ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުގައި މިހާތަނަށް ގިނަ އަދަދަކަށް ޕޮލިސް ކޮމިޝަނަރުން (ސީޕީ) އިންނާއި ވަޒީރުން ބަދަލުކޮށްފައިވާ ކަމަށާއި، މިކަމުން އެކަނި ވެސް މި ސަރުކާރުގައި ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވާ ކަމަށް ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް ވިދާޅުވެއްޖެ އެވެ. 

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ފައިސަލް ވިދާޅުވީ، ފުލުހުންގެ މުއައްސަސާއަކީ ޕްރޮފެޝަނަލް ސްޓޭންޑަޑްތަކެއް ހިފަހައްޓަންޖެހޭ ތަނެއް ކަމަށާއި، އެކަމަށް އެންމެ ބޮޑަށް ބާރުއަޅަންޖެހޭނީ ރައީސުލްޖުމްހޫރިއްޔާ އާއި އެ މުއައްސަސާއަކާ ހަވާލުވެވަޑައިގެން ހުންނަވާ ވަޒީރު ކަމަށެވެ. އަދި މި ދައުރުގެ ތެރޭގައި މިހާރު ދެތިން ޕޮލިސް ކޮމިޝަނަރު އައްޔަންކުރެވިފައިވާކަން ފާހަގަކުރައްވައި، އެއިން ވެސް ބޮޑެތި މައްސަލަތަކެއް އުޅޭކަން ހާމަވާ ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ޕޮލިސް ކޮމިޝަނަރުންނަކީ ވިއްކަން ތިބޭ ބައެއް ނޫން އަޅުގަނޑުމެން ބޭނުންވާއިރަށް ގޮސްފައި ފިހާރައަކުން ގަނެގެން އަންނަން. އެއީ ހާދަ ބޮޑު ޓްރޭނިންއެކޭ، ދައުލަތުން ސަރުކާރުން ކުރާ ހާދަ ބޮޑު އިންވެސްޓެކޭ
ފައިސަލް ނަސީމް

ސަރުކާރުގެ ވަޒީރުން ގިނަގިނައިން ބަދަލުކުރުމަކީ ވެސް ގައުމެއްގެ ސިފައެއް ނޫންކަން ފާހަގަކުރައްވައި ފައިސަލް ވިދާޅުވީ، މި ސަރުކާރުގައި ފިނޭންސް މިނިސްޓަރު ހައެއްކަ ފަހަރު އަދި ފޮރިން މިނިސްޓަރު ދެތިން ފަހަރު ބަދަލުކޮށްފައިވާ ކަމަށެވެ.

އެގޮތަށް މަގާމުތައް ބަދަލުކުރަންޖެހޭ ހާލަތްތައް ހުންނަ ކަމަށް ފައިސަލް ވިދާޅުވި އެވެ. އަދި ވިދާޅުވީ އެބޭފުޅެއްގެ މަސްއޫލިއްޔަތު އަދާ ނުކުރުމާއި، ރައްޔިތުންގެ އިތުބާރު ގެއްލުމާއި، ނުވަތަ އެ މީހެއްގެ ގާބިލުކަން ނެތުމުން މަގާމުން ދުރުކުރި ނަމަވެސް އެކަމާއި ސުވާލު އުފައްދާނެ އެއްވެސް މީހެއް ނުހުންނާނެ ކަމަށެވެ. ނަމަވެސް މިހާރު މިގައުމުގައި ކަންކަން ހިނގަމުންދަނީ އެހެން ނޫން ކަމަށް ފައިސަލް ވިދާޅުވި އެވެ. 

ފައިސަލް ވިދާޅުވީ މިނިޒާމު ބަދަލުކުރަން ޖެހޭ ކަމަށާއި ރައްޔިތުންނާ ގައުމު އިސްކޮށް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.