މާލެ-ރަސްމާލެ ބިއްލޫރި ޓަނަލްގެ ފީސިބިލިޓީ މަސައްކަތް ފަށާއިވާ ކަމަށް 2024 ވަނަ އަހަރު  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެފައިވަނިކޮށް އަދި އެކަމަށް ބަޔަކު ހޮވާފައި ވެސް ނުވާ ކަމަށް އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނެފި އެވެ.

މާލެ އާއި ރަސްމާލެއާ ދެމެދު ބިއްލޫރި ޓަނަލެއް އަޅުއްވާނެ ކަމަށް ރައީސް ޑރ. މުޙައްމަދު މުއިއްޒު ފުރަތަމަ ވައުދުވެވަޑައިގަތީ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގަ އެވެ. އޭގެ ފަހުން 2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު މުއިއްޒު ވިދާޅުވީ އެ ޓަނަލް ވެގެންދާނީ، އެ ޓަނަލްގައި ދުއްވާ ޓްރެއިންގައި ދާއިރުގައި ކަނޑުއަޑީގެ ރީތި މަންޒަރުތައްވެސް ފެންނަ ޓަނަލަކަށް ކަމަށެވެ. އެ މަސައްކަތް ކުރުމަށްޓަކައި އެކަމުގެ ގާބިލްކަން ހުރި ކުންފުނިތަކާ އެކީގައި ވަނީ ފީސިބިލިޓީ މަސައްކަތް ފަށާފައި ކަމަށް ވެސް އޭރު ވަނީ ވިދާޅުވެފަ އެވެ.

2024 ވަނަ އަހަރު އެ މަޝްރޫއުގެ ފީސިބިލިޓީ މަސައްކަތް ފަށާފައިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި ވާހަކަފުޅަކީ ހަގީގަތެއް ނޫންކަން 15 ޖުލައި 2026 ގެ ތާރީޚުގައި ރާއްޖެޓީވީން ކުރި ސުވާލަކަށް ލިޔުމުން އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ފޮނުވި ޖަވާބުން ވަނީ ހާމަވެފަ އެވެ.

މިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިންގ އެންޑް އާބަން ޑިވެލޮޕްމަންޓުން ބުނީ، ފީސިބިލިޓީ ހެދުމަށް ކުރި އިއުލާނާ ގުޅިގެން އެކަމަށް ކުރިމަތިލީ ފަރާތްތަކުގެ ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ.

އިންފްރާސްޓްރަކްޗަރ މިނިސްޓްރީން މިހެން ބުނި އިރު، މިއަހަރުގެ މާޗް މަހުގެ 30 ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް ރައީސް މުއިއްޒު ވިދާޅުވީ، ބިއްލޫރި ޓަނަލްގެ މަސައްކަތުގެ ފަންނީ މަސައްކަތްތައް ކުރަމުން ދާކަމަށާއި ދިރާސީ މަސައްކަތްތައް ވެސް ކުރަމުންދާ ކަމަށެވެ.

ރައީސް އެހެން ވިދާޅުވެފައިވަނިކޮށް 2024 ވަނަ އަހަރުގެ އޮކްޓޯބަރު 28، ގައި ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އިންފްރާސްޓަރަކްޗާ މިނިސްޓަރ މުއްތަލިބު ވިދާޅުވީ، ފުށިދިއްގަރުފަޅު ނުވަތަ ރަސްމާލެއާ ހަމައަށް ޓަނަލެއް އެޅުމަކީ މީގެ ކުރިން ދުނިޔޭގައި ކޮށްފައި ނުވާ ފަދަ ބޮޑު މަސައްކަތެއް ކަމަށާއި، އެގޮތުން ދެންނެވި އިބާރާތަކީ "މިވަގުތު ދުނިޔޭގެ އެއްވެސް ތަނެއްގައި، އޯޕަން ސީގައި ހަދާފައި އޮތް ކަހަލަ އިންފްރާސްޓްރަކްޗާއެއްގެ ވާހަކައެއް ނޫން ކަމަށެވެ.

"ތިބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ އެމެރިކާއިން ހަނދަށް ދިޔުމަށް ވެސް ޖޯން އެފް ކެނެޑީ އެންވިޝަން ކުރެއްވީ އެއްވެސް ބަޔަކު ހަނދަށް ގޮސްގެނެއް ނޫން،" މުއްތަލިބު ވިދާޅުވި އެވެ.

