ކައުންސިލްތަކުގެ އިހުތިސާސްގައި ހިމެނޭ ބިންތަކާއި ތަންތަން ސަރުކާރުގެ ތަރައްގީގެ މަޝްރޫއުތައް ހިންގުމަށްޓަކައި އެ ރަށެއް ނުވަތަ ސިޓީއެއްގެ އިހުތިސާސުން ވަކިކުރަން ސަރުކާރުން ނިންމާ ހާލަތެއްގައި، އެ ތަންތަން ސަރުކާރަށް ނެގޭ ގޮތަށް ލާމަރުކަޒީ ގާނޫނަށް ހުށަހެޅި އިސްލާހުގެ ބިލާ ދެކޮޅަށް، އެހެން ކައުންސިލްތަކާ، އަދި އެހެން ސިޔާސީ ޕާޓީތަކާ ވެސް ގުޅިގެން އިހްތިޖާޖު ކުރުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި އެވެ.
ބުދަ ދުވަހު ކުރިއަށް ދިޔަ މާލެ ސިޓީ ކައުންސިލްގެ ފަސް ވަނަ ދައުރުގެ 12 ވަނަ ރަސްމީ ޖަލްސާގައި ހުޅުމާލެ އުތުރު ދާއިރާގެ ކައުންސިލް މެންބަރު ފާތިމަތު ޒަހިއްޔާ ވަނީ ކައުންސިލްތަކުގެ އެއްވެސް ބަހެއް ނެތި، ވަޒީރުންނަށް ފެނިއްޖެ ކޮންމެ ހިނދެއްގައި ކައުންސިލްތަކުގެ އިހްތިސާސްގެ ދަށުގައިވާ ބިންތައް ސަރުކާރަށް ނެގޭގޮތަށް ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ ވަރަށް ނުރައްކާތެރި ކަމެއްގެ ފެށުމެއް ކަމަށް ވިދާޅުވެ، އެހެން ކައުންސިލްތަކާއި ސިޔާސީ ޕާޓީތައް ގުޅިގެން އެ ބިލާ ދެކޮޅަށް އިހުތިޖާޖް ކުރުމަށް ހުށަހަޅުއްވާފަ އެވެ.
އެއީ ކައުންސިލްތަކުގެ ބާރު ކަނޑުވާލާ ކައުންސިލްތަކަށް އެއްވެސް ކަމެއް ވިޔަ ނުދޭން ވެގެން ކުރައްވަން އުޅުއްވާ ކަމެއް، މިކަމާއި ދެކޮޅަށް ގާނޫނީ އިމުގެ ތެރެއިން އަޅުގަނޑުމެން ނުކުންނަން އެބަ ޖެހޭފާތިމަތު ޒަހިއްޔާ
މީގެއިތުރުން މި ހުށަހެޅުމާ ގުޅޭގޮތުން މާލެ ސިޓީގެ މޭޔަރު އާދަމް އާޒިމް ވިދާޅުވީ އެމްޑީޕީއަކީ ލާމަރުކަޒީ ޗެމްޕިއަން ކަމަށާއި، ހުރިހާ ޕާޓީތަކާ ވެސް ގުޅިގެން މިކަން ކުރަން މާލެ ސިޓީ ކައުންސިލުން ބޭނުންވާ ކަމަށެވެ.
މި ހުށަހެޅުން ފާސްވެފައި ވަނީ ކައުންސިލް ޖަލްސާގައި ބައިވެރިވި 16 ކައުންސިލަރުންގެ ތެރެއިން 15 ކައުންސިލަރެއްގެ ވޯޓުންނެވެ.