ދިވެހިރާއްޖޭގައި މަސައްކަތްކުރާ ބަންގްލަދޭޝްގެ ރައްޔިތުންނަށް ވަޒީފާގެ އިތުރު ފުރުސަތުތައް ފަހިކޮށްދިނުމަށް ދިވެހި ސަރުކާރުގެ ކިބައިން ބަންގްލަދޭޝްގެ ބޮޑުވަޒީރުގެ ފޮރިން އެފެއާޒް އެޑްވައިޒަރު ހުމާޔޫން ކަބީރު އެދިވަޑައިގެންފި އެވެ.
ހުމާޔޫން ކަބީރު މިކަމަށް އެދިވަޑައިގަތީ، ބަންގްލަދޭޝްގައި ހުންނަވާ ދިވެހިރާއްޖޭގެ ހައިކޮމިޝަނަރު ޝިއުނީން ރަޝީދު، ބުދަ ދުވަހު މެންދުރުފަހު ތޭޖްގާއޮންގައި ހުންނަ ބޮޑުވަޒީރުގެ އޮފީހަށް ކުރެއްވި އިހުތިރާމްގެ ޒިޔާރަތެއްގަ އެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައި އޮތް ބައިލެޓަރަލް ނުވަތަ ދޭދޭ ގުޅުންތަކާ ބެހޭގޮތުންނާއި، ދެ ގައުމުގެ މަސްލަހަތު ހިމެނޭ އެކި ދާއިރާތަކާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމަށް ބަންގްލަދޭޝްގެ މީޑިއާ ރިޕޯޓުތައް ބުނެ އެވެ.
ޚާއްސަގޮތެއްގައި ފަތުރުވެރިކަމާއި، އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި، އިންވެސްޓްމަންޓްގެ ދާއިރާއިން ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެ ބޭފުޅުން އަލިއަޅުއްވާލެއްވި ކަމަށް ވެސް ބުނެފައިވެ އެވެ. އަދި މި ދާއިރާތަކުން ދެ ގައުމަށް ވެސް ފައިދާކުރަނިވި ގޮތެއްގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކާ ބެހޭގޮތުން ދެ ބޭފުޅުން ޚިޔާލު ބަދަލުކުރެއްވި އެވެ.
އިންސާނީ ވަސީލަތްތަކުގެ ދާއިރާއިން ގުޅުން ވަރުގަދަކުރުމަށް ކުރެވޭ މަސައްކަތްތަކުގެ ތެރެއިން، ބަންގްލަދޭޝްގެ ރައްޔިތުންނަށް ރާއްޖެއިން އިތުރު ވަޒީފާގެ ފުރުސަތުތައް ތަނަވަސްކޮށްދިނުމަށް ކަބީރު މި ބައްދަލުވުމުގައި އެދިވަޑައިގަތް ކަމަށް ވެސް ރިޕޯޓުކޮށްފައިވެ އެވެ.