އިތުރަށް އިންފްރާސްޓްރަކްޗަރ މިނިސްޓަރ ވިދާޅުވީ، އެ ޓަނަލް އެޅުމުގެ މަސައްކަތަކީ ޓައިމްލައިނެއް ހަދައިގެން ކުރިއަށް ގެންދެވޭނެ ޕްރޮޖެކްޓެއް ނޫން ކަމަށާއި އެއީ އެއަށްވުރެ މާ އާދަޔާ ހިލާފު މަސައްކަތެއް ކަމަށެވެ.

މައުލޫމާތު ހޯދާ ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ރާއްޖެޓީވީ އިން ވަނީ މިފަދަ ގޮތަކަށް ވާހަކަތައް ދެކެވިފައިވާތީ ރައީސް އަޅުއްވަން ނިންމެވި ބިއްލޫރި ޓަނަލްގެ މަސައްކަތް މިހާރު ހުއްޓާލީތޯ އިންފްރާސްޓްރަކްޗަރ މިނިސްޓްރީގައި ސުވާލުކޮށްފަ އެވެ.

އެ ސުވާލުގެ ޖަވާބުގައި އެ މިނިސްޓްރީން ބުނެފައިވަނީ "މާލެ-ރަސްމާލެ ދެމެދު ބިއްލޫރި ޓަނަލްގެ މަސައްކަތް ހުއްޓާލާފައި ނުވެ އެވެ."

ހުއްޓާނުލާ ނަމަ އެ މަސައްކަތް ގޮސްފައިވަނީ ކިހާ ހިސާބަކަށްތޯ އާއި ސާރވޭ ކުރާނަމަ ސާރވޭ ކުރަން ހަވާލުކޮށްފައިވަނީ ކޮން ކުންފުންޏަކާތޯ އާއި އަދި ހަވާލު ކުރެވިފައިވަނީ ކޮން އަގަކަށްތޯ އާއި ރައީސް ވިދާޅުވެފައިވާ ގޮތަށް މާލެ އާއި ރަސްމާލެ ބިއްލޫރި ޓަނަލް އިން ގުޅާލެވޭނެ ކަމަށް ލަފާ ކުރެވޭ ތާރީޚަކީ ކޮބައިތޯ ސާފު ކުރުމަށް ކުރި ސުވާލުތަކުގެ ޖަވާބުގައި އިންފްރާސްޓްރަކްޗަރ މިނިސްޓްރީން ބުނީ "މި މަސައްކަތަކީ މިވަގުތު ޓެންޑަރިންގ މަރުހަލާގައިވާ މަސައްކަތަކަށްވާތީ، އެދިފައިވާ މައުލޫމާތު މިނިސްޓްރީގައި ލިބެން ނެތް ކަމުގަ،" އެވެ.

މިނިސްޓްރީން ފޮނުވި މައުލޫމާތުގައި ބުނެފައިވަނީ މާލެ، ރަސްމާލެ އާ ދެމެދު ބިއްލޫރި ޓަނަލެއް އެޅުމުގެ މަސައްކަތް ހިމެނޭ ގޮތަށް "ރަސްމާލެ ޓްރާންސްޕޯޓް މާސްޓަ ޕްލޭން" ޕްރޮޖެކްޓްގެ ޕްރިޕަރޭޝަން އަދި ފީޒިބިލިޓީ ސްޓަޑީ ހެދުމުގެ ކޮންސަލްޓަންސީ ސާވިސް ދޭނެ ފަރާތެއް ހޯދުމަށް ކުރެވުނު އިއުލާނާ ގުޅިގެން ހުށަހެޅި ޕްރޮޕޯސަލްތައް އިވެލުއޭޓް ކުރުމުގެ މަސައްކަތް ކުރިއަށް ދާ ކަމަށެވެ.

މިއަހަރުގެ މާޗް މަހުގެ 30 ވަނަ ދުވަހު އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވީ، "އޭގެ ހަމަ ފަންނީ މަސައްކަތްތައް ކުރަމުން މި ދަނީ، ދިރާސީ މަސައްކަތްތައް."