް ވެސް މި ބަޔާނުގައި އޭނާ ވިދާޅުވެފައިވެ އެވެ. 

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު

ށ. ކަނޑިތީމު ގިރަމުންދާ ސަރަހައްދު|ސޯޝަލް މީޑިއާ

މި ބަޔާނުގައި ޝަހީމް ވަނީ ކަނޑިތީމުގައި ހުއްޓިފައިވާ ބަނދަރުގެ މަސައްކަތް އަލުން ފަށައި ދިނުމަށާއި އެ މަސައްކަތް ހަލުވިކޮށް ދިނުމަށް ސަރުކާރަށް ގޮވާލައްވާފަ އެވެ. އަދި ރަށް ގިރުމުގެ މައްސަލައިގެ ތެރެއަށް ސަރުކާރުގެ ކަމާބެހޭ މުއައްސަސާތަކުން ވަދެ، އެ ރަށު ގޮނޑުދޮށް ހިމާޔަތް ކުރުމަށް އަވަސް މަސައްކަތްތަކެއް ފެށުމަށާއި ދިގު މުއްދަތުގެ ރައްކާތެރިކަމުގެ ޕްލޭނަކަށް އިސްކަންދިނުމަށް ވެސް ޝަހީމް ވަނީ ސަރުކާރަށް ގޮވާލައްވާފަ އެވެ.