ހިއުމަން
ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އިން 2025 ވަނަ އަހަރަށް އެކުލަވާލި
އަހަރީ ރިޕޯޓުގައި، ދިވެހިރާއްޖޭގެ ޖަލުތަކުގެ ހާލަތާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް
ފާހަގަކޮށް، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްއަށް މުހިންމު އިރުޝާދުތަކެއް ދީފި އެވެ.
އެ ކޮމިޝަނުން
ވަނީ ޖަލުތަކުގައި ތިބޭ ގައިދީންނަށް ބޭނުންވާ ސިއްހީ ފަރުވާއާއި، ޖަލުތަކުގެ ސާފުތާހިރުކަމުގެ
އިތުރުން އިންތިޒާމުތައް ހަމަޖެހިފައިވާ ގޮތް އިސްލާހުކުރުމަށް ގޮވާލާފަ އެވެ.
އެޗްއާރްސީއެމުން
ފާހަގަކޮށްފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ، ދާއިމީކޮށް ބޭސް ބޭނުންކުރަންޖެހޭ
ގައިދީންގެ ބޭސް ހުސްވުމުގެ ކުރިން ޑޮކްޓަރަށް ދައްކައި ރިވިއު ކުރަންޖެހޭ އުސޫލަށް
އަމަލުނުކުރެވޭ މައްސަލަ އެވެ. އެފަދަ މައްސަލައެއް ފާހަގަވެފައިވާތީ، މިކަމުގެ ސަބަބުން
ގައިދީންގެ ސިއްހީ ހާލަތަށް ނޭދެވޭ އަސަރުކޮށްފާނެތީ، ބޭސް ހުސްވުމުގެ ކުރިން ޑޮކްޓަރަށް
ދެއްކޭނެ ހަރުދަނާ އިންތިޒާމެއް ހަމަޖެއްސުމަށް ކޮމިޝަނުން ވަނީ ލަފާދީފަ އެވެ.
މީގެ އިތުރުން،
ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ ގައިދީން މޮނިޓަރ ކުރުމުގައި އިހުމާލުވެފައިވާ މައްސަލައެއް ވެސް
އެޗްއާރްސީއެމްގެ ސަމާލުކަމަށް ވަނީ އައިސްފަ އެވެ.
ވަކިން ހާއްސަކޮށް،
ނަފްސާނީ ބަލި ހުންނަ ފަރާތެއް މޮނިޓަރ ކުރުމަށް ޑޮކްޓަރު އިރުޝާދު ދީފައި ވަނިކޮށް ވެސް،
އެކަން އެންމެ އެކަށީގެންވާ ގޮތެއްގައި ކޮށްފައި ނުވާކަން ކޮމިޝަނުން ފާހަގަކުރެ އެވެ.
އެހެންކަމުން، އެފަދަ ފަރާތްތަކުގެ ހާލަތު ގާތުން ބަލައި މޮނިޓަރ ކުރެވޭނެ އިންތިޒާމުތައް
ވަގުތުން ހަމަޖެއްސުމަށް ކަރެކްޝަންސަށް ވަނީ އަންގާފަ އެވެ.
ޖަލުތަކުގެ
އުމްރާނީ ހާލަތަށް ބަލާއިރު، މާފުށީ ޖަލުގެ ބައެއް ޔުނިޓުތަކުގެ ސާފުތާހިރުކަން ކުޑަވުމުގެ
ޝަކުވާތައް ލިބިފައިވާ ކަމަށް އެޗްއާރްސީއެމުން ބުނެ އެވެ. އަދި ބައެއް ގޮޅިތަކުގައި
އެކަށީގެންވާ ވަރަށް ވައި ދައުރުވާނެ ނިޒާމު ނުވަތަ ވެންޓިލޭޝަން ނެތް މައްސަލަ ވެސް
ކޮމިޝަނުން ވަނީ ފާހަގަކޮށްފަ އެވެ. މިކަންކަމަކީ ގައިދީންގެ އިންސާނީ ކަރާމާތާއި ސިއްހަތާ
ގުޅިފައިވާ ކަންކަން ކަމަށްވާތީ، އެކަންކަން އިސްލާހުކުރުމަށް ވަނީ އިރުޝާދު ދީފަ އެވެ.
ޖަލުތަކުގެ
އިދާރީ އިންތިޒާމުތަކާ ގުޅޭގޮތުން އެޗްއާރްސީއެމުން ބުނީ، ގައިދީންނަށް ދޭ އެކަހެރި
ބައްދަލުވުންތައް ނުވަތަ ޕްރައިވެޓް ވިޒިޓްތައް ދިނުމުގައި އެކި ޖަލުތަކުގައި އަމަލުކުރަނީ
އެކި އުސޫލުން ކަމަށެވެ. މިކަމުގައި އެއްގޮތް އުސޫލެއް ނެތުމަކީ ކަންބޮޑުވުމެއް ކަމަށް
ފާހަގަކޮށް، ހުރިހާ ޖަލެއްގައި ވެސް ހަމަހަމަކަމާއެކު އެކަށީގެންވާ އިންތިޒާމުތަކެއްގެ
ތެރެއިން މި ހިދުމަތް ލިބޭނެ ގޮތް ހެދުމަށް އެޗްއާރްސީއެމުން ވަނީ މޯލްޑިވްސް ކަރެކްޝަނަލް
ސަރވިސްއަށް އިލްތިމާސްކޮށްފަ އެވެ.