މ. މުލަކުގެ ހައުސިންގ މަޝްރޫއުގެ އަމަލީ މަސައްކަތް އަދިވެސް ނުފަށާތީ އެކަމުގެ ކަންބޮޑުވުން އެ ރަށު ކައުންސިލުން ފާޅުކޮށްފި އެވެ. 

މ. މުލަކު ކައުންސިލްގެ ރައީސް އަހުމަދު ޖަމާލު މިކަމުގެ ކަންބޮޑުވުން ފާޅުކުރައްވާ ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ މުލަކުގައި 50 ހައުސިންގ ޔުނިޓް އެޅުމުގެ މަސައްކަތް ކުންފުންޏަކާ ހަވާލު ކުރީ 2025 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައި ކަމަށެވެ. 

ނަމަވެސް އެ މަޝްރޫއުގެ އެއްވެސް މަސައްކަތެއް ނުހިނގާތީ ކޮންޓްރެކްޓަރާއި ސުވާލުކުރުމުން ބުނެފައި ވަނީ މަސައްކަތް ނުފެށި އޮތީ މަޝްރޫއު ހިންގުމަށް ނިންމާފައިވާ ބިމުގައި ހުރި ރުއްގަސްތަކުގެ ވެރިފަރާތްތަކަށް ބަދަލު ދިނުމުގެ ކަންކަން ނުނިމޭތީ ކަމަށް ޖަމާލު ވިދާޅުވި އެވެ. 

އަދި ބިން ހަވާލު ކުރުމަށް ތަކެތީގެ ތަފްސީލް ނަގައި، މިނިސްޓްރީއަށް ފޮނުވިތާ މަހެއް ވެފައިވާއިރު ފައިސާގެ ކަންކަން އަދިވެސް ހަމަނުޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. 

މ. މުލަކު ހައުސިންގ މަޝްރޫއަކީ 200 ކުންފުންޏަކަށް ސަރުކާރުން މަޝްރޫއުތައް ހަވާލުކުރުމަށް ބޭއްވި ރަސްމިއްޔަތުގައި ކުންފުންޏަކާ ހަވާލު ކުރެވުނު މަޝްރޫއެކެވެ. ރައީސް މުއިއްޒު 2025 ވަނަ އަހަރު ސެޕްޓެމްބަރު މަހުގެ ތެރޭގައި މުލަކަށް ވަޑައިގެން ހައުސިންގ މަޝްރޫއުގެ އަމަލީ މަސައްކަތް އެ އަހަރުގެ ތެރޭގައި ފަށާނެ ކަމަށް ވެސް ވިދާޅުވެފައިވެ އެވެ.