ބުއްދިވެރިގޮތަކީ ކައުންސިލްތަކުގެ ބިންތައް އަތުލެވޭ އިސްލާހުގެ ބިލު އަނބުރާ ގެންދިޔުން ކަމަށް
ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ލާމަރުކަޒީ ނިޒާމުގެ ދިފާއުގައި އެމްޑީޕީ އިން ރައްޔިތުންގެ މަޖިލިސް ކައިރީގައި އަންގާރަ ދުވަހު ބޭއްވި އަޑު
އުފުލުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، މި ބިލު ފާސްކުރުމުގެ މައިގަނޑު
ސަބަބަކީ ދައުލަތުގެ ފުރިހަމަ ބާރުގެ ދަށަށް ގައުމު ގެނައުން ކަމަށެވެ. އަދި މި ބިލުގައި ހާމަކޮށްފައިވާ މަގުސަދު ހާސިލުނުވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ
ވިދާޅުވެފައި އެވެ.

ހަމައެއާއެކު ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާާއި މި ބިލާ ވަރަށް ބޮޑަށް
ތައާރުޒުވެ އަރާރުން ބޮޑުވާ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. އަދި މި ބިލުގައި
އެތައް ބައިވަރު އުނިކަންކަން އެބަހުރި ކަމަށާއި، ގިނަ ގޯސްތަކެއް ހެދިފައިވާ ކަމުގެ ކަންބޮޑުވުން އޮތްް ކަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. މިގޮތުން ލޭންޑްޔޫޒް ޕްލޭނެއް ހެދުމުގެ ކުރިން ވެސް
ސަރުކާރަށް ބިމެއް ނެގޭނެ ކަމަށް މި ބިލުގައި ބުނެފައިވާކަން ރައީސް ނަޝީދު
ފާހަގަކުރެއްވި އެވެ.

ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި މި ބިލާ ވަރަށް ބޮޑަށް ތައާރުޒުވޭ، ވަރަށް އަރާރުން ބޮޑު. އަދި ފުންކޮށް ބައްލަވައިފިއްޔާ އެ ބިލުގައި އެބަވޭ އެހެން ބައިވަރު އުނި ކަންތައްތައް ވެސް، ބައިވަރު، އަޅުގަނޑު ހިތުން ހެދިފަ ހުރި ގޯސްތައް އެބަވޭ. އޭގަ އެބަވޭ ލޭންޑްޔޫޒް ޕްލޭން ހެދުމުގެ ކުރިން ވެސް ބިމެއް ސަރުކާރަށް ނެގެން ވެއްޖެޔާ ނެގޭނެކަމަށް.
މުހައްމަދު ނަޝީދު 

މީގެއިތުރުން ރާއްޖޭގައި ބިމާ ބެހޭ ގާނޫނެއް އޮންނާނެ ކަމަށާއި، އަދި
އެ ގާނޫނުގެ ދަށުން ބިން ރަޖިސްޓްރީ ކުރުމުގެ ގަވާއިދެއް އޮންނާނެކަން ރައީސް ނަޝީދު ފާހަގަކުރެއްވި އެވެ. ނަމަވެސް ރަށްރަށުގައި މިހާރު ބިންތައް ރަޖިސްޓްރީ
ކޮށްދޭނީ ކޮންބައެއް ކަމާމެދު ސުވާލު އުފެދޭ ކަަމަށް ވެސް ރައީސް ނަޝީދު ވިދާޅުވި އެވެ. 

މީގެ އިތުރުން ރައީސް ނަޝީދު ވިދާޅުވީ، މި ބިލަކީ އެއްވެސް ވިސްނުމަކާ ނުލައި ތައްޔާރުކޮށްފައިވާ ބިލެއް ކަމަށެވެ. އެހެންކަމުން، މި ބިލު އަނބުރާ ގެންދިޔުމަށް އަދި ރައީސް ޑރ. މުހައްމަދު މުއިއްޒު މި ބިލު ތަސްދީގު ނުކުރެއްވުމަށް ވެސް ނަޝީދު ވަނީ ގޮވާލައްވާފަ އެވެ. 

މި ބިލާ މެދު ހުރި ކަންބޮޑުވުންތައް އެމްޑީޕީގެ ލާމަރުކަޒީ ކޮމިޓީ އިން
ވަނީ ސަރުކާރުގެ އެކި މުއައްސަސާތަކަށް ހުށަހަޅާފައި އެވެ. ނަމަވެސް، އެއްވެސް މުއައްސަސާއަކުން
މިކަމާ ގުޅޭ ގޮތުން އެއްވެސް ވާހަކައެއް ދައްކާާފައި ނުވެ އެވެ.