ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށް އަނެއްކާވެސް ސަރުކާރުން ހާމަކޮށްފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އަންގާރަ ދުވަހުގެ ޖަލްސާގައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ ރައީސް މުއިއްޒުގެ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ.

ދިވެހިރާއްޖޭގައި މަރުގެ ހުކުމް ތަންފީޒު ކުރާނެ ކަމަށާއި، އެއީ ހަމައެކަނި އިހުތިޔާރު ކުރެވެން އޮތް ކަމެއް ނޫން ކަމަށް މާޗް 23، 2026 ގައި ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވެ އެވެ.

ރައީސް އޮފީހުގައި އޮތް ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖެއަކީ ސައްތަ އިން ސައްތަ މުސްލިމު ގައުމަކަށް ވާތީ، މަރުގެ ހުކުމް ތަންފީޒު ކުރުމަކީ އިސްލާމީ ޝަރީއަތާ އެއްގޮތަށް ކުރަންޖެހޭ ކަމެއް ކަމަށެވެ. އަދި އެކަން ކުރުމާއި ނުކުރުމަކީ ގައުމުގެ ވެރިއަކަށް ހުންނަ ފަރާތަކަށް ލިބިދޭ އަމިއްލަ އިޚްތިޔާރެއް ނޫން ކަމަށްވެސް އެމަނިކުފާނު ވަނީ ފާހަގަ ކުރައްވާފަ އެވެ.

ރާއްޖޭގައި މިހާރުވެސް މަރުގެ ހުކުމް
އިއްވާފައިވާ ގިނަ ބަޔަކު ތިބިކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ
މަރުގެ ހުކުމް ތަންފީޒު ކުރުމާ ގުޅޭ ހާއްސަ ގާނޫނެއް އެކުލަވާލުމުގެ
މަސައްކަތް މިހާރު ބާރުސްޕީޑުގައި ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެޓާނީ
ޖެނެރަލްގެ އޮފީހުން ތައްޔާރުކުރާ އެ ބިލު އޭޕްރީލް މަހުގެ ތެރޭގައި
ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާނެ ކަމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.

”އެ ބިލު މަޖިލީހުން ފާސްވެގެން އައުމުން
ބިލު ތަސްދީގުކުރެވުނީމަ ޝަރުޢީ ހުރިހާ މަރުހަލާއެއް ފުރިހަމަވާ، މަރުގެ
ހުކުމް ތަންފީޒު ކުރުމަށް ފުރިހަމަވާ ހުރިހާ ފަރާތްތަކެއްގެ މަރުގެ އަދަބު
ތަންފީޒު އިރާދަކުރެއްވިއްޔާ މި ސަރުކަރުން ކުރާނެ،“ ރައީސް ވިދާޅުވި އެވެ.

ރައީސް މުއިއްޒު އިތުރަށް ވިދާޅުވީ، މަޖިލީހުން އެ
ބިލު ފާސްކޮށް، ގާނޫނަކަށް ވުމާއެކު ޝަރުއީ ހުރިހާ މަރުހަލާއެއް ނިމިފައިވާ
މީހުންގެ މައްޗަށް އެ ހުކުމް ތަންފީޒު ކުރަން ފަށާނެ ކަމަށެވެ.

އަންގާރަ ދުވަހުގެ ޖަލްސާގައި މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން މިނިސްޓަރު ޢަލީ އިޙްސާން ވިދާޅުވީ ސަރުކާރުގެ ސިޔާސަތާ އެއްގޮތަށް މަރުގެ ޙުކުމް ތަންފީޒުކުރާނެ ކަމަށެވެ. އެކަން ކުރުމުގައި ޤާނޫނީގޮތުން ފުރިހަމަކުރަންޖެހޭ މަރުހަލާތައް އެބަހުރި ކަމަށާއި އެ މަސައްކަތްތައް މިހާރު ކުރަމުންގެންދާ ކަމަށް އިހުސާން ވިދާޅުވި އެވެ. 

އޭޕްރީލް މަހުގެ ތެރޭގައި މަރުގެ ހުކުމް ތަންފީޒު ކުރުމާ ބެހޭ ބިލު މަޖިލިހަށް ފޮނުވުމުގެ މަސައްކަތް ބާރު ސްޕީޑްގައި ކުރިއަށްދާ ކަމަށް ކުރިން ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް، އޭގެ ހަތަރު މަހަށް ވުރެ ގިނަ ދުވަސްވީ ފަހުން މިނިސްޓަރު އިހުސާން ވިދާޅުވީ އަދި ވެސް ބިލު މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުން ގެންދާ ކަމަށެވެ.

"މަރުގެ ޙުކުމް ތަންފީޒުކުރުމަކީ މި ސަރުކާރުގެ ސިޔާސަތެއް އެއީ. އަޅުގަނޑުމެން އެކަން ކުރާނެ. އެކަމަކު އެކަން ކުރުމަށްޓަކައި ގަވަރން ކުރަންޖެހޭ މަރުގެ ހުކުމް ތަންފީޒީ މަރުހަލާ ޤާނޫނީގޮތުން ކަވަރ ކުރަން. އެހެންވެ އެއަށް ބޭނުންވާ ޤާނޫނެއް ފަރުމާކޮށްފައި މި ޢިއްޒަތްތެރި މަޖިލީހަށް ފޮނުވުމުގެ މަސައްކަތް މިވަގުތު އަޅުގަނޑުމެން ކުރަމުންދަނީ. އޭގެ އަނެއް ފަރާތަކީ ތަންފީޒީ މަރުހަލާގެ ތައްޔާރުވާންޖެހޭ ކަންކަމަށް އަޅުގަނޑުމެން މިދަނީ ތައްޔާރުވަމުން."
މިނިސްޓަރު އިހުސާން

މުއިއްޒުގެ ސަރުކާރުގެ ސިޔާސަތަކީ މަސްތުވާތަކެތި އެތެރެކުރުމަކީ މަރުގެ އަދަބު ދެވޭ ކުށުގެ ތެރޭގައި ހިމެނުމެވެ. އެ ގޮތުން ގާނޫނަށް ވެސް މިހާރު ވަނީ އެ ބަދަލު ގެނެސްފަ އެވެ.