ޗާގޯސް ކަނޑުގެ ސަރަހައްދުގައި ރާއްޖޭގެ މާލީ ދަތިކަން
ހައްލުކުރެވޭ ވަރުގެ މައުދަންވެސް ހުރެދާނެ ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް
ވިދާޅުވެއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން
މިނިސްޓަރު ޝިޔާމް ވިދާޅުވީ، މިދިޔަ ސަރުކާރުން މަޖިލީހާއި ރައްޔިތުންގެ ރުހުން ނެތި
ކަނޑު "ވިއްކާލާފައިވަނީ" ހަމައެކަނި ރައީސުލްޖުމްހޫރިއްޔާ ފޮނުއްވެވި ސިޓީފުޅަކާއެކު
ކަމަށެވެ.

ޗާގޯސް ކަނޑުގެ ސަރަހައްދުގެ ވާހަކަ ދައްކަވަމުން މިނިސްޓަރު
ވިދާޅުވީ، އެ ކަނޑުން ގެއްލުނީ ކިހާ ސަރަހައްދެއްތޯ ބެލުމަށް ވަކި ހިސާބެއް ހަދަން
ޖެހޭނެ ކަމަށާއި، އެކަމުން ލިބުނު ގެއްލުން ކުޑައެއް ނުވާނެ ކަމަށެވެ.

ވަކިން ޚާއްސަކޮށް ދެކުނުގެ މަސްވެރިންނަކީ ދުރަށް ކަނޑަށް
ނުކުމެގެން މަސްވެރިކަން ކުރާ މީހުން ކަމަށާއި، ވިއްކާލި ސަރަހައްދަކީ މަސް އާލާވާ
އަދި މަސް ބްރީޑުކުރާ ސަރަހައްދެއް ކަމަށް މިނިސްޓަރު ފާހަގަކުރެއްވި އެވެ.

ކަނޑުން ވިއްކާލި ސަރަހައްދުގެ ވާހަކަ އަޅުގަނޑު މި
ދެންނެވީ، އަޅުގަނޑުމެން ޖެހޭނީ އޭގެ ހިސާބެއް ހަދަން، އަޅުގަނޑަށް އެނގޭ އެއްޗަކީ
ކުޑައެއް ނުވާނެ، މަސްވެރިންނަކީ ދުރަށް ދުއްވާ، ވަކިން ޚާއްސަކޮށް ދެކުނުގެ މަސްވެރިންނަކީ
ދުރަށް ކަނޑަށް ނުކުމެގެން މަސްވެރިކަން ކުރައްވާ މަސްވެރިން، ވަކިން ޚާއްސަކޮށް
މަސް އާލާވާ، މަސް ބްރީޑުކުރާ ސަރަހައްދެއްގެ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ
އަހުމަދު ޝިޔާމް 

މިނިސްޓަރު އެހެން ވިދާޅުވިނަމަވެސް، އެ
ސަރަޙައްދަކީ ދިވެހި މަސްވެރިން ގޮސްއުޅޭ ސަރަހައްދެއް ނޫންކަން ކަނޑުގެ ސިފައިން
މީގެ ކުރިން އާންމުކުރި މައުލޫމާތުތަކުގައި ބަޔާންކޮށްފައިވެ އެވެ.

މިނިސްޓަރު ޝިޔާމް އިތުރަށް ވިދާޅުވީ، ރާއްޖެއަށް
ގެއްލިގެން ދިޔަ ކަނޑުގެ އަޑީގައި ހުރީ ކޮން އެއްޗެއްކަން ވެސް ނޭނގޭ ކަމަށާއި، އެތަނުގައި
ކޮންމެ ފަދަ މައުދަނެއް ވެސް ހުރެދާނެ ކަމަށެވެ.

މަސްވެރިކަމަށް ލިބުނު ގެއްލުން ދިރާސާ ކުރަން ޖެހޭނެކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ، ރާއްޖެއަށް މި ވަގުތު ކުރިމަތިވެފައިވާ މާލީ
އުނދަގުލުން ވެސް ސަލާމަތްވާ ވަރުގެ މައުދަން އެ ކަނޑުގެ ސަރަހައްދުގައި ހުރެދާނެ ކަމަށެވެ.

އެހެންކަމުން އެ ސަރަހައްދުގެ ސަބަބުން މަސްވެރިކަމަށް
ލިބޭ ގެއްލުމާ ބެހޭ ގޮތުން ފުރިހަމަ ދިރާސާއެއް ހެދުމުގެ މުހިންމުކަން މިނިސްޓަރު ވިދާޅުވި އެވެ.

އަޅުގަނޑުމެންނަށް ކިހިނެއްތޯ އެނގެނީ އެ ކަނޑުގެ
އަޑީގައި ހުރީ ކޮން އެއްޗެއް ކަމެއްވެސް، ކޮން ކަހަލަ މައުދަނެއް ކަމެއްވެސް،
އަޅުގަނޑުމެން މި އުޅޭ މާލީ އުނދަގުލުން ވެސް ސަލާމަތްވާ ވަރުވެސް ވެދާނެ ނޫންތޯ،
އެތަނުގައި ހުރީ ކޮން އެއްޗެއް ކަމެއް ވެސް ނޭނގެ ވިއްކާލިއިރު
އަހުމަދު ޝިޔާމް 

ޗާގޯސްއަކީ ރާއްޖޭގެ ސަރަހައްދެއް ކަމަށް ރައީސް މުއިއްޒު އާއި އެމަނިކުފާނުގެ ސަރުކާރުން ވިދާޅުވި ނަމަވެސް، އެތަން
އިނގިރޭސިންގެ ބާރުގެ ދަށުގައި އޮތުމަށް އެމަނިކުފާނު ތާއީދުކުރައްވާކަން ހާމަ ކުރައްވާފައިވާތީ،
އެ ސިޔާސަތުގެ ފުށުއެރުންތަކެއް ހުރިކަން ސާފުކޮށް ފެނެ އެވެ. އަދި މި
މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކާ ދެކޮޅަށް
ސަރުކާރުން ކުރާ ކަމެއް ވެސް އަދި ނުކުތް އަމަލީ ނަތީޖާއެއްވެސް ނުފެނި، ދައުރު
ދެބައިވެ ބޮޑުވެގެން ދިއުމުން މިއީ ހަމައެކަނި ސިޔާސީ ބޭނުމަކަށް ދައްކަވާ
ވާހަކަފުޅުތަކެއްކަން ހާމަވަމުންދާކަމަށް ގިނަ ބަޔަކު ދަނީ ބުނަމުންނެވެ.