ސަރުކާރުގެ ނިޔަތަކީ މަޝްރޫއުތައް ކުރިޔަށް ގެންދިޔުން ނޫން ކަމަށާއި، ސަރުކާރުގެ ނިޔަތަކީ ރައްޔިތުންގެ ބިންތައް ފޭރިގަތުން ކަމަށް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީގެ
މެންބަރު ޝުޖާއު އަލީ ވިދާޅުވެއްޖެ އެވެ.
ރާއްޖެ ޓީވިގެ ފަލަސުރުހީ ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޝުޖާއު
ވިދާޅުވެފައި ވަނީ، ލާމަރުކަޒީ ނިޒާމުގެ ގާނޫނު މިވަގުތު އޮތް ގޮތުން ސަރުކާރަށް
މަޝްރޫއުތައް ހިންގުމަށް އެއްވެސް ވަރެއްގެ ދައްޗެއް ނޯންނާނެ ކަމަށެވެ.
ލާމަރުކަޒީ ނިޒާމުގެ ގާނޫނުގައި މިހާރު ހުރި މާއްދާތަކުގައި، ދައުލަތުން
ރައްޔިތުންގެ ފައިދާ އަށް މަޝްރޫއެއް ހިންގާ ނަމަ އެބިން ސަރުކާރަށް ހަވާލު ކުރަން
ޖެހޭނެ ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ނަމަވެސް، ބިން ފޭރުމުގެ މަގުސަދުގައި މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަކީ
ރައްޔިތުންނަށް ފައިދާއެއް ކޮށްދިނުމުގެ ނިޔަތުގައި ކުރާ ކަމެއް ނޫން ކަމަށާއި، މި
އިސްލާހަކީ ރާއްޖޭގަ ނުވިކި ހުރި ފަޅުރަށް ރަށާއި ބިންތައް ވިއްކުމަށް ފަހު، ލިބޭ ފައިސާއާ އެކު ވެރިކަމުން ފޭބުން ކަމަށް ޝުޖާއު ވިދާޅުވި އެވެ.
ސަރުކާރު އަޑީގަ އޮވެގެން ބިން ފޭރެން މި އުޅޭ އިސްލާހަކީ ހަގީގަތުގައި ރައްޔިތުންނަށް އެއިން ފައިދާ އެއް ކުރަން ރައްޔިތުންނަށް އެބިންތައް ހޯދައިގެން، އޭގެން ޕްރޮޖެކްޓްތައް ހިންގައި ދޭން އެބޭފުޅުން އެ ނިޔަތުގައި ހިންގާ ކަމެއް ނޫން. ވިސްނުމަކީ މިހާރު ރާއްޖޭގެ ބާކީ ނުވިކި ހުރި ތަނެއް ވިޔަސް ދައުރު ނިމެންވާއިރަށް ފަޅު ރަށްތައް ވެސް ވިއްކާފައި، މީހުން ދިރިއުޅޭ ރަށެއްގެ އިހުތިސާސް ތެރޭގައި ވެސް ރަނގަޅު ބިންކޮޅެއް ވިއްކާލެވެން އޮތިއްޔާ އެތަންތަން ވެސް ވިއްކާލާފައި، އޭގެ ފައިސާ ވެސް ހޯދައިގެން މިބޭފުޅުން ފައިބައިގެން ދިޔުންޝުޖާއު އަލީ
ޝުޖާއު ވިދާޅުވީ ސަރުކާރުން ރައްޔިތުންގެ ބާރުތައް
ފޭރިގަންނަތަން ބަލަން ރައްޔިތުންނެއް ނުތިބޭނެ ކަމަށެވެ. އަދި މި
މައްސަލައިގަައި އަޑު އުފުލައި، ރައްޔިތުން ބާރުވެރި ކުރުމަށް ކުރަންޖެހޭ ހުރިހާ މަސައްކަތެއް އެމްޑީޕީގެ ލާމަރުކަޒީ
ކޮމިޓީ އިން ކުރާނެ ކަމަށް ޝުޖާއު ވަނީ ވިދާޅުވެފައި އެވެ.
ހަމައެއާއެކު، މި އިސްލާހުގެ ސަބަބުން ކައުންސިލްތަކަށް ލިބިގެންދާނެ
ގެއްލުންތައް ކިޔައި ދިނުމަށް އެމްޑީޕީ އިން ކުރަން ޖެހޭ މަސައްކަތެއް ކުރާނެ ކަމަށް ވެސް ޝުޖާއު ވިދާޅުވި އެވެ.
ޝުޖާއު ހާމަކުރައްވާފައިވާ ގޮތުގައި މި އިސްލާހަކީ ހަމައެކަނި ކައުންސިލްތަކާ
ގުޅޭ އިސްލާހެއް ނޫން ކަމަށާއި، މިއީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ދިރިއުޅުމާ
ކުޅެލާ ވަރުގެ އިސްލާހެއް ކަމަށެވެ.
އަދި މިހާރު ރައްޔިތުން މަޖިލީހަށް ހުށަހަޅާފައިވާ އީ ޕެޓިޝަންގައި
ރައްޔިތުން ސޮއިކޮށް، ރައްޔިތުންގެ މަޖިލީހުން މި ބިލާ ދޭތެރޭ އިތުރު ވިސްނުމަކަށް
ދިޔުމަށް ބާރު އެޅުމަށް ރައްޔިތުން ބައިވެރިވުމަށް ޝުޖާއު ވަނީ އެދިވަޑައިގަންނަވާފަ އެވެ.
މި ބިލަކީ ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން
ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި، އެ ރަށެއް ނުވަތަ ސިޓީއެއްގެ
އިހުތިސާސުން ވަކިކުރަން ނިންމާ ހާލަތެއްގައި އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް
ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހެކެވެ.
ހުރިހާ ކައުންސިލްތަކާ ގުޅިގެން މި އިސްލާހާ ދެކޮޅަށް ނުކުމެ
އިހުތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ވަނީ ނިންމާފައި އެވެ.