ބުރާސްފަތި ދުވަހު ރައްޔިތުންގެ މަޖިލިސް އޮންނާނެ ކަމަށް މެންބަރުންނަށް އެންގުމަށް ފަހު، ފަހު ވަގުތުގައި ޖަލްސާ ނުބާއްވަން ނިންމައިފި އެވެ.
މަޖިލީހުގެ އިދާރާ އިން މެންބަރުންނަށް ފޮނުވާފައިވާ މެސެޖުގައި ބުނެފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ޖަލްސާ މިއަދު
ނޯންނާނެ ކަމަށާއި، މަޖިލީހުގެ ޖަލްސާއެއް ދެން އޮންނާނެ ތާރިހެއް ފަހުން އަންގާނެ
ކަމަށެވެ.
ބުރާސްފަތި ދުވަހު ޖަލްސާ ބޭއްވުމަށް ހަމަޖެހިފައިވީ ނަމަވެސް، ޖަލްސާގެ
އެއްވެސް ކަހަލަ އެޖެންޑާއެއް މެންބަރުންނަށް ލިބިފައި ނުވާ ކަމަށް ރައްޔިތުންގެ
މަޖިލީހުގެ މެންބަރަކު ވަނީ ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވާފަ އެވެ. މެންބަރު ވިދާޅުވި
ގޮތުގައި ޖަލްސާގެ އެޖެންޑާ އާއި ފެށޭނެ ގަޑި ފަހުން ހާމަކުރާނެ ކަމަށް އޭރު
ވަނީ ބުނެފައި އެވެ.
ބުދަ ދުވަހު ބޭއްވި ޖަލްސާގައި މަޖިލީހުގެ މުހިންމު
މަސައްކަތްތަކެއް ހުރި ކަމަށް ބުނެ، 58 މެންބަރުންގެ ތާއީދާ އެކު ވަނީ މިހާރު ކުރިއަށްދާ ދައުރު ދިގު ދަންމާލަން ނިންމާފައި އެވެ. މަޖިލީހުގެ މި އަހަރުގެ ފުރަތަމަ
ދައުރު ވެސް ވަނީ މިގޮތަަށް ދިގު ދަންމާލާފައި އެވެ. ނަމަވެސް އެފަހަރު ކުރިއަށް
ގެންގޮސްފައި ވަނީ ހަމައެކަނި ސަރުކާރު މަސްލަހަތު ހިމެނޭ މަސައްކަތްތަކެވެ. މިފަހަރުގެ މަޖިލީހުގެ ދައުރު ދަންމާލާފައި ވަނީ، ލާމަރުކަޒީ ޤާނޫނަށް ހުށަހަޅާފައިވާ އިސްލާޙުގެ މަސައްކަތް ނިންމަން ކަމަށް ބެލެވެ އެވެ.
ކައުންސިލްތަކުގެ އިހުތިސާސްގައި
ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި
އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ނިންމާ ހާލަތެއްގައި އެ
ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށައެޅި އިސްލާހުގައިވާ
ކަންކަން ސަރުކާރުގެ މެންބަރުން ދަނީ ދިފާއު ކުރަމުންނެވެ.
20 ވަނަ ރައްޔިތުންގެ މަޖިލީހުގައި މީގެ ކުރިން ވެސް، މެންބަރުންނަށް ސާފު އެންގުމެއް ނެތި ޖަލްސާތައް ބާއްވަން ނިންމައި، ފަހު ވަގުތު ކެންސަލް ކޮށްފައި އެބަ ހުއްޓެވެ. އަދި ޖަލްސާގެ އެޖެންޑާ ވެސް މެންބަރުންނާ ހިއްސާ ކުރުމެއް ނެތި، ޖަލްސާ ބާއްވާނެ ކަމަށް އަންގާފައިވެ އެވެ